އިރާންގެ ރައީސް އިބްރާހިމް ރައިސީ، 63 ދަތުރުކުރެއްވި ހެލިކަޕްޓަރު ވެއްޓި އެމަނިކުފާނު އަވަހާރިވި ކަމަށް ނިންމައި، ނައިބްރައީސް މުހައްމަދު މުހްބަރް, 69 އާ ވެރިކަން ހަވާލުކުރަން ނިންމައިފި އެވެ.
އިރާންގެ ރައީސް އަވަހާރަވިކަން އިރާންގެ ދައުލަތުގެ މީޑިއާއިން ކަށަވަރު ކޮށްދީފައިވާއިރު، ހެލިކަޕްޓަރުން ދަތުރުކުރެއްވި އެއްވެސް މީހަކު ސަލާމަތްވި ކަމުގެ އުންމީދު ނެތް ކަމަށް ރެޑްކްރެސެންޓުން ބުނެ އެވެ.
އެ ހެލިކަޕްޓަރުން އިރާންގެ ފޮރިން މިނިސްޓަރު އަދި އަޒަރުބައިޖާނުގެ އިރުމަތީ ޕްރޮވިންސްގެ ގަވަރުނަރެއް ވެސް ދަތުރު ކުރެއްވި އެވެ. މުހްބަރު އިރާންގެ ނައިބްރައީސްކަމާ ހަވާލުވީ އޯގަސްޓް، 2021 ގަ އެވެ.
ރިޕޯޓުތައް ބުނާގޮތުން ނައިބުރައީސް މުހުބަރްއާ ވެރިކަން ރަސްމީކޮށް ހަވާލުކުރުމަށް މިހާރު މަޑުކުރަމުން އަންނަނީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ އެޕްރޫވަލް އަށެވެ.
އިރާންގެ ގާނޫނު ބުނާ ގޮތުން ރައީސް އަވަހާރަވެއްޖެ ނަމަ، ނައިބުރައީސްއާ ވެރިކަން ހަވާލުކޮށް 50 ދުވަސް ތެރޭގައި އާ އިންތިހާބެއް ބާއްވަން ޖެހެ އެވެ.
އިރާންގެ އަށް ވަނަ ރައީސް ރައިސީ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޯގަސްޓް، 2021 ގަ އެވެ. އެމަނިކުފާނު ވަނީ އިރާނުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު 2014 އިން 2016 ގެ ނިޔަލަށް ފުރުއްވާފަ އެވެ.










