މަގުތަކުގައި ދެފައިން ހިނގަމާތޯ އެވެ!

މާލޭގެ މަގެއް

މާލޭގެ މަގެއް

އެނގިވަޑައިގަންނަވާނެ ފަދައިން ދެފައިން ހިނގުމަކީ ކަސްރަތެކެވެ. ހެޔޮވަރުގެ ދުރުމިނަކަށް ކޮންމެ ދުވަހަކު ހިނގާލުމަކީ، އެއީ ފުރިހަމަ ސިއްހަތެއްގައި މީހާ ހުރުމަށް އެހީވެދޭނެ އަދި އެންމެ ފަސޭހައިން އިންސާނަކަށް ގެނެސްގަނެވޭނެ ހަރަކާތްވެސްމެ އެވެ. ހިނގުމުގެ ފައިދާތަކުގެ ތެރޭގައި ލޭދައުރުވުން ރަނގަޅުވުމާއި، ގައިގެ ކަށިތަކާއި މަސްތައް ވަރުގަދަވުން ހިމެނެ އެވެ. އަދި ހިތުގެ ބަލިތަކާއި ހަކުރުބަލީގެ އިތުރުން ކެންސަރުގެ ބައްޔާ ދުރަށް އިންސާނާ ގެންދިއުމަށް މަގިފަހިކުރާ އެތައް ނަތީޖާއެއް ހިނގުމުގެ ހަރަކާތުން އިންސާނާގެ ހަށިގަނޑަށް ހާސިލުކޮށްދެ އެވެ. އަދި އިންސާނާގެ ކަންބޮޑުވުމާއި ނުތަނަވަސްކަން ފިލާނެ ސަބަބުތަކަށް ހަށިގަނޑު ވާސިލުކޮށްދެ އެވެ. އޭގެ ސަބަބުން މިޒާޖާއި ތަބީއަތު ރަނގަޅުވެ ވިސްނުންތެރިކަން އުފެއްދުންތެރިވެ ފިކުރިއްޔާތު ތާޒާވެދެއެވެ.

މިހާ ބޮޑު ފައިދާ އާއި ލާބަ މިކަމުގައި ހުރި ނަމަވެސް، އަހަރެމެން ދިވެހިންގެ ތެރޭގައި ވަރަށް ނުބައި އާދައެއް އަށަގަނެފައިވެ އެވެ. ބައްލަވާށެވެ. މި ރާއްޖޭގެ ގިނަ ރަށްރަށުގެ ވަށައިގެން ފަސް ކިލޯމީޓަރު ވެސް ނެތެވެ. އެކަމަކު އަހަރެމެން ދިވެހިން ވަނީ ފައިމަގުގެ ބަދަލުގައި ކިތަންމެ ކައިރި ހިސާބަކަށް ދިއުމަށްވެސް ދުއްވާ އެއްޗެއް ހިޔާރުކުރުން އެއީ އެކަން ހަމަ އެނޫން އެހެން ގޮތަކަށް ނުކުރެވޭނެ ކަމެއްކަމުގައި ހަދާފަ އެވެ. ރާއްޖެ ފިޔަވައި އަޅުގަނޑަށް ފެނުނު ބައެއް ބޭރު ގައުމުތަކަށް ބަލާއިރުވެސް، އެބައިމީހުންގެ ގެދޮރާއި މަގުތައް ހުންނަ ގޮތުން، ކޮންމެވެސް މިންވަރެއްގެ ހިނގާލުމެއް އެބައިމީހުންނަށް ލާޒިމުވެ އެވެ. އެއީ ސައިކަލެއްގައި ނުވަތަ ބައިސްކަލެއްގައި އުޅޭ މީހެއް ނަމަވެސް، އޭނާ ގެއިން ނުކުމެއްޖެނަމަ ކޮންމެވެސް ހިސާބަކަށް ހިނގާލަން ނުޖެހި އޭނާއަކަށް އެއްވެސް ތާކަށް ދެވޭ ގޮތަކަށް އެބައިމީހުންގެ މަގުތައް ތަރުތީބުވެފައެއް ނޯވެ އެވެ.

އެކަމަކު އަޅުގަނޑުމެންގެ ރާއްޖެ މުޅިން ތަފާތެވެ. މިރާއްޖޭގެ ކުޑަކަމާއެކު އަޅުގަނޑުމެންގެ މަގުތަކާއި ގެދޮރުގެ ވައްޓަފާޅިހުރި ގޮތުން އަޅުގަނޑުމެން ސައިކަލުގައި ނުކުމެގެން ދަނީ އެހެން ގެއަކަށް ނަމަ ސައިކަލު ހުއްޓާލަނީ، ރަށެއްގައި ނަމަ އެގެއެއްގެ ގޯތީގެ އެތެރެއަށް ސައިކަލު ވައްދާފަ އެވެ. ފިހާރައެއް ނަމަ ސައިކަލު މަތިން ނަގާފައި ފިހާރައިގެ ދޮރުން އެތެރޭގައި ބޭންދޭހާ ގާތުގަ އެވެ.

