ބައި ގަރުނަށް ވުރެ ގިނަ އަހަރުވެފައިވާ ރާއްޖޭގެ ޓޫރިޒަމަކީ ދުނިޔޭގެ އެއް ނަންބަރެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ދުނިޔޭގެ ލީޑިން ޓޫރިޒަމް ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖޭން ހޯދުން މިކަމުގައި ހެއްކަކަށް ފުދެ އެވެ. މި ދޮންވެލި ގޮނޑުދޮށްތަކާއި, ބިއްލޫރި މޫދާއި, ކުލަކުލައިގެ މުރަކައިން ޖަރީވެފައިވާ ފަރުތަކާއި, ގުދުރަތީ ދިރުންތަކާއި, ދިވެހިންގެ ހިނިތުންވުމާއި މެހުމާންދާރީއާ އެކުލާމެހިފައި އޮތް "ސަނީ ސައިޑް އޮފް ލައިފް" ބްރޭންޑަކީ މި ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރައުސުމާލެވެ.
ދުނިޔޭގެ ހަތަރު ބިތުގައި ތިބި އަށް ބިލިއަނަށް ވުރެ ގިނަ މީހުން މި ޖަޒީރާތަކަށް ހިތްޖައްސުވައި ފަތުރުވެރިންގެ ގޮތުގައި ގެނައުމަށް އިޝްތިހާރު ކުރުމުގެ ޒިންމާ މަތިކޮށްފައި އޮތީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ އެވެ. "ވިޒިޓް މޯލްޑިވްސް" ގެ ބެލެނިވެރިޔަކީ އެ ކުންފުންޏެވެ. ވެރިކަން ބަދަލުވުމަށް ފަހު އެ ކުންފުނި ހިންގުމާ ހަވާލުވީ ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް ފެނިގެންދިޔަ ފާތިމަތު ތައުފީގު (ކުޑީ) އެވެ.
އޭގެ 10 ވަރަކަށް ދުވަސް ފަހުން އެ ކުންފުނީގެ ޗެއާޕާސަނެއްގެ ގޮތުގައި އައްޔަނުކުރީ 10 އަހަރުގެ މެނޭޖުމަންޓު ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓަންޓެއް ކަމަށްވާ އައިޝާ ނޫރައިން ޖަނާހު އެވެ. ރައީސްގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.
ފާއިތުވި ފަސް މަހުގެ ތެރޭގައި އެމްއެމްޕީއާރުސީ ފެނުނީ "ކޮންޓްރޮވާސީ" ގައި ގެތިފައި އޮތް ތަނެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސޯސް މާކެޓު ކަމަށްވާ އިންޑިއާ ދެކޮޅަށް މެނޭޖިން ޑިރެކްޓަރު ޓްވީޓު ކުރުމާއި މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެކެވެ. އިތުރުވަމުންދާ ފަތުރުވެރިކަމުގެ ސަޕްލައިއާ އެއްވަރަށް ޑިމާންޑު ހޯދުމަށް ރާއްޖެ އިސްތިހާރު ނުކުރެވޭ ކަމަށް މަޓާޓޯގެ ކަންބޮޑުވުން ވެސް ހިމެނޭހެންނެވެ.
އިއްޔެ ޗެއާޕާސަންކަމުން 146 ދުވަހަށް ފަހު ނޫރައިން އިސްތިއުފާ ދެއްވުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާން ކަމަކަށެވެ. ނަމަވެސް, އޭނާ އިސްތިއުފާ ދެއްވީ އެ ކުންފުނިގެ ހިންގުން ބޮއްސުންލައި, "ބޯޑުގެ ޒިންމާތައް ޕްރޮފެޝަނަލިޒަމް އާއި ކޯޕަރޭޓް ގަވާނަންސް ޕްރިންސިޕަލްސް އާ އެއްގޮތަށް ނަޒާހަތްތެރިކަމާއެކު" އަދާކުރަން ހުރަސްތައް ކުރިމަތިވުމުންނެވެ.
އިސްތިއުފާގެ ސިޓީއާއެކު ނޫރައިން ވަނީ ޗެއާޕާސަންގެ ދައުރުގައި ފާހަގަކުރެވުނު ކޯޕަރޭޓް ގަވަނެންސާ ހިލާފު ކަންކަމާއި ގުޅޭ ރިޕޯޓެއް އިނގިރޭސި ބަހުން ހުށަހަޅާފަ އެވެ. އެ ރިޕޯޓުގައި ހުރި ކަންކަމަކީ އޭނާ ދެކޭ ގޮތުގައި "ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖޭގައި އޮތް ބައިނަލްއަގްވާމީ މަގުބޫލުކަން ހިމާޔަތް ކުރުމަށް" ބަދަލުކުރަން ޖެހޭ ކަންކަމެވެ.
ބަޖެޓާއި ބަޖެޓެއް! މާލީ ޒިންމާ ނެތި ހަރަދުކުރުން ހައްދުން ނެއްޓިފައި!
އެމްއެމްޕީއާރުސީން ހަރަދުތައް ކުރާއިރު ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) އާއި ފައިނޭންސް ޓީމަށް ނޭނގި ހަރަދު ކުުރާ ކަމަށް ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށް އެ ރިިޕޯޓުގައި ބުނެފައިވެ އެވެ. ހަރަދު ކުރުމަށް ބޯޑުން ހުއްދަ ހޯދުމަށް ހުށަހަޅަނީ ފައިނޭންސަށް ނޭނގި އެވެ.
ބޯޑަށް ލިޔެކިޔުންތައް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށް ބުނި ނަމަވެސް ޑިރެކްޓަރުންނަށް އެ މަރުހަލާތައް ފުރިހަމަނުކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ.
"ރަނގަޅަށް ތައްޔާރު ނުވެ ޕްލޭނަކާ ނުލައި އެންމެ ފަހު ވަގުތު ޕްރޮކިއުމަންޓަށް އެދުމުގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ އިތުރަށް ހަރަދު ކުރަން ޖެހުނު. މިކަން ސަމާލުކަމަށް ގެނެސް ބޯޑް ޑިރެކްޓަރު މެނޭޖުމަންޓުގެ އަރިހުން އެދިފައިވަނީ ބަޖެޓަށް ބޯލަނބައި އިތުރަށް ހަރަދުތައް ނުހިނގާނެ ގޮތަށް ޕްލޭންތައް އެކުލަވާލުމަށް," އެ ރިޕޯޓުގައި ނޫރައިން ލިޔުއްވާފައިވެ އެވެ.
އާންމުކޮށް ޓެންޑަރަށް ހުޅުވާލުމުގެ ބަދަލުގައި ސިންގަލް ސޯސްކޮށް ޕްރޮކިއުމަންޓު ހަދަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ. ކުންފުނީގެ ބަޖެޓާއި ސަރުކާރުގެ ބިލުތަކާ ދެމެދު 30 މިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށާއި ސަޕްލަޔަރުންނަށް ގިނަ ފައިސާތަކެއް ދައްކަން ހުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން އަވަސްކޮށް ދައްކަން ޖެހޭ ޕޭމަންޓުތައް ދެއްކުމަށް ފިނޭންސާއެކު އަބަދުވެސް މުއާމާލާތް ކުރަމުންދާ ކަމުގެ ޔަގީންކަން މެނޭޖުމަންޓުން ޑިރެކްޓަރުންނަށް ދިނެވެ.
"އަޅުގަނޑުގެ އީމެއިލް އެޑްރެސް އޮންލައިންކޮށް ހޯދައިގެން ސަޕްލަޔަރުން ވަނީ މެނޭޖުމަންޓާ މުއާމާލާތް ނުކުރެވޭ ކަމުގެ ޝަކުވާ ފޮނުވާފައި. ބައެއް ސަޕްލަޔަރުން ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. މީގެ ތެރެއިން އެއްވެސް މައުލޫމާތެއް މެނޭޖުމަންޓުން ބޯޑާ ހިއްސާ ނުކުރޭ. ހަމައެކަނި ކުރަން ޖެހޭ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށް މެނޭޖުމަންޓުން ބޭނުމެއް ނުވޭ," ނޫރައިން ރިޕޯޓުގައި ފާހަގަކުރެއްވި ސަޕްލަޔަރުންގެ ތެރޭގައި ދުނިޔޭގެ ވަރުގަދަ މީޑިއާތަކާއި, އެއާލައިންތަކާއި ޕީއާރު ކުންފުނިތައް ހިމެނެ އެވެ.
މިފަދަ މާލީ ދަތި ހާލަތެއްގައި ކުންފުނި އޮއްވައި ވެސް ބޯޑުން ޗުއްޓީ ނުނަގައި ބަޖެޓު ހުއްދަ ނެތި މެނޭޖިން ޑިރެކްޓަރު ފާތިމަތު ރާއްޖޭން ބޭރަށް ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ކުރަމުންދާ ކަމަށް ނޫރައިން ފާހަގަކުރެއްވި އެވެ. އެ ދަތުރުތަކާ ގުޅޭ އެއްވެސް ރިޕޯޓެއް އޭނާ ހުށަނާޅާ ކަމަށް ނޫރައިން ލިޔުއްވާފައިވެ އެވެ.
ޑިރެކްޓަރުންގެ ބޯޑުގެ އޮޑިޓު ކޮމިޓީ މަސައްކަތް ނުކުރާ ކަމަށާއި އެފަދަ ކޮމިޓީއެއް ޗެއާޕާސަން ކަމަށް ޝަރުތު ހަމަވާ ބޯޑު މެމްބަރަކު ނެތް ކަމަށް ވެސް ނޫރައިންގެ ރިޕޯޓުގައި އޮތެވެ. އެކަމުގެ ޒިންމާ ބޯޑުގެ ހުރިހާ މެމްބަރުން ވެސް ނަގަން ޖެހޭނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ދުރުވިސްނުމެއް އިސްތިރާޖީ ނިންމުންތައް ނިންމުމުގެ ގާބިލުކަމެއް ނެތް
ގާނޫނީ ގޮތުން ހަދާ އެއްބަސްވުންތަކާއި ޕާޓްނާޝިޕްތަކާއި މުހިންމު ނިންމުންތަކުގެ މައުލޫމާތު ބޯޑަށް މެނޭޖުމަންޓުން ނާންގާ ކަމަށް ވަނީ ރިޕޯޓުގައި ބަޔާންކޮށްފަ އެވެ. މައުލޫމާތުތައް ހިއްސާކުރުމަށް ބޯޑުން އެންގި ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ނޫރައިން ލިޔުއްވާފައިވެ އެވެ.
މުޅި ކުންފުންޏަށް ގެއްލުންވެދާނެ ފަދަ ސައިބާ ސެކިއުރިޓީ ބްރީޗުތަކެއް އެތަކެއް ފަހަރަކު ފާހަގަކުރެވުނު ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް އައިޓީ ކޮންސަލްޓަންޓަކު ނަގާފައިވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ. އެކަންކަން އިސްލާހު ކުރުމަށް ކުރި ކަންކަމުގެ އެއްވެސް މައުލޫމާތެއް ވެސް މެނޭޖުމަންޓުން ބޯޑާ ހިއްސާ ނުކުރެ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި ބޯޑުން އެދުނު ކަންކަމާއި ހުށަހެޅި ކަންކަމުގެ ކުރިއެރުން ލިބިފައިނުވާތީ މެނޭޖުމަންޓުގެ ޕާފޯމަންސާއި އުފެއްދުންތެރިކަން ދަށް ކަމަށް ވެސް އޭނާގެ ރިޕޯޓުގައި އޮތެވެ. ބޯޑާއި މެނޭޖުމަންޓާ ދެމެދު އޮތް ހިޔާލު ތަފާތުވުންތައް އެއްގޮތަށް ކުރުމަށް މަޝްވަރާ ކުރުމަށް ވެސް މެނޭޖުމަންޓުން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ނޫރައިން ވިދާޅުވެފައިވެ އެވެ.
އިސްތިރާޖީ ގޮތުން ކުންފުނީގެ ކަންކަން ރޭވިފައި ނުވުމާއި ނަތީޖާ ސާފު ނިންމުންތައް މެނޭޖުމަންޓުން ނުނިންމާތީ ކުންފުނީގެ މަގުސަދުތަކުގެ އަމާޒު ގެއްލިފައިވާ ކަމަށް ނުރައިން ދެކެވަޑައިގަންނަވަ އެވެ. ބޯޑުން ހުށަހެޅި އިސްތިރާޖީ ރޭވުންތަކާއި އަމާޒުތައް ތަންފީޒު ކޮށްފައި ނުވާ ކަމުގެ ކަންބޮޑުވުން ވެސް އޭނާގެ އެބައޮތެވެ.
"ބޯޑަށް ހުށަހަޅާ އިސްތިރާޖީ ހުށަހެޅުންތަކާއި އެކްޝަން ޕްލޭންތަކުން ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ ފެންވަރާއި [ޓޫރިޒަމް] އިންޑަސްޓްރީގެ އެންމެ އާދައިގެ މައުލޫމާތު ނޭނގޭކަން ފާހަގަކުރެވޭ," އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހިންގުން ދޯހަޅިވެ މުވައްޒަފުންގެ ރޫހު ގެއްލިއްޖެ
އެންމެފަހު ވަގުތު މާކެޓިން ހަރަކާތްތައް ޕްލޭން ކުރުމުގެ ސަބަބުން ސަޕްލަޔަރުންނާއި ސްޓޭކްހޯލްޑަރުންގެ ސަބަބުން "ކެއޯސް" ނުވަތަ ކަންކަން ބޮއްސުންލައިފައި އޮންނަ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ. އިވެންޓުތަކަށް ތައްޔާރުވުމަށް ބޭރުގެ ސްޓޭކްހޯލްޑަރުންނާ އެކު ބައްދަލުވުންތައް ނުބާއްވާކަން ވެސް އޭނާއަށް ފާހަގަކުރެވިފައިވެ އެވެ.
"މެނޭޖުމަންޓުން ބައެއް ސްޓޭކްހޯލްޑަރުންނަށް ހާއްސަ އަހަންމިއްޔަތުކަމެއްދީ އެހެން ބައެއް ސްޓޭކްހޯލްޑަރުންނާ މުއާމާލާތް ނުކުރޭ. އިންޑަސްޓްރީގެ މުހިންމު ސްޓޭކްހޯލްޑަރުންނާ މެދު އޮތް އިތުބާރު ދަށްވެ އެކުގައި މަސައްކަތް ނުކުރެވޭ," ކަންބޮޑުވުން ފާޅުކުރައްވަމުން ނޫރައިން ލިޔުއްވާފައިވެ އެވެ.
އެމްއެމްޕީއާރުސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ގިނަ މުވައްޒަފުންތަކެއް ކުންފުނިން ވަކިވެގެންދިޔައިރު ބޯޑު އޮފް ޑިރެކްޓަރުންނަށް އެކަމާ ގުޅިގެން މެނޭޖުމަންޓުން "އެކްސްޕްލެނޭޝަން" އެއް ނުވަތަ ތަފްސީލުތަކެއް ދެވިފައި ނުވެ އެވެ. އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މުވައްޒަފުންތަކެއް ވަކިވި ކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި މިއަހަރު ތެރޭ ދައުރުވި އެވެ.
މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުމުންދާ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން ބަލަން ފެށިކަން ހާމަކުރީ އެޕްރީލް އެކެއްގަ އެވެ. ނޫރައިންގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މައްސަލައިގައި ވެސް ކުންފުނިން އަމަލުކޮށްފައިވަނީ ގޯސްކޮށެވެ.
"ޑިރެކްޓަރުންގެ ބޯޑުގެ ލަފަޔާއި ގާނޫނީ ލަފާ ވެސް މެނޭޖުމަންޓުން ބަލައިގަނެފައި ނުވޭ. މިއަދާ ހަމައަށް ވެސް ޖިންސީ ފުރައްސާރައިގެ ތަހުގީގުގެ މަރުހަލާތަކާއި ތަހުގީގު ރިޕޯޓު ބޯޑް އޮފް ޑިރެކްޓަރުންނާ ހިއްސާކުރަން މެނޭޖުމަންޓުން ވަނީ ދެކޮޅު ހަދާފައި. މިކަމުގެ ސަބަބުން ސްޓާފުންގެ ރައްކާތެރިކަމާއި ސްޓާފުންގެ މެދުގައި އޮތް ރޫހަށް ވަނީ އަސަރުކޮށްފައި," އިއްޔެ ނޫރައިން ފޮނުވި ރިޕޯޓުގައި ލިޔެފައިވެ އެވެ.
މެނޭޖުމަންޓަށް ބޭނުންވާ ވަރަށް މަސައްކަތް ނުކުރެވޭތީ އެ ބާގަނޑުތައް ބެއްދުމަށް ބޯޑުގެ ނަން އެގްޒެކެޓިވް މެމްބަރުން ބޯޑު ބައްދަލުވުންތަކުގެ ބޭރުން ގިނަ ވަގުތުތަކެއް ހޭދަކުރަަން ޖެހުމުގެ ކަންބޮޑުވުންތަކެއް ވެސް އޭނާގެ އެބައޮތެވެ. ނޫރައިން ދެކޭ މި މައްސަަލަތަކީ މެނޭޖުމަންޓަށް ހައްލުކުރެވޭނެ ފަދަ މައްސަލަތަކެކެވެ. ބޯޑަށް އެންމެ ފަހު ވަގުތު ކަންކަން ހުށަހެޅުމުގެ ސަބަބުން ނިންމުން ނިންމަން ޖެހެނީ ފުރިހަމަ މައުލޫމާތު ނެތި ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.
"މި ދެންނެވި ކަންތައްތަކަކީ، ދުރު ރާސްތާގައި އެމްއެމްޕީއާރުސީ ހަރުދަނާކޮށް ދެމިއޮތުން ކަށަވަރުކުރުމަށް ޓަކައި އަދި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށްޓަކައި ކޮންމެހެން ރަނގަޅު ކުރަން ޖެހޭ ކަންކަން, އެދެނީ ބޯޑުން މިކަންކަމަށް ހައްލު ހޯދައިދިނުމަށް."
"ވިޒިޓް މޯލްޑިވްސް" ގެ ބެލެނިވެރި ކުންފުނި މިފަދަ ދަށް ހާލަތެއްގައި އޮތް ކަމަށް އެ ކުންފުނީގެ ޗެއާޕާސަންކަން ކުރެއްވި ތަޖުރިބާ ހުރި ބޭފުޅަކު ވިދާޅުވުމަކީ ކަންބޮޑުވާން ޖެހޭ ކަމަކެވެ. ޓޫރިޒަމުގައި "ސަނީ ސައިޑް އޮފް ލައިފް" އޮންނަން ޖެހޭނީ އެހެން ގައުމަކަށް ފަތިގަނޑު ފިރުކާނުލެވޭ ހިސާބުގަ އެވެ. އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ޓޫރިޒަމުގެ މޫނުމަތި ކަމަށްވާއިރު އެ މަސައްކަތް ފެށެނީ އެ ކުންފުންޏާ ހިސާބުންނެވެ.












