މިއުނިކް (13 މެއި) - ޖަރުމަން ލީގުގައި ރޭ ބޯކަމް އަތުން 5-0 އިން މޮޅުވެ، ބަޔާ ލޭވަކޫސަން އިން ބަލިނުވެ 50 މެޗު ހަމަކޮށްފި އެވެ.
ހުރިހާ މުބާރާތެއްގައި ކުޅުނު މެޗުތަކުން ބަލިނުވެ 50 މެޗު ލޭވަކޫސަން އިން ހަމަކުރިއިރު، އެ ޓީމަކީ ޔޫރަޕްގެ ކްލަބު މުބާރާތްތައް ތައާރަފްކުރި ފަހުން، އެންމެ މަތީ ފަންތީގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިޥާ ޓީމެވެ. މި ރެކޯޑް ކުރިން އޮތީ 1963 އިން 1965 އަށް ބަލިނުވެ 48 މެޗު ހަމަކުރި ބެންފީކާ ޓީމުގެ އަތުގަ އެވެ.
ރަށުން ބޭރުގައި ރޭ ބޯކަމް އަތުން ފަސޭހަކަމާ އެކު ލޭވަކޫސަން މޮޅުވިއިރު، އެ ޓީމަށް ލަނޑު ޖަހައިިިދިނީ ޕެޓްރިކް ޝިކް އާއި ވިކްޓާ ބޮނިފޭސް އާޢި އަމީނޭ އާދިލް އާއި ޖޯސިޕް ސްޓެނިސިޗު އަދި އެލެކް ގްރިމަލްޑޯއެވެ.
މި ސީޒަންގެ ޖަރުމަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލޭވަކޫސަން އަށް ޖަރުމަން ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުން އެ ޓީމު ބަލިނުވެއްޖެނަމަ، އެ ޓީމު ވެގެންދާނީ ޖަރުމަން ބުންޑަސްލީގާގެ ސީޒަނެއް ބަލިނުވެ ނިންމާލި ފުރަތަމަ ކްލަބަށެވެ.
ސްޕެއިންގެ ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ލޭވަކޫސަންގެ އަމާޒަކީ މި ސީޒަންގައި ތިން ތަށި ހޯދުމެވެ. އެ ޓީމު މިހާރު އޮތީ ޔޫރޮޕާ ލީގާއި ޖަރުމަން ކަޕްގެ ފައިނަލްގައެވެ.
ލޭވަކޫސަން އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ އަހަރުގެ މެއި މަހުއެވެ.
ޖަރުމަން ލީގުގައި ރޭ ވުލްފްސްބާގް އަތުން ބަޔާން މިއުނިކް މޮޅުވީ 2-0 އިންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރޭ ލީގުގައި ކުޅުނު މެޗުގައި މައިންޒް އަތުން 3-0 އިން ބަލިވެފަ އެވެ.