އަހަރެމެންގެ ހަލާކުވެފައިވާ ވެރިރަށް މާލޭގެ ވާހަކަތޯ އެވެ. މާލެއަށް މިފަހުން އަޅުގަނޑު ކުރި ބައެއް ދަތުރުވަރީގައި ފާހަގަވީ ކަމަކީ، ބައެއް ތަންތަނަށް ސައިކަލުގައި ދިއުމަށްވުރެ ހިނގާފައިދިއުން އަވަސްކަމަށެވެ. މިހާ ހިސާބަށް މާލޭގައި ކަންތައް ދިޔައިރުވެސް، ސައިކަލުތައް ވަމުންދަނީ އިތުރެވެ. ކާރުތައް ވަމުންދަނީ ގިނަ އެވެ. ހިނގާފައި އުޅޭ މީހުން ވަމުންދަނީ މަދެވެ. ޕާކުކުރަނީ ހިތަށް އެރި ތަނެއްގަ އެވެ. މާލޭގެ ބޮޑު ކޮންމެ މަގެއް އޮންނަނީ އުކާލާފައިވާ އުޅަނދުތަކުން ފުރިފައެވެ. ފުލުހުންގެ ބަޔަކު ނުކުމެ، ދޭތެރެއަކުން ބައެއް ސައިކަލު ޕިކަޕެއްގައި ގެންގޮސް އޭގެ ވެރިފަރާތް ޕޮލިހަށް ދިއުމުން އެ އަނބުރާ ހަވާލުކުރުން ފިޔަވައި، މިކަމުގައި ހަމަ އެއްވެސް ސަރުކާރަކުން ކުރި، އަދި ކުރަމުންދާ ކަމެއް ވެސްނެތެވެ. މާލޭގެ ޓްރެފިކް މައްސަލައާމެދު ސަރުކާރުން ވިސްނާހެން އަޅުގަނޑަކަށް ހިއެއް ނުވެ އެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް އަޅުގަނޑު ހުށަހަޅާ ހައްލަކީ ހިނގުމުގެ ސުންނަތް ދިރުވުމުގެ ހައްލެވެ. ހިނގުމަކީ ސުންނަތެއްކަމުގައި މިދެންނެވީ ގަސްދުގަ އެވެ. މިރާއްޖޭގައި މާތް ނަބިއްޔާގެ ސުންނަތް ދިރުވުމުގެ ގޮތުން، މެންދުރު ފަހު އަވަހާރަފުޅު ލައްޕަވާ ބޭފުޅުން އުޅުއްވަ އެވެ. އޫސަމުސަލުން ކެއުން ބިދުޢަކަމުގައި ހައްދަވައި އަތުން ކާންޖެހޭކަމަށް ވަކާލާތުކުރައްވާ ބޭފުޅުން އުޅުއްވަ އެވެ. ކިއެއްތަ، ކާން ތިބެންވާނީ ގޮނޑިމޭޒުގެ ބަދަލުގައި ތަޅުންގަނޑުމަތީ އިށީނދެކަމުގައި ވިދާޅުވެ ބާރުއަޅުއްވާ އިލްމުވެރިން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުގެ ނަޒަރުގައި އެކަންކަމަކީ ހަމަ ރަނގަޅު ކަންކަމެވެ. އެކަމަކު ހިތާމައަކީ، ވަރަށް ބޮޑަށް ދީނަށް ލޯބިކުރައްވާ ބޭފުޅުންވެސް ހިނގުމުގެ ސުންނަތާ ވަރަށް ބޮޑަށް ދުރުކަމުގައި ފާހަގަވާތީއެވެ. ފުރުޤާނު މިސްކިތުން ނުކުމެގެން ބުރުޒުމަގު ޓީވީ އެމް ދޮރާ ހަމައިގައި ހުރި ކެފޭއަކަށް ސައިކަލުގައި ދިއުމީ ޕެޓްރޯލުން ކުރެވޭ ހަރާންވެގެންވާ އިސްރާފަކަށް ހަމަ ނުވާނެތޯއެވެ؟ ސައިކަލުގައި އެފަދަ ކުރު ހުރިހާ މަގެއް އިހްތިޔާރުކޮށްފައި، ހަށިގަނޑުން ހަރަކާތެއް ނުކޮށް ދިރިއުޅުން އާދަކުރީމާ، ހިތުގެ ބަލިތަކާއި ހަކުރު ބަލިފަދަ ބޮޑެތި ބަލިތަކަށް ތިމާ ހުށަހެޅިގެންދާ ދިއުމާއި ސިގިރޭޓު ބުއިމާ މާބޮޑު ތަފާތެއް އެބަހުރިތޯއެވެ؟

