ރިޕޯޓުރައިސީއަކީ ކޮން ބޭފުޅެއް؟ އީރާނުގެ ސިޔާސީ މަސްރަހަށް ދެން ވާނީ ކިހިނެއް؟

ރައިސީއަކީ ކޮން ބޭފުޅެއް؟ އީރާނުގެ ސިޔާސީ މަސްރަހަށް ދެން ވާނީ ކިހިނެއް؟

ރައީސީއަކީ އީރާންގެ ސިޔާސީ މަޝްރަހުގައި ނުފޫޒުގަދަ ބޭފުޅެއް. އެމަނިކުފާނު އަވަހާރަވުމާ އެކު އީރާންގެ ވެރިކަމާ ދެން ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް. އަދި, ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި އީރާންގައި އަވަސް އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރާނެ.

އިރާންގެ ރައީސް އިބްރާހިމް ރައީސީ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2021 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު  -- ފޮޓޯ: އޭއެފްޕީ
އިރާންގެ ރައީސް އިބްރާހިމް ރައީސީ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2021 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު -- ފޮޓޯ: އޭއެފްޕީ

އިރާންގެ ރައީސް އިބްރާހިމް ރައިސީ، 63 އިރުމަތީ އަޒަރުބައިޖާނަށް ވަޑައިގެންނެވުމަށްފަހު، ހެލިކޮޕްޓަރުގައި އަނބުރާ ގައުމަށް ވަޑައިގަންނަވަނިކޮށް، އެ ހެލިކޮޕްޓަރު ވެއްޓި އެމަނިކުފާނު ވަނީ އަވަހާރަވެފަ އެވެ.

އެ ހެލިކޮޕްޓަރުގައި އިރާންގެ ފޮރިން މިނިސްޓަރުގެ އިތުރުން އަޒަރުބައިޖާނުގެ އިރުމަތީ ޕްރޮވިންސްގެ ގަވަރުނަރެއް ވެސް ހުންނެވި އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ މި ހާދިސާގައި އަވަހާރަވެފަ އެވެ. މައުލޫމާތު ލިބެނީ ހެލިކަޕްޓަރުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށެވެ.

އިރާނުގައި ނުފޫޒުގަދަ ބޭފުޅެއް ގޮތުގައި ރައިސީ ފާހަގަކުރެވޭއިރު، 2017 ގައި ވާދަކުރެއްވި އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެވެ އެވެ. ނަމަވެސް އޯގަސްޓް، 2021 ގައި ބޭއްވި އިންތިހާބު ރައިސީ ވަނީ ކާމިޔާބުކުރައްވާ ވެރިކަމާ ހަވާލުވެވަޑައިގެންފަ އެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ އިރާނުގެ ރައީސްކަން ރައިސީއަށް ލިބުނީ އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ތާއީދާއެކުގަ އެވެ.

ރައިސީއަކީ ކާކު؟

ރައިސީގެ އުމުރުން 15 އަހަރުގައި ކިޔަވާ ވިދާޅުވާން ފެއްޓެވީ އީރާނުގެ ގުމް ނަމަކަށް ކިޔާ ޝަހަރުގައި ހުންނަ ދީނީ މަދުރަސާއެއް ކަަމަށްވާ "ހަވްޒާ ގުމް" ގަ އެެވެ.

ކިޔަވައި ވިދާޅުވުމަށްފަހު އުމުރުން 20 އަހަރުގައި އޭނާ މަސައްކަތް ފެށްޓެވީ ދައުލަތުގެ ވަކީލެއްގެ ގޮތުގަ އެެވެ. ވަކީލެއްގެ ގޮތުގައި އީރާނުގެ އެކި ޝަހަރުތަކުގައި އެމަނިކުފާނު މަސައްކަތްކުރެއްވި އެެވެ. ޓެހެރާންގައި ޑެޕިއުޓީ ޕްރޮސެކިއުޓަރެއް ގޮތުގައި ވެސް ވެސް މަސައްކަތް ކުރެއްވި އެވެ.

އިރާނުގެ ސިޔާސީ މީހުންތަކަކަށް، 1988 ވަނަ އަހަރު މަރުގެ އަދަބު ދިން ކޮމިޓީގައި ވެސް ރައީސީ ހިމެނިވަޑައިގެންނެވި އެެވެ. އަދި 1989 ގައި އިރާންގެ ފުރަތަމަ ރޫހާނީ ލީޑަރު އާޔަތުﷲ ރުހޮއްލާ ހާމަނާއީ އަވަހާރަވުމަށްފަހު، ޓެހެރާންގެ ޕްރޮސެކިއުޓަރެއްގެ ގޮތުގައި ރައިސީ މަސައްކަތް ކުރެއްވި އެވެ.

އިރާންގެ ރައީސްކަމަށް ރައިސީ ވާދަކުރެއްވުން '

ރައިސީ އިރާންގެ ރައީސް ކަމަށް ފުރަތަމަ ވާދަކުރެއްވީ 2017 ގައި ހަސަން ރޫހާނީއާ ދެކޮޅަށެވެ. އޭރު ހަސަން ރޫހާނީ މަސައްކަތްކުރެއްވީ ދެވަނަ ދައުރަކަށް އިންތިހާބުވުމަށެވެ.

ރައިސީ އަކީ އޭރު އެހާ މަގުބޫލު ބޭފުޅަކަށް ނުވުމުން، އިންތިހާބު ކާމިޔާބުކުރަން އުނދަގޫތައް ދިމާވި އެވެ. އަދި އިންތިހާބު ނާކާމިޔާބުވެ، ދެވަނަ ދައުރަކަށް ހަސަން ރޫހާނީ އިންތިހާބުވެވަޑައިގެންނެވި އެވެ.

ރައިސީގެ ނާކާމިޔާބީއާއެކު އޭގެ ފަހުން އައި އިންތިހާބަށް ދުރާލައި ތައްޔާރުވެވަޑައިގެންނެވި އެެވެ. އަދި ކެމްޕޭން ވެސް ދުރާލާ ފައްޓަވައި، ޖޫން، 2021 ގައި ބޭއްވި އިންތިހާބު 62 ޕަސަންޓުން ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް އެ އިންތިހާބުގައި ވޯޓުލީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 48.8 ޕަސަންޓު މީހުންނެެވެ.

އެމެރިކާއިން އެޅި ފިޔަވަޅުތަކާއި ކޮވިޑް-19 ގެ ބަލިމަޑުކަަމާ އެކު އީރާނުގެ އިގްތިސާދަށް އޭރު އޮތީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެެވެ. ކޮވިޑުގައި އިރާނުގެ 97،000 މީހުން މަރުވި އެވެ.

ކުޑަ ދުވަސްކޮޅެއް ތެރޭގައި ނުފޫޒުގަދަ ބޭފުޅަކަށް

ރައިސީ ފާހަގަކުރެވިފައި ވަނީ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އަދި މިހާރުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއާ ވަރަށް ގުޅުން ރަނގަޅު ބޭފުޅެއް ގޮތުގަ އެވެ. އެގޮތުން, މަތީ މަގާމުތައް ރައިސީއަށް ވަނީ ވޭތުވެދިޔަ މުއްދަތުގައި ލިބިފަ އެވެ.

އިރާނުގެ ސަރުކާރާ އެކި މަގާމުތަކުގެ ބޭފުޅުންނާ ގުޅުން ރަނގަޅުކޮށް ރައިސީ ފެނިގެންދިޔައިރު، ދިޔައީ ގުޅުން އިތުރަށް ބަދަހި ވެސް ކުރަމުންނެވެ. އަދި ގެންދެވީ ބާރުތައް ވަރަށް ބޮޑަށް ހޯދަމުންނެވެ.

ނަމަވެސް ރައިސީއަށް ފާޑުވިދާޅުވާ ބޭފުޅުން ބުނާގޮތުން އެމަނިކުފާނު ގެންދެވީ ގައުމުގެ އެތެރޭގައި އޮތް ހަމަނުޖެހުންތަކަށް އިސްކަން ދެއްވުމަށްވުރެ ބޮޑަށް ގައުމުގެ ސަލާމަތަށް އިސްކަން ދެއްވަމުންނެވެ. އެކަމާ ގުޅިގެން ބައެއް މީހުން ހިތްހަމަ ވެސް ނުޖެހެ އެވެ.

އިރާނުގައި ބުރުގާ އެޅުމަށް މަޖުބޫރުކޮށް އޮތް ހަރުކަށި އުސޫލާ ގުޅިގެން އެ ގައުމުގައި އެކަމާ ދެކޮޅަށް މުޒާހަރާތައް ކުރާތާ ދުވަސްތަކެއް ފަހުން ނިންމާލީ މިދިޔަ އަހަރު އެވެ. މުޒާހަރާތަކުގައި 500 އެއްހާ މީހުން ވަނީ މަރު ވެސް ވެފަ އެވެ.

ރައިސީއަކީ ޖެހިލުން ކުޑަ ވެރިއެއް

އިރާނުން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމްތައް ހުއްޓާލަން ތަކުރާރުކޮށް ދުނިޔޭގެ އެކި ގައުމުތައް އަދި ހާއްސަކޮށް އެމެރިކާއިން ދިޔައީ އިންޒާރު ދެމުންނެވެ. ނަމަވެސް ރައިސީ ގައުމުގެ ދިފާއަށް އިސްކަންދެއްވައި އެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވި އެެވެ.

އިރާނުން ވަނީ ފަލަަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ގާޒާއަށް އޮތް ތާއީދު އެކި ގޮތްގޮތުން ހާމަކޮށް ގާޒާއާއެކު އެ ގައުމު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

ސީރިއާގައި ހުންނަ އިރާނުގެ އެމްބަސީއަށް ދިން ހަމަލާގައި އިރާނުގެ ޖެނެރަލުންތަކެއް މަރުވުމާ ގުޅިގެން، އެ ގައުމުން ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުން ރައްދުގައި ހަމަލާ ނުދޭން އިންޒާރު ދީފައި ވަނިކޮށް އިޒްރޭލަށް ހަމަލާދީފަ އެވެ.

އިރާނުގެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން އެހެން ގައުމުތަކުން ހަރަކާތްތެރިވާން ޖެހުނުއިރު، އިރާނަށް އަނބުރާ ހަމަލާދޭން ވެސް ނުކުރެނެވެ. އަދި އިރާނުން ވަނީ އެ ގައުމަށް ސީދާ ހަމަލާއެއް ދޭ ގައުމަކަށް ދުވަހަކު ވެސް ނުދެކޭފަދަ ހަމަލާތައް ދޭނެ ކަމުގެ ވަރުގަދަ އިންޒާރުތައް ދީފަ އެވެ.

އިރާނުން އިޒްރޭލަށް ހަމަލާދޭން 120 ބެލެސްޓިކް މިސައިލް، 170 ޑްރޯން އަދި ކްރޫޒް މިސައިލް ފޮނުވާލިއިރު، މިއީ ފަހުގެ ތާރީހެއްގައި ގައުމަކުން ދިން އެންމެ ވަރުގަދަ ހަމަލާކަން ފާޙަގަކޮށްލެވެ އެވެ.

އިރާނުގެ ސިޔާސީ މަޝްރަހަށް ދެން ވާނީ ކިހިނެއް؟

އިރާނުގެ ގާނޫނު ބުނާގޮތުން ރައީސް އަވަހާރަވެއްޖެނަމަ، ވެރިކަމާ ނައިބްރައީސް ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެ އުސޫލުން އެގައުމުގެ ވެރިކަމާ ދެން ވަޑައިގަންނަވާނީ ނައިބްރައީސް މުހައްމަދު މުހްބަރް, 69 އެވެ. އެހެން ނަމަވެސް އޭނާއަށް ވެރިކަމާ ހަވާލުވެވޭނީ ރޫހާނީ ލީޑަރު ހާމަނާއީގެ ރުހުމާއެކުގަ އެވެ.

މުހައްމަދު މުހްބަރް ވެރިކަމާ ހަވާލުވާތާ 50 ދުވަސް ތެރޭގައި އިންތިހާބެއް ބާއްވަން ވެސް އިރާނުގެ ގާނޫނޫ ލާޒިމް ކުރެ އެވެ. ކުރިއަށް އޮތް 50 ދުވަސް ވާނީ އިރާނުގެ ތާރީހު ވަރަށް ބޮޑަށް ބަދަލުވެގެންދާނެ 50 ދުވަހަށެވެ.

އިރާނުގެ ރޫހާނީ ލީޑަރު ހާމަނާއީއާ ގުޅުން ރަނގަޅު މުހައްމަދު މުހްބަރް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރައްވަން ޖެހޭނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން ޖުޑީޝަރީގެ އިސްވެރިޔާގެ އެހީތެރިކަމާއެކުގަ އެވެ.

އިރާނުގެ ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު ތެދުވެފައިވާ މި ދަނޑިވަޅުގައި، އާ ރައީސަކަށް އިދިކޮޅު މީހަކު އިންތިހާބުކުރުން ވަރަށް ގާތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް އެ ގައުމުގައި ބާއްވާ އިންތިހާބުތަކުގެ އިންސާފުވެރިކަމާމެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

އިރާނުގެ ރޫހާނީ ލީޑަރު ވަނީ އެ ގައުމުގައި އެއްވެސް ހަމަނުޖެހުމެއް މި ދަނޑިވަޅުގައި ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވައި، ރައްޔިތުން އެއްވެސް ވަރަކަށް ހާސް ނުވުމަށް ނަސޭހަތްތެރިވެފަ އެވެ.

ލީވާން އަލީ ނާސިރު

ޖާނަލިސްޓް

ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީންނެވެ. އޭނާގެ ގަލަން، ނޫސްވެރިކަމުގެ ގިނަ ދާއިރާތަކުގައި ހިންގާފައިވެ އެވެ. އެގޮތުން، ލޯކަލް ދާއިރާ، އަދި ކުޅިވަރުގެ ދާއިރާ ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox