ލަންޑަން (12 މެއި) - މި އަހަރުގެ ޖުލައި މަހަށް ފަހު ކްރިކެޓުން ރިޓަޔާކުރަން އިންގްލެންޑްގެ ބޯލަރު ޖޭމްސް އެންޑަސަން ނިންމައިފިއެވެ.
އެންޑަސަން އިންގްލެންޑްގެ ޓީމަށް ކުޅޭ ފަހު ޓެސްޓް މެޗަށް ވަނީ ޖުލައި މަހު 10 ވަނަ ދުވަހު ވެސްޓް އިންޑީސްއާ ދެކޮޅަށް ކުޅޭ ޓެސްޓް މެޗެވެ.
އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ވިކެޓު ނަގައިދިން ބޯލަރު ކަމަށްވާ އެންޑަސަން ،41، ޓެސްޓް ކްރިކެޓުން ރިޓަޔާކުރަން ނިންމީ އިންގްލެންްޑްގެ ޓެސްޓް ކޯޗު ބްރެންޑަން މިކަލަމް އާއެކު ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ.
"އަހަރެން ގަބޫލްކުރަނީ މިއީ (ޓެސްޓް) ޓީމުން ދުރަށް ޖެހިލައި، (ޒުވާން) ކުޅުންތެރިންނަށް ފުރުސަތު ދޭން އެންމެ ރަނގަޅު ވަގުތު ކަމަށް،" އެންޑަސަން ބުންޏެވެ. "ވަރަށް އުފާވެރި 20 އަަހަރު އިންގްލެންޑްގެ ޓީމުގައި މި ހޭދަކުރީ."
އެންޑަސަން އިންގްލެންޑްގެ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރެެވެ. އަދި އޭނާ ވަނީ މިހާތަނަށް 187 ޓެސްޓް މެޗުން 700 ވިކެޓު ނަގައިފައެވެ. އެންޑަސަން އަކީ ޓެސްޓް ކްރިކެޓުގައި ތިން ވަނަ އަށް އެންމެ ގިނަ ވިކެޓު ނަގާފައިވާ ބޯލަރެވެ.
ވަން ޑޭ އިންޓަނޭޝަނަލްގައިވެސް އިންގްލެންްޑްގެ ޓީމަށް އެންމެ ގިނަ ވިކެޓު ނަގާފައިވަނީ އެންޑަސަންއެވެ. އެކަމަކު 2015 ވަނަ އަހަރުގެ ފަހުން އެންޑަސަން އިންގްލެންޑްގެ ގަައުމީ ޓީމަށް ވަން ޑޭ މެޗެއް ނުކުޅެއެވެ. އެންޑަސަން ބޮޑަށް ހުސްވީ ޓެސްޓް ކްރިކެޓަށެވެ.