މާތް ނަބިއްޔާ އާންމު ދިރިއުޅުއްވުމުގައި މުޅިންވެސް އުޅުއްވީ ހިންގަވާފަ އެވެ. ދެފައިންޕުޅުގެ ބޭނުންފުޅުކުރައްވައިގެންނެވެ. ކިއެއްތަ ވަރަށް ދުރު ހިސާބުތަކަށް ވެސް ބައެއް ފަހަރަށް ހިންގަވާފައި ވަޑައިގެންނެވުމަކީ އާދަފުޅެކެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރު ރިވާކުރައްވާކަމަށް ބުޚާރީގައި އައިސްފައިވެ އެވެ. މާތް ނަބިއްޔާ ކޮންމެ ހޮނިހިރު ދުވަހެއްގައި ޤުބާ މިސްކިތަށް ޒިޔާރަތްކުރައްވަ އެވެ. ބައެއް ފަހަރަށް ހިންގަވާފަ އެވެ. އަދި ބައެއް ފަހަރަށް ސަވާރީގަ އެވެ. އޭރުގެ ދަތުރުފަތުރު ހުރި ގޮތާއި މަގުތައް ހުރިގޮތާއި މިޒަމާނުގައި އެކަން އޮތްގޮތުގައި ތަފާތުތަކެއް ހުރެދާނެ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އެހެންނަމަވެސް މިޒަމާނުގެ ޗާޓަކުން މަދީނާއާއި ޤުބާއާ ދެމެދުގައި ހުރި ދުރުމިނަށް ބަލާއިރު، އެއީ ދިހަވަރަކަށް ކިލޯމީޓަރުގެ ދުރުމިނެވެ. އާދައިގެ ބާރުމިނެއްގައިނަމަ އެއީ ގާތްގަނޑަށް ދެގަޑިއެއްހާއިރުގެ ހިނގުމެވެ. އެހާވަރުގެ ދުރުމިނަކަށް ބައެއް ފަހަރަށް ސަވާރީގައި ވަޑައިގަންނަވާ އުސޫލުން ހިންގަވާފައި އިތުރު އެކަލޭގެފާނު ވަޑައިގެންނެވުމުން އެކަމުގައި ނަމޫނާއެއްވާކަމާމެދު އަހަރެމެން މުސްލިމުން ޝައްކެތް ކުރާނެ ޖާގައެއްނެތެވެ.

އަހަރެމެން ދިވެހިންގެ ތެރޭގައި ހުރި ސިއްހީ ވަރަށް ގިނަ މައްސަލަތަކުގެ ހައްލު އޮތީ އެބައިމީހުން ކަސްރަތުކުރުމާއި ހަރަކާތްކުރުން އިތުރުކުރުމުގައި ކަމަށް ކަމާބެހޭ ތަޖުރިބާކާރުންނާއި ޑޮކްޓަރުން ދަނީ ތަކުރާރުކޮށް ލަފަޔާއި އިރުޝާދުދެމުންނެވެ. އަހަރެމެންގެ ދިވެހިރާއްޖޭގެ ރަށްތަކަކީ އެންމެ ބޮޑު ރަށަކަށް މިއޮތް މާލެއާއި ހުޅުމާލޭގެ ގިނަ ހިސާބުތަކަށް ވެސް ފައިމަގުގައި ދިހަވަރަކަށް މިނެޓުން ނުދެވޭނެ ހިސާބުތައް މަދު ރަށްތަކެކެވެ. އެއްވެސް ވަރަކަށް ސަވާރީއެއް ނުވަތަ ދުއްވާ އެއްޗެއް ބޭނުންކުރުމާ ދެކޮޅުހަދަނީކީ ނޫނެވެ. އެކަމަކު އަޅުގަނޑުމެން ދިވެހިން ސައިކަލަށް ދެވިހިފާފައިވަނީ މާތް ﷲ ދެއްވި ދެފައިގެ ނިއުމަތުން އެކީއެކަށް ހަނދާން ނެތިގެންދާ ދަރަޖައަކަށްކަމުގައި އަޅުގަނޑަށް ފާހަގަވަނީ އެވެ.

އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން ޝުކުރުނުކޮށް ކާފަރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ. "

ދެފައިން ހިނގުމުގެ ގާބިލުކަމަކީ މާތް ﷲ ދެއްވާފައިވާ ނުހަނު އަގުބޮޑު ނިޢުމަތެކެވެ. އެނިއުމަތަށް ޝުކުރުކުރާށެވެ! އޭރަށް އަހަރެމެން ދިވެހިންގެ ސިއްހަތާއި ޢާފިޔަތު އެކަލާނގެ އިތުރުކޮށްދެއްވާނެ އެވެ. އެނިޢުމަތަށް ފުރަގަސްދިނުމުން، އެކަލާނގެ ޢަޒާބުގެ ނިޝާންތައް ފެންނަމުން ނުދޭތޯ އެވެ. ދިވެހިންގެ ތެރޭގައި ގިނަވަމުންދާ ހިތުގެ ބައްޔާއި ހަކުރު ބައްޔެވެ. ބަދަލުކުރަންޖެހޭ ކަކުލު ހުޅުތަކާއި ކުރަންޖެހޭ މައިބަދައިގެ އޮޕަރޭޝަންތަކެވެ. ނިމުމެއް ނެތް މާލޭގެ ޓްރެފިކް މައްސަލައާއި އެކަމުން ނުކުންނަ ނޭދެވޭ ހުރިހާ ނަތީއްޖާއެކެވެ.

އަޅުގަނޑުގެ އެކުވެރި އެންމެހާ ދީނަށް ލޯބިކުރާ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަނީ، ގިނަ ވަގުތު ފައިމަގުގައި އުޅުއްވުން އާދަޔަކަށް ހެއްދެވުމަށެވެ. ނުވަތަ ހަފުތާޔަކު ދެ ދުވަސް މެނުވީ އެހެން ހުރިހާ ދުވަހެއް ފައިމަގުގައި އުޅުއްވުންފަދަ އުސޫލަކުން މިކަމުގައި އަމަލުކުރެއްވުމަށެވެ. ކޮންމެ ކޮންމެ ސުންނަތެއް ގެނެސްގަތުމަށްވުރެ މިސުންނަތް ދިރުވުމުން މުޖުތަމައަށްވާ ނަފަޔާއި މަންފާ ބޮޑެވެ. ތިމާޔަށް ލިބޭ ސަވާބު ބޮޑުތަނުން ގިނަވެ އިތުރުވުން އައުލާކަންބޮޑެވެ.

ނިކަން މާތް ނަބިއްޔާގެ މިދަންނަވާ ބަސްފުޅެއް ފިކުރެއް ހިންގަވާ ބައްލަވާށެވެ! އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ. ތިޔަބައިމީހުން މަގުމަތީގައި މަޖިލިސް ހަދައިގެން ނުތިބޭހުށިކަމެވެ. އެހިނދު ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. މިއީ އަހަރެމެން އެކަކު އަނެކަކަށް ވާހަކަދައްކައިއުޅެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ދެން ހަދީސް ކުރެއްވި އެވެ. ތިޔަބައި މީހުން އެކަން ކުރުން ނޫން ގޮތަކަށް އިންކާރުކުރާނަމަ، މަގުތަކަށް އޭގެ ހައްގު ދޭށެވެ. ދެންނެވުނެވެ. އޭގެ ހައްގަކީ ކޮބާތޯއެވެ. ހަދީސް ކުރެއްވި އެވެ. ބަލަން ނުޖެހޭ ދިމަދިމާއަށް ނުބެލުމެވެ. އުނދަގޫތައް ދުރުކުރުމެވެ. ސަލާމަށް ރައްދުދިނުމެވެ. ހެޔޮކަންތަކަށް އަމުރުކުރުމެވެ. ނުބައިކަންތައް ނަހީކުރުމެވެ.

ނިކަން ވިސްނަވާފައި ފިކުރު ހިންގަވާފައި ވިދާޅުވެބައްލަވާށެވެ! މާލޭގެ ޓްރެފިކް އޮތްގޮތަށް ބަލާއިރު، މަގުތަކުން އުނދަގޫ ދުރުކުރާނަމަ، އުޅަނދެއްގެ ބަދަލުގައި ފައިމަގުގައި އުޅުން ހިޔާރުކޮށްފުމަށް ދާންދެން މަގުތަކުގެ ހައްގު މިޒަމާނުގެ މާލޭގެ މަގުތަކަށް ދެވިދާނެތޯ އެވެ؟ އާންމުންނަށް ނަމޫނާ ދައްކަވާނީ އިލްމުވެރިންނެވެ. ކަމެއް މުޖުތަމައެއްގައި އަށަގެންނުވޭނީ މިޒަމާނުގައި ނަމަ ވެރިންނާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަމަކާ އުޅުއްވީމަ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox