ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށާއި ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުޑަކުރުމަށް އަމާޒުކޮށްގެން އަޅާފައިވާ މުހިންމު އިސްލާހީ ފިޔަވަޅުތަކެއް ހިމަނާފައިވެ އެވެ. ބަޖެޓު ފޮތުން އެނގޭ ގޮތުގައި އެ ބަޔާންކުރާ ދައުލަތުގެ މާލީ ކަންކަމާ ގުޅޭ އިސްލާހުތައް ޖުލައި 2024, ގައި ފަށަން އޮތީ ރާވައި ހިމަނައިފަ އެވެ.
ޖުލައި މަސް ފެށެން ގާތްގަނޑަކަށް މަހެއްހާ ދުވަސް އޮތްއިރު މި އިސްލާހުތައް ތަންފީޒު ކުރުން އޮތީ އަދި ސުވާލެއްގެ ތެރޭގަ އެވެ. އެއީ އެ ކަމަށް ބޭނުންވާ މަގުޗާޓާއި, ތާވަލުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައި ނުވާތީ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތައް އަޅަން ވައުދުވެ މާލީ ވަޒީރު ވާހަކަތައް ދެއްކި ނަމަވެސް، އެ ކަންކަމަށް އަމަލީ ސިފަ ގެނައުމަށް މަސައްކަތްކުރަމުން ނުދާތީ އަދި އެ ޕްލޭންތަކުގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމަކުރަމުން ނުދާތީ، އަހަރުގެ ދެބައިވަން ކައިރިވަމުން އަންނައިރު، ގައުމުގެ މާލީ ސިއްހަތުގެ ކުރިމަގާ މެދު ކަންބޮޑުވުން އެބައޮތެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުން މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ އިގުތިސާދީ ފުން އަނދަވަޅަކުން ރާއްޖެ ސަލާމަތްވުން ދައްޗެވެ. އެހެންވެ، ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ އިސްލާހުތައް ގެނައުމުގެ ކެރުން ހުންނާންޖެހެ އެވެ.
ބަޖެޓުގައި ބަޔާންކޮށްފައިވާ ފިސްކަލް އިސްލާހުތައް
ކަރަންޓާއި ފިއުލް ސަބްސިޑީ ޓާގެޓުކޮށް ހައްގުވެރިންނަށް އެކަނި ލިބޭނެ ގޮތަށް އެކުލަވާލުން
ބަޖެޓުގައި ހުށަހަޅާފައިވަނީ ކަރަންޓާއި ތެލުގެ ސަބްސިޑީ ކުޑަކުރުމަށާއި، މި ފައިދާތައް އެންމެ ބޭނުންވާ މީހުންނަށް ފޯރާނެ ގޮތަށް އަމާޒު ކޮށްގެން އުސޫލުތައް ތައާރަފު ކުރުމަށެވެ.
ނަމަވެސް, މި ސަބްސިޑީ އަލުން ރުކުރުވާލާނެ ގޮތުގެ ތަފުސީލުތައް އަދިވެސް ހާމައެއް ނުކުރެ އެވެ. އެ ކަންކަން ތަންފީޒު ކުރުމަށް އިއުލާން ކޮށްފައިވާ ޓައިމްލައިނެއް ވެސް ނެތެވެ. މި ލަސްވުމުގެ ސަބަބުން މި އަހަރުގެ ކުރިއަށް އޮތްތަނުގައި ގޮންޖެހުންތައް ބޮޑުވެ، ސަބްސިޑީގެ ހަރަދުތައް ބަޖެޓު ކުރި ވަރަށްވުރެ ބޮޑުވެގެންދާނެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިސްލާހުކޮށްގެން, ދައުލަތުގެ ހަރަދަށް އޮންނަ ޕްރެޝަރު ކުޑަކުރަން ވެސް ބަޖެޓުގައި އޮތީ ރާވާފަ އެވެ. މިއީ ސަބްސިޑީ ރިޕޯމާއި ގުޅިފައިވާ ކަމެއްކަން ވެސް ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، ސިޔާސީ ހަދިޔާ ދޭ ޖާޑިއެއްގެ ގޮތުގައި އޮތް ކުންފުނިތަކުން މަޖިލިސް އިންތިހާބުގައި ފެނުނީ ހަމަ އެ މަންޒަރެވެ. ހަރަދު ކުޑަ ކުރުމެއް ނެތެވެ. ހެސްކިޔާފައި ވަޒީފާ ބަހައިލީ އެވެ. ކުރީގައި މި މައްސަލަ ދިމާނުވާ ބައެއް ކުންފުނިތަކުގައި ވެސް، ސިޔާސީ ބޭނުމަށް މީހުން ވަޒީފާއަށް ވެއްދުމުގެ މައްސަލަ ބޮޑުވެފައިވާކަމުގެ އަޑުތައް ދަނީ އިވެމުންނެވެ. ޕްރޮމޯޝަން ދިނުން ވެސް އެފަދަ ގޮތަކަށެވެ.
އޭގެ އިތުރުން، ކުންފުނިތައް ހިންގުމަށް ނާގާބިލު ފަރާތްތައް އައްޔަނު ކުރުމާއި، ޕްރޮކިއުމަންޓު އުސޫލުތަކަށް ތަބާނުވެ، ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރުމުގެ މައްސަލަތައް ސީދާ ކުންފުނިތައް ހިންގަން ހަވާލުކުރި ވެރިން ފެންމަތިކޮށްފި އެވެ. ޕީސީބީއަށް އެފަދަ މައްސަލަތައް ހުށަހެޅިއްޖެ އެވެ.
އިތުރު އާ ކުންފުނިތައް ހެދުމުގެ ސަބަބުން، އެ ކުންފުނިތައް ހިންގުމަށް ސަރުކާރުން ހޭދަކުރަން ޖެހުމުގެ އިތުރުން، އެ ތަންތަނުގެ ކެޕިޓަލް ހޯދުމަށްވެސް އިތުރު މާލީ ބުރައެއް އުފުލަން މިހާރު އޮތީ ޖެހިފަ އެވެ.
އާސަންދައިގެ އިސްރާފު ކުޑަކުރުން
ނޮވެމްބަރު 2023, ގައި ބޭހުގެ އަގު ކުޑަކުރުމަށް ޔޫއެންޑީޕީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ބަލްކް ޕްރޮކިއުމަންޓް އެގްރީމަންޓެއްގައި ސޮއިކުރި ނަމަވެސް، އަދިވެސް މި ޕްރޮކިއުމަންޓްގެ ހާލަތާ ބެހޭ އެއްވެސް އަދާހަމައެއް ލިބިފައި ނުވެ އެވެ.
ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުން މި ޕްރޮގްރާމްގެ ދަށުން 23 ބޭހެއްގެ އަގު 48 ޕަސެންޓަށް ކުޑަކުރެވޭނެ ކަމަށް ލަފާކުރި ނަމަވެސް، ބޭހުގެ އަގާއި އާސަންދަ ބިލްތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
އާސަންދައިން އާންމުކުރި ތަފާސްހިސާބުތަކުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދައިގެ ހަރަދުތައް އޭގެ ކުރީ އަހަރަށް ވުރެ ފަސް އިންސައްތަ އިތުރުވެފައިވާކަން ވަނީ ހާމަވެފަ އެވެ. އެއީ 838 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދައަށް ހަރަދުކުރީ 799 މިލިއަން ރުފިޔާ އެވެ.
އާސަންދައިގެ އިސްރާފު ކުޑަކުރުމަށް މިހާތަނަށް އެޅި ފިޔަވަޅެއް ފާހަގަ ނުވި ނަމަވެސް އާ ހިދުމަތްތައް އެ ސްކީމުގައި ހިމަނައިފި އެވެ. އެހެންކަމުން، އާސަންދައިގެ ހަރަދު ކުޑަކުރުމަށް ވެސް ގޮންޖެހުންތައް ކުރިމަތިވަމުންދާނެ ކަމަށް ބެލެވެއެވެ.
ޕޭ ހާމަނައިޒޭޝަން ބަހާލައިގެން ކުރުން
ބަޖެޓުގައި ޕޭ ހާމޮނައިޒޭޝަން ނުވަތަ މުސާރަތައް އެއްހަމަ ކުރުމަށް 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރާވައިފައިވަނީ ބައިބަޔަށް ބަހައިގެން، ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރުގެ ތެރެއިން މުސާރައިގެ ސިޔާސަތު އެއްހަމަ ކުރުމަށެވެ.
އެގޮތުން، އެމްއެންޑީއެފް އަދި ފުލުހުންގެ މުސާރަ ވަނީ މި އަހަރުގެ މާޗު މަހުން ފެށިގެން ބޮޑުކޮށްފަ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޖެޓުގައި ކަނޑައެޅިފައިވާ ޕްލޭނަށްވުރެ އަވަހަށް ފެށުނު ކަމަކަށް ވާތީ، ޕޭ ހާމަނައިޒޭޝަނަށް ކަނޑައެޅުނު އަދަދަށްވުރެ ބޮޑަށް ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ.
ވެލްފެއާ ހަރަދުތައް ކުޑަކުރުން
މި ކަންކަމުގެ އިތުރުން، ވެލްފެއާއަށް ކުރާ ހަރަދު ކުޑަކުރުމަށްވެސް ދައުލަތުގެ ބަޖެޓުގައި ރާވައިފައިވެ އެވެ. ވެލްފެއާއަށް ދައުލަތުން ހަރަދުކުރަނީ އެންސްޕާ މެދުވެރިކޮށާއި އެކި މުއައްސަސާތަކުގެ ބަޖެޓުގެ ތެރެއިންނެވެ. އެންސްޕާއިން ކުރާ ހަރަދުތަކަށް ބަލާއިރު، ހިސާބުކިތާބުން ފެންނަ ގޮތުގައި ވޭތުވެދިޔަ އަހަރާ ދާދި އެއްވަރަށް ހަރަދުތައް ކޮށްފައިވެ އެވެ.
އެހެންކަމުން، ފިޔަވަޅެއް އަޅައިގެން ހަރަދު ކުޑަވިކަމެއް ފެންނާކަށް ނެތެވެ. އަދި ހަރަދު ކުޑަކުރުމަށް ސިޔާސަތަށް ގެނައި ބަދަލެއްވެސް އިއުލާނެއް ނުކުރެ އެވެ. އޭގެ އިތުރުން، ސިފައިންނާއި ފުލުހުންނަށް ބަޖެޓުގެ ތެރެއިން ދެމުންދާ ކެއުމާއި، ބޭސްފަރުވާ އާއި ރިޓަޔަމަންޓު އިނާޔަތްތަކަށް ވެސް ބަދަލެއް ގެނައި ކަމުގެ އިޝާރާތެއް ސަރުކާރުން ކޮށްފައިނުވެ އެވެ.
މި ފިޔަވަޅުތައް އަޅާނެކަމަށް ބަޖެޓުގައި ރާވައިފައިވަނީ އަދި މާލީ ވަޒީރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ހާމަކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރިއަށް ގެންދާ ގޮތަށެވެ. މި އަހަރުގެ ޖުލައި މަހުގައި މި ފިޔަވަޅުތައް ފަށާނެ ނަމަ، މިހާރު މީގެ ތަފްސީލުތައް އާންމު ކުރަން ޖެހެ އެވެ.
ލަސްވާ މިންވަރަކަށް ތަންފީޒުކުރުން ވެސް ލަސްވާނެ އެވެ. މިއީ މިއަހަރުގެ ބަޖެޓަށް އަހަރުގެ ފަހުކޮޅުގައި ގޮންޖެހުންތައް ބޮޑުވާނެ ކަމެކެވެ. އެކަން ނުކޮށްފިނަމަ މި ފިސްކަލް އިސްލާހުތައް ގެނައުމަށް ލިބޭ ފުރުސަތު ބީވެގެން ދާނެ އެވެ. އިގުތިސާދަށް ބޮޑު ގެއްލުމެއް ކުރިމަތިވުމުގެ ހިރާސް ބޮޑެވެ.
ބަޖެޓުގައި ނެތް ކަންކަން ފަށައިގެން ހަރަދު ވީ ބޮޑު
ބަޖެޓުގައި ރާވައިފައިވާ ހުރިހާ އިސްލާހީ ފިޔަވަޅުތައް ލަސްވެފައި ވާއިރު، ސަރުކާރުން ވަނީ ބަޖެޓް ނުހިމެނޭ ބައެއް މަސައްކަތްތައް ފަށާފަ އެވެ. އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ކޭޝްފްލޯގެ ހާލަތު ވާނީ އިތުރަށް ގޯހެވެ.
އޭގެ ތެރޭގައި ސިޔާސީ ވަޒީފާ އިތުރުކުރުމާއި، އެއާ އެމްބިއުލާންސްގެ ހިދުމަތް ފަދަ އާ ހިދުމަތްތައް ތައާރަފު ކުރުމާއި، ޑްރޯން ގަތުމާއި، ސްކޫލް އޭސީ ޕްރޮޖެކްޓާއި، ބަޖެޓަށް ބެލުމެއް ނެތި ހުރިހާ ފަރާތްތަކަށް ސްޓޫޑެންޓް ލޯނު ދިނުމާއި، ގައުމިއްޔަތުގެ މަޝްރޫއު އާއި، އެކި ޖަމިއްޔާ ޖަމާއަތްތަކަށާއި މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.
ހަރަދުތަކުގެ ތަފްސީލުތައް ހާމަ ނުކޮށް ވަންހަނާ ސިޔާސަތެއް ގެންގުޅުމަކީ މާލީ ގޮތުން އުފެދޭ ކަންބޮޑުވުން އިތުރުވާ ކަމެކެވެ. ސިޔާސީ ވަޒީފާތަކުގެ އަދަދާއި، ތިބި ބައަކާއި، އެ ކަމަށް ދާ ހަރަދެއް ވެސް ސަރުކާރުން އިސްވެ ހާމަނުކުރެ އެވެ. އާރްޓީއައި ލައިގެން ލިބުނީ މަދު މިނިސްޓްރީއެއްގެ މުވައްޒަފުންގެ މައުލޫމާތެވެ.
ފިސްކަލް ރިޕޯޓްތަކުން ފެންނަ ގޮތުގައި މުވައްޒަފުންނަށް ކުރާ ހަރަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މުވައްޒަފުންނަށް ހިނގާ ހަރަދު މި އަހަރު ވަނީ 11 ޕަސެންޓުން އިތުރުވެފަ އެވެ. ރިކަރަންޓް ހަރަދުވެސް ވޭތުވެދިޔަ އަހަރަށްވުރެ ދެ ޕަސެންޓުން އިތުރުވެއްޖެ އެވެ.
މިފަދަ ކަންކަމުގެ ސަބަބުން، ދައުލަތުގެ މާލިއްޔާ މިވަގުތު ދަތުރު ކުރަމުންދަނީ ސަރުކާރުން ބަޖެޓުގައި ރާވާފައިވާ މިސްރާބުގައި ނޫންކަން ސާފުވެ އެވެ.
ބަޖެޓުން ހަރަދުތައް ހަމަޖެއްސުމަށް ދަތިވެ ތަރައްގީގެ މަޝްރޫއުތަކަށް ހިޔަނި
މާލީ އިސްލާހީ ފިޔަވަޅުތައް ލަސްވެ، އިތުރު ރިކަރަންޓު ހަރަދު ކުރަމުން ދިއުމަކީ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް ދަތިވާނެ ކަމެކެވެ. ޖީއެސްޓީ ބޮޑުކުރުމާއި ޓޫރިސްޓުން ގިނަވުމުން އާމްދަނީ މަތިވަމުން ދިއުމުގެ ފައިދާ އާއި ބިލުތައް މަޑުޖެއްސުމާއި ސަރުކާރު ކުންފުނިތަކަށް ބަރޯސާވެގެން ކޭޝްފްލޯ ވަގުތީ ގޮތުން ހަމަޖެއްސުނު ނަމަވެސް، މިއީ ދާއިމީ ހައްލަކަށް ނުވާނެ އެވެ.
އާސަންދައިން އާންމު ކުރި ތަފާސްހިސާބުތަކުން، މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު އެ ސްކީމަށް 838 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ބުނެފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ރިޕޯޓްތަކުން މެއި މަހުގެ މެދާ ހަމައަށްވެސް ފެންނަން ހުރީ 675 މިލިއަނެއްހާ ރުފިޔާގެ ހަރަދެވެ. އެހެންކަމުން، މަދުވެގެން 200 މިލިއަނެއްހާ ރުފިޔާގެ ބިލު އާސަންދަ ކުންފުނީގައި ހަރުލާފައިވާ ކަމަށް އަންދާޒާ ކުރެވިދާނެ އެވެ.
މަސްވެރިންނަށް ދޭ ފައިސާ ވެސް ނުދެވި ދިގުލައިދާ އަޑު ކެނޑިގެން ނުދެ އެވެ. މިވަގުތު ވެސް އެ އަދަދު 60 މިލިއަނަށް ވުރެ އިތުރެވެ. މިދުވަސްވަރު މޫސުން އޮމާންކޮށް އޮވެ، މަހަށް ފުރުން އިތުރު ނަމަ، މަސްވެރިންނަށް ދޭންޖެހޭ ދަރަނި އެތައް ސަތޭކަ މިލިއަން ރުފިޔާ އަކަށް ގުނަ ވެގެންދާނެ ކަމަށް ވެސް ބެލެވެ އެވެ. ކޭޝްފްލޯ ތާށިވުމުގެ ސަބަބުން ދައުލަތުގެ ކޮންމެ ދިމާލެއްގައިވެސް އަދާނުކުރާ ބިލުތައް ހުންނާނެ އެވެ.
ސަބްސިޑީގެ ހަރަދަށް ބަލާއިރު، އެސްޓީއޯގެ ސަބްސިޑީ ފަސްކުރަމުންދާކަންވެސް ފާހަގަވެ އެވެ. އެސްޓީއޯ ފަދަ ސަރުކާރު ކުންފުނިތަކުގެ ކޭޝްފްލޯގެ އެހީގައި މައި ސަރުކާރު ހިންގުމަކީ ގިނަ މަސްތަކަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މިހާރު ހުރި މިސްރާބުން ލަފާކުރެވޭ ގޮތުގައި މި އަހަރު ކުރިއަށް އޮތީ ސަރުކާރަށް މާލީ ގޮތުން ދަތި އަދި އުނދަގޫ މަސްތަކަކެވެ.
ރިކަރަންޓް ހަރަދު ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ހަމަޖެއްސުމަށްޓަކައި، ސަޕްލިމެންޓަރީ ބަޖެޓެއް ފާސްނުކުރާނަމަ، ދެން ސަރުކާރަށް ކުރެވޭނެ ކަމަށް ލަފާކުރެވެނީ އެންމެ ކަމެކެވެ.
އެއީ މިހާރުވެސް ހަދަމުންދާހެން ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމެވެ. މިހާރު ދައުލަތުގެ ހަރަދު ކުޑަކަމަށް ފެންނަނީ ޕީއެސްއައިޕީގެ ހަރަދުތައް ވޭތުވެދިޔަ އަހަރަށްވުރެ 50 ޕަސެންޓު ކުޑަވުމުންނެވެ. އެހެންކަމުން ކުރިމަގުގައި ވެސް، ފިސްކަލް އިސްލާހުތައް ތަންފީޒުކުރުން ލަސްވުމާއި، ރިކަރަންޓް ހަރަދު ބޮޑުކުރަމުން ދިއުމުގެ އަގު ދައްކަން ޖެހެނީ ތަރައްގީގެ މަޝްރޫއުތަކުންނެވެ.
މާލީ ސިޔާސަތަށް ލިބޭ ތައުރީފާއި ތަންފީޒު ކުރުމުގެ ހަގީގަތް
ކޮވިޑާއި ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް އިސްލާހީ ފިޔަވަޅު އަޅަން ޖެހޭނެކަން ސަރުކާރުން ދިޔައީ ހާމަކުރަމުންނެވެ. ވޯލްޑް ބޭންކް އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދައުލަތުގެ ފިސްކަލް ޕްލޭންތަކަށް ތައުރީފު ކުރިއިރު، އެ ޕްލޭންތައް ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ފަހަތު ފަޔަށް ބުރަވެފަ އެވެ.
އެގޮތުން، ޖީއެސްޓީ ރޭޓްތައް ބޮޑުކޮށް، އާމްދަނީގެ ބޮޑެތި ފިޔަވަޅުތައް ތަންފީޒުކުރި ނަމަވެސް، ހަރަދު ކުޑަކުރުމަށް ސަރުކާރުތަކުން ވަނީ ފަސްޖެހިފަ އެވެ. މި ލަސްވުމުގެ ސަބަބުން ދައުލަތުގެ ހަރަދު ބޮޑުވެ، ގައުމުގެ މާލީ ދުޅަހެޔޮކަން ހީނަރުވެދާނެކަ މަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.
މި އިސްލާހީ ފިޔަވަޅުތަކާ ނުލައި، ރާއްޖޭގެ އިގުތިސާދީ ހަމަޖެހުމަށް ބުރޫ އަރައި، ސަރުކާރުގެ ކޭޝްފްލޯ ތާށިކަން ބޮޑުވެ، އިއާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ރާއްޖޭ އިގުތިސާދީ އަދި މާލީ ނިޒާމަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ތަންފީޒުކުރުން ލަސްވެފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން 2024 ގެ ބަޖެޓަށް ބޮޑެތި ނުރައްކާތަކެއް އެބައޮތެވެ. މެދުރާސްތާގެ މާލީ ހަމަޖެހުމަށް އޮތް ހިރާސް ބޮޑެވެ.
އިގުތިސާހިދީ ހަމަޖެހުން ކަށަވަރުކޮށް، ނޭދެވޭ ބޮޑު އަސަރުތަކަކުން ސަލާމަތްވުމަށްޓަކައި ކަނޑައެޅިފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. މި އިސްލާހުތައް ތަންފީޒުކުރުމުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި, ޖަވާބުދާރީވުމަކީ އާންމުންނާއި, ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.












