ބާލިން (މެއި 14) - އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯގައި ވާދަކުރާ އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ސްކޮޑުން، ބޮރޫޝިއާ ޑޯޓްމަންޑްގެ ތަޖުރިބާކާރު ޑިފެންޑަރު، މެޓް ހަމެލްސް އަށް ފުރުސަތު ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑޯޓްމަންޑުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަަލަށް ގެންދިއުމުގައި އެންމެ އިސް ރޯލެއް ކުޅުނު އެއް ކުޅުންތެރިއަކީ، ހަމެލްސް، 35، އެވެ. ސެމީ ފައިނަލުގައި ޕީއެސްޖީ ކޮޅަށް ޑޯޓްމަންޑްގެ މުހިންމު ގޯލު ޖެހީ ވެސް ހަމެލްސް އެވެ.
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ހަވާލުވުމަށް ފަހު، ނެގި ފުރަތަމަ ސްކޮޑުން ހަމެލްސް އަށް ފުރުސަތު ދިނެވެ. އެކަމަކު، މިދިޔަ މާޗް މަހު ޖަރުމަނުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި، ފްރާންސް އާއި ނެދަލެންޑްސް އަތުން ޖަރުމަނު މޮޅުވިއިރު، އެ މެޗުތަކުގެ ސްކޮޑުގައި ހަމެލްސް ނެތެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނާގަލްސްމަން ވަނީ، ހަމެލްސްގެ ބަދަލުގައި، އައިންޓްރަކްޓް ފްރޭންކްފާޓް އަށް ކުޅެމުން އަންނަ ރޮބިން ކޮކް ނެގުމަށް ނިންމައިފަ އެވެ. އޭގެ އިތުރުން، ދެން ޑިފެންޑަރުންގެ ގޮތުގައި، ނިކޮލަ ޝްލޮޓަބެކް އާއި ޖޮނަތަން ޓާ ނަގާގޮތަށެވެ.
އެންމެ ފަހުން ހަމެލްސް ނެތި ޖަރުމަނުން ބޮޑު މުބާރާތެއްގައި ކުޅެފައިވަނީ، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުން ވެސް ޖަރުމަނު ކެޓީ، ގްރޫޕް ސްޓޭޖުންނެވެ.












