ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކު ކަނޑައަޅަން މިއަދު ނެގި ވޯޓުގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި، ލ. ފޮނަދޫ ދާއިރާގެ މެންބަރު، އަބްދުއްރަހީމް އަބްދުﷲ އަށް ޕީއެންސީގެ ހުރިހާ މެންބަރުން ވޯޓު ނުދެއްވާނެކަން ކުރިން ވެސް އެނގޭ ކަމަށް އެ ޕާޓީގެ ޕަލަމެންޓު ގުރޫޕު ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ހުވާ ކުރެއްވުމަށްފަހު ޕީއެންސީ ޕީޖީ ގުރޫޕުން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފަލާހު ވިދާޅުވީ ޕީއެންސީން ކުރިން ވެސް ގަސްދުކޮށްގެން ތިބީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އަބްދުއްރަހީމްއަށް ނުލިބޭނެ ކަމަށެވެ.
"[މިއަދު] މަޖިލީހުގެ ތަޅުމުގައި މިއަދު ނެގުނު ވޯޓަކީ ހަމަ އަޅުގަނޑުމެން، އެ އަދަދު އެއީ ހަމަ އަޅުގަނޑުމެން ބަލައިގެން ތިބި އަދަދު އިނގޭތޯ ފުރަތަމަ ހަމަ، އަޅުގަނޑުމެން ގަސްދުކޮށްފައި އޮތް ގޮތަށް ހަމަ ވޯޓުގެ ކަންކަން ދިޔައީ،" ފަލާހު ވިދާޅުވި އެވެ.
މިއަދު ހުވާ ކުރި މަޖިލީހުގެ ރައީސް ހޮވަން ހެނދުނު ނެގި ވޯޓުގައި މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 92 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ވޯޓު ނުލައްވަނީ މިއަދުގެ ރިޔާސަތު ބެލެހެއްޓެވި، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ.

މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބެވި ނަމަވެސް މިއަދުގެ ވޯޓުގައި އަބްދުއްރަހީމްއަށް ވޯޓުދެއްވީ 71 މެންބަރެކެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލިސް ރައީސްކަމަށް ކުރިމަތިލެއްވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލްއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. ބާކީ ހަތް ވޯޓު ވީ ބާތިލެވެ.
މަޖިލީހުގެ ރައީސްއަކު ހޮވުމަށް ނެގި ވޯޓުގައި އަބްދުއްރަހީމްއަށް 71 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުގެ ހަތަރު މެންބަރަކު ވެސް މަޖިލީހުގައި ތިއްބަވަ އެވެ. އެއީ މިއަދުގެ ރިޔާސަތު ބެލެހެއްޓެވި، އަހުމަދު ސިޔާމްއާއި ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސްއާއި މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ނާޒިމް އެވެ.
އަބްދުއްރަހީމްއަށް ޕީއެންސީގެ ހުރިހާ މެންބަރުން ވޯޓު ނުދެއްވި ނަމަވެސް މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ސީދާ ރައީސުލްޖުމުްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އެވެ. އަބްދުއްރަހީމްގެ ނަން އެމަނިކުފާނު ހުށަހެޅުއްވީ މުލިއާގޭގައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިއަދު ހުވާކުރެއްވި ހުރިހާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގެ ތެރޭގަ އެވެ.
މަޖިލިސް ރައީސްކަމަށް މިއަދު އިންތިހާބުވެވަޑައިގެންނެވި އަބްދުއްރަހީމްއަކީ މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ. އެމަނިކުފާނަކީ ފާއިތުވި ފަސްއަހަރު އިދިކޮޅުގެ ހުންގާނުގައި ވެސް ހިއްޕަވައިގެން ހުންނެވި މާލިމީ އެވެ.
ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ޕީއެންސީގެ ހުރިހާ މެންބަރުން އަބްދުއްރަހީމްއަށް މިއަދު ވޯޓު ނުދިނުުގެ ކުރިން ވެސް ޕީއެންސީ ޕީޖީ ގުރޫޕު ތެރޭގައި އަބްދުއްރަހީމްއާ މެދު ހިތްހަމަ ނުޖެހުންތަކެއް ބައެއް މެންބަރުންގެ އޮތް ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް މިހައިތަނަށް ޕީއެންސީން ދިޔައީ އެކަން ދޮގު ކުރަމުންނެވެ.












