ރާއްޖޭގައި ގަސް އިންދުން؛ ޝަރުޢީ ގޮތުން ވާޖިބުނުވާނެތޯ އެވެ!

ރާއްޖޭގައި ގަސް އިންދުން؛ ޝަރުޢީ ގޮތުން ވާޖިބުނުވާނެތޯ އެވެ!

ގަސް އިންދާ ހެއްދުމުގެ އާންމު ހުކުމަކީ ޝައްކެއް ނެތެވެ. އެއީ ވަރަށް މަތިވެރި ސަވާބާއި ދަރުމަހުރި ކަމެކެވެ. މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގެ މާނައިގައިވެ އެވެ. "ގަހެއް އިންދައިފި މީހަކަށް ކުރެވުނު ޞަދަޤާތެއްކަމުގައި ނުވާނެ ގޮތަކަށް، އާދަމުގެ ދަރިޔަކު ނުވަތަ އެހެންވެސް މާތްކަލާނގެ ޚަލްޤުތަކުންކުރެ ޚަލްޤެއް އެގަހަކުން ނުކާނެ އެވެ." ތިމާގެ ދެއަތުން އިންދައިފި ކޮންމެ ގަހެއްގެ މޭވާއިން ވިޔަސް ހިޔަލުންވިޔަސް ކޮންމެ ގޮތަކުންވިޔަސް އޭގެ ބޭނުން މީހަކު ކުރަނީނަމަ، އެއިން ކޮންމެ ފަހަރަކު ޞަދަޤާތެއްގެ ސަވާބު ގަސް އިންދި މީހާއަށް ލިބިގެންދާކަން މިބަސްފުޅުން އެނގެ އެވެ.

ގަހެއްގެ ކުރިއެއް ނުވަތަ ގޮފިކޮޅެއް އަތުގައި އޮއްވައި، ޤިޔާމަތްވިޔަސް، އެގޮފިކޮޅެއް ބިމުގައި އިންދުމަށް ކުޅަދާނަކަން ލިބުނުނަމަ އެގޮފިކޮޅެއް ވެސް އިންދުމަށް މާތް ނަބިއްޔާ އިރުޝާދުދެއްވާފައިވެ އެވެ. ގަސްއިންދުމަށް އިސްލާމްދީނުގައި މިހާވަރަށް ބާރުއަޅާފައިވަނީ ކަމެއްވެގެންނެވެ. އެކަމުގައި އިންސާނިއްޔަތުގެ ލާބަޔާއި މަންފާ އެކުލެވިގެންވާތީއާއި އޭގެ އިދިކޮޅުގައި އިންސާނިއްޔަތުގެ ހަލާކު ވެގެންވާތީ އެވެ.

މުސްލިމުންގެ ލަޝްކަރުތައް ހަނގުރާމައަށް ފޮނުއްވުމުގައިވެސް މާތް ނަބިއްޔާ ވަސިއްޔަތްކުރައްވާ އުޅުއްވި ކަންތައްތަކުގެ ތެރޭގައި ގަސްގަހާގެހި ނުކެނޑުމަށް އަމުރުކުރައްވާފައިވެ އެވެ. އަދި އެވަސިއްޔަތުގައި ދެންހުރި ކަންކަމަށް ބަލާއިރު، ގަސްގަހާގެއްސަށް އިސްލާމްދީން ދީފައިވާ ދަރަޖަ ހާމަވެ އެވެ. އެހެނީ ހަނގުރާމައަށް ދާއިރު ދެއްވާއުޅުއްވި އެ ވަސިއްޔަތުގައި ވަނީ، ގަސްގަހާގެހި ނުކެނޑުމަށާއި، އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި ބަލިމީހުން ޤަތުލުނުކުރުމަށާއި، އަދި ހަނގުރާމައިގައި ވެސް ޤަތުލުކުރުމުގައި ހައްދުފަހަނައަޅާ ނުދިއުމަށާއި މަރުވާ މީހުންގެ މުޅަމަސްގަނޑަށް އިހާނެތިކޮށް ނުހިތުމަށެވެ.

އިންސާނީ ނަސްލަށް އިހްތިރާމްކުރުމުގެ ލިސްޓެއްގައި، ގަސްގަހާގެއްސަށް ގެއްލުން ނުދިނުން މާތް ނަބިއްޔާ ހިމަނުއްވާފައިވަނީ ހިކުމަތުން ފުރިގެންވާ ގޮތުގަ އެވެ. ގަސްގަހާގެއްސަކީ އިންސާނީ ދިރުމާއި ދުނިޔޭގެ ދިރުމާ ނުހަނު ގުޅިފައިވާ އެއްޗަކަށްވާތީ އެވެ. އިންސާނުންގެ ޙަޔާތަށް ގަސްގަހާގެހީގެ މުހިންމުކަމުގެ ބޮޑުކަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު ވަރަށް ވިއްސާރަ އެވެ. ބޯކޮށް ވާރެ ވެހެމުން ނުދާ ގަޑިތަކުގައި އާދަކޮށް މޫސުން އޮންނަނީ ޗާލުކޮށްނެވެ. މިދުވަސްވަރު އާންމުކޮށް ހޫނުމިން އެހާ މައްޗަކަށް ނުދެ އެވެ. އެކަމަކު އަޅުގަނޑާއެކު މީގެ މަހެއްހާ ދުވަސްކުރިޔަށް އޭޕްރީލް މަހުގެ ދިހަވަނަ ދުވަހަށް ވަޑައިގަންނަވާށެވެ! ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން އެދުވަހު ހާމަކުރި ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އެދުވަހު ހޫނު މިން ހުރީ 40 ޑިގްރީއަށްވުރެ މަތީގަ އެވެ. އަދި ވެރިރަށް މާލޭގައި އިހުސާސްކުރެވޭ ހޫނުމިން އެދުވަހު ހުރީ 48 ޑިގްރީގަ އެވެ. މައުލޫމާތު ކުށްކަމުގައިނުވާނަމަ، ނުވަދިހައިގެ އަހަރުތަކުގައި އެންމެ މައްޗަށް ހޫނުމިން ރިކޯޑްކުރެވިފައިވަނީ 36 ޑިގްރީއަށް އެރި ދުވަހެއްގަ އެވެ. އޭރާއި މިހާރުގެ ތަފާތު ވަޒަންކުރައްވާށެވެ!

ކުރިއަށް އޮތް ސަތޭކަ އަހަރާ ހަމައަށް ވިސްނާވަޑައިގަންނަވާށެވެ! އޭރު އަދި މިދިވެހިރާއްޖޭގައި އުޅޭނީ ފުރަތަމަ ދަރަޖައިން އަހަރެމެންގެ ދަރީންނެވެ. ހޫނުމިން މައްޗަށް ދިއުމާމެދު އަދި މައްސަލައިގެ ހައްލާމެދު އެތަކެއް ތަޖުރިބާކާރުން އެތަކެއް ވާހަކަފުޅުތައް ދައްކަވަ އެވެ. އަދި ނުކުރާންވީ ކަންކަމާއި ކުރާންވީ ކަންކަމުގެ ވާހަކަދެއްކުމަކީ ހުރިހާ ސަރުކާރަކުންވެސް އަބަދުވެސް ކުރަމުންގެންދާ ކަމެކެވެ.

އާދޭހެވެ! ދުނިޔެ ހޫނުވުމަށް ދިމާވާ ވަރަށް ގިނަ ކަންކަމަކީ ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަހަރެމެން ދިވެހިންނަށް މާބޮޑު ބާރުވެރިކަމެއް އޮތްކަމެއް ނޫންކަމުގައި މީހަކު ބުނެފާނެ އެވެ. އެކަމަކު އަހަރެމެންނަށް އަހަރެމެންގެ ރާއްޖޭގެ ހާލަތު މިހާރަށްވުރެ އެތައް ގުނައެއް ރަނގަޅުކުރެވިދާނެ އެވެ. ގަސްއިންދާ ގިނަކުރުމަކީ، ހޫނުމިން މައްޗަށް ދިއުން ކުޑަކުރުމަށް އިންތިހާއަށް މުހިންމުކަމެއްކަމާމެދު އެއްވެސް އިންސާނަކު ދެބަހެއް ނުވާނެ އެވެ. ހޫނުމިން އެކަންޏެއްނޫނެވެ. ރަށްތަކުގެ ވަށައިގެން ހުންނަ ގަސްގަހާގެއްސަކީ، ވިއްސާރަ މޫސުމުގައި ޖެހެމުންދާ ގަދަ ވައިގައި، އަދި ރަށުގެ ހޭޅިފަށަށް މުގުރާ އަޅާ ރާޅުތަކުން، ރަށްތަކަށް އޮންނަ ބޮޑުސިންގާ ޤުދުރަތީ ހިމާޔަތްތެރިކަމެއްވެސްމެ އެވެ. މީގެ އިތުރުން ގަސްގަހާގެހީގެ ފެހިކަމާއި ރީތިކަމުން ހިތަށް ލިބޭ ތަސައްލީއާއި ނަފުސަށް ލިބޭ ހަމަޖެހުމާއި، ދުޅަހެޔޮކަމަށް ކުރާ އަސަރަކީ ވެސް ކިޔާ ކޮޅުންލާ ވަރަށްވުރެ ގިނަ ވާހަކަތަކެވެ.

އިސްލާމީ ފިޤުހުގައި ޝަރުޢީ ޙުކުމްތައް ދެނެގަތުމުގައި މުހިންމު އެއް ޤާއިދާއެއްގައި ބަޔާންކުރާ ގޮތުގައި، އެކަމަކާ ލައިގެން މެނުވީ ވާޖިބުކަމެއް އަދާނުކުރެވޭ ކޮންމެ ކަމަކީ ވާޖިބެކެވެ. މާނައަކީ، ޝަރުޢީ ގޮތުން ވާޖިބުވާކަމެއް ފުރިހަމަކުރުމަށްޓަކައި ނުވަތަ އަދާކުރުމަށްޓަކައި އޮތް ވަސީލަތަކީ އެވަސީލަތް ވެސް ބޭނުންކުރުން ވާޖިބުވާނެ ވަސީލަތެކެވެ. މީގެ މިސާލުގެ ގޮތުގައި ޢިލްމުވެރިން ހިމަނުއްވަނީ، މިސާލަކަށް އިންސާނާގެ ހަށިގަނޑު ސަލާމަތުން ބެހެއްޓުން އޭނާއަށް ވާޖިބެވެ. ނަމަވެސް، ހަށިގަނޑަށް ވަކި މާއްދާއެއް ލިބޭ އެއްޗެއް ކެއުމާއި ނުކެއުމަކީ އޭނާގެ އިޚްތިޔާރުގައި އޮންނަ ހުއްދަ ކަމެކެވެ. އެހެންނަމަވެސް ވަކި މާއްދާއެއް ހަށިގަނޑުން ކޮންމެވެސް ސަބަބަކާ ހުރެ މަދުވާ މަދުވުމުގެ ސަބަބުން، އޭނާގެ ސަލާމަތަށް ނުރައްކާވާނަމަ، އެމާއްދާ ލިއްބައިދޭނޭ ތަކެތި އޭނާ ކެއުން އެހާލަތުގައިވަނީ ވާޖިބަކަށެވެ.

ރާއްޖޭގެ ހޫނުމިން އަހަރަކަށްވުރެ އަހަރެއް މައްޗަށް އަރަމުންދަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށްކަމާމެދު ސުވާލެއް ނެތެވެ. އަދި ގަސްގަހާގެހި ގިނަކުރުމަކީ އެކަމަށްޓަކައި ކުރެވިދާނެ މުހިންމުކަންބޮޑު ކަމެއް ކަމާމެދު ވެސް ބަހުސެއް ނެތެވެ. ވީއިރު، ރާއްޖެއާއި އެތަނުގެ އަހުލުންގެ ސަލާމަތްތެރިކަމަށްޓަކައި އެތަނުގައި ގަސްއިންދާ ގިނަކުރުމަކީ ޝަރުޢީގޮތުން ރާއްޖޭގެ ހާލަތަށް ބަލާއިރު، މަތިވެރިވެގެންވާ ސަވާބުހުރި ކަމަކަށްވުރެ ޝަރުޢީގޮތުން ވާޖިބެއްގެ ދަރަޖައަށް އުފުލިގެންދާނެ ކަމަކަށް ނުވާނެތޯ އެވެ؟

ނިމިގެންދިޔަ ހަފުތާގައި ހުވާކުރި މި ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ހިތުގެ ފުންމިނުން ތަހުނިޔާއާއި މަރުހަބާ ދަންނަވަމުން ހަމަ މި ނޭވާގައި، އަޅުގަނޑު އެދޭ އެންމެ ބޮޑު އެދުމަކީ، ޤާނޫނެއް ހައްދަވައި ފާސްކޮށްދެއްވުމެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ވަށައިގަން ބޯކޮށް ގަސްހައްދާފައި ހުރުން ކައުންސިލްތަކުގެ މައްޗަށް ލާޒިމުކުރާ ގޮތަށެވެ. އަދި ރަށުގެ ހިސާބަކުންވެސް ހުސް ބިންކޮޅެއް އޮތްނަމަ އެތަނެއްގައިވެސް ހިޔާދޭ ބޮޑެތި ގަސްތައް ހެއްދުން ލާޒިމުކުރާ ގޮތަށެވެ. އަދި މީގެ އިތުރުން، ހަމަ އެގާނޫނުގައި ލިޔެދެއްވާށެވެ! ސިޔާސީ ކޮންމެ މަގާމެއްގައި ހުރި ކޮންމެ މީހަކު ރާއްޖޭގެ ކޮންމެވެސް ތަނެއްގައި ގަހެއް އިންދުމަށްފަހު އެކަން ކުރާ މަންޒަރު ވީޑިއޯކޮށް ޓްވީޓްކުރެއްވުން ވެސް ލާޒިމުކަމަށެވެ. އަދި އެކަން ނުކުރާ ފަރާތްތައް ބަލައި ހޯދައި، އެކަން ކޮށްފުމަށް ދާންދެން އެމީހެއްގެ މުސާރަ ނުދީ ހިފެހެއްޓުމަށެވެ. މިކަހަލަ ޤާނޫނެއް ހަދައިގެން އުފެދިދާނެ ސިޔާސީ އަރާރުމެއް އެހެން މީހަކަށް ގެއްލޭނެ މަސްލަހަތެއް ނުމެނެތެއްނޫންތޯ އެވެ! ފައިދާއެއް ވިއްޔާ ވާނީ ވެސް އެންމެންނަށެވެ.

މިއީ ސަމާސާ ވާހަކައެއް ނޫނެވެ. ހޫނުމިން އިތުރުވަމުންދާ މައްސަލައަކީ އަހަރެމެންގެ ދިރިހުރުމާއި ނެތިދިއުމާ ގުޅިފައި އޮތް މައްސަލައެކެވެ. މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ބޮޑެތި ފަސް ލަނޑުދަނޑީގެ ތެރޭގައި ނަފްސު ސަލާމަތްކުރުން ހިމެނިގެންވެ އެވެ. މިޖީލާއި ދެން އޮތް ޖީލުގެ ނަފުސުގެ ހިމާޔަތަށްޓަކައި ކުރުން ވާޖިބު ކޮންމެ ކަމަކީ ޝަރުޢީ ގޮތުން ވާޖިބެކެވެ. އެކަމެއް ދޫކޮށްލައިފިނަމަ، ބޮޑު ތަނުން ފާފަވެރިވާނެ މައްސަލައެކެވެ.

އަންނިސާއު ސޫރަތުގެ ނަވާވީސް ވަނަ އާޔަތުގެ ފަހުބައި މިތަނުގައި ނަކަލުކޮށްލިޔަދެއްވާށެވެ! " އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް އޯގާވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެ އެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox