މެންޗެސްޓާ (މެއި 20) - އަންނަ އަހަރު ކޮންޓްރެކްޓް ހަމަވުމުން، މެންޗެސްޓާ ސިޓީ ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޖެހިޖެހިގެން ހަތަރު ވަނަ ފަހަރު، ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީ ގާޑިއޯލާ ވަނީ އެ ކްލަބަށް އިނގިރޭސި ފުޓްބޯޅައިގައި ޝަރަފްވެރި މަގާމެއް ހޯދައިދީފަ އެވެ. މިއީ، މިދިޔަ ހަތް ސީޒަނުގެ ތެރޭގައި ސިޓީން ލީގު ހޯދި ހަ ވަަނަ ފަހަރެވެ.
އަންނަ ސީޒަނުގެ ނިޔަލަށް ގާޑިއޯލާއާ އެކު ސިޓީގެ ކޮންޓްރެކްޓް އޮތްއިރު، އޭނާ ބުނީ، ކުރިއަށް އޮތީ އެ ކްލަބާ އެކު އޭނާގެ ފަހު އަހަރަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ހަގީގަތަކީ އަހަރެން މަަޑުކުރުމަށް ވުރެ ގާތީ ކްލަބް ދޫކޮށްލުން،" މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ގާޑިއޯލާ ބުންޏެވެ.
"މިހާރު އަށް އަހަރު އެވީ، ދެން އެ ވަނީ ނުވަ އަހަރު، އަހަރެން މި ވަގުތު ވިސްނައިގެން މި ހުރީ އަންނަ ސީޒަނުގައި މަޑުކުރަން، ދެން، އަންނަ ސީޒަނުގެ ތެރޭގައި އަހަރެމެން ވާހަކަ ދައްކައިގެން މި ކަމަށް ގޮތެއް ނިންމުން އޮތީ،"
ގާޑިއޯލާ ބުނީ، މިދިޔަ ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމަށް ފަހު، ސިޓީއާ އެކު އޭނާ އަށް ކްލަބެއްގައި ހުރެ، ހޯދޭނެ ހުރިހާ ކާމިޔާބެއް ހާސިލްކުރެވުމަށް ފަހު، އަމިއްލަ ނަފްސާ ކުރެވުނު އެއް ސުވާލަކީ އިތުރަށް ހޯދޭނެ ކާމިޔާބަކާ މެދު ކަމަށެވެ. އެކަމަކު، ޖެހިޖެހިގެން ހަތަރު އަހަރު އެއްވެސް ބަޔަކަށް ލީގު ހޯދިފައިނުވާތީ، މި ސީޒަނުގައި އެ ކާމިޔާބު ހޯދަން މަސައްކަތް ފެށީ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ސިޓީ އަށް 2016 ވަނަ އަހަރު ބަދަލުވި ގާޑިއޯލާ ވަނީ އެ ޓީމާ އެކު، ލީގު ތަށި ހަ ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ހަތަރު ފަހަރު، ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ހޯދައިފަ އެވެ.












