ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ޕްލޭނެއް ހަދައިގެން މަސައްކަތް ކުރާއިރު، ކުޅިވަރު ރަނގަޅަށް ކުރިއަށްދާނީ އެސޯސިއޭޝަންތައް ވެސް ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ކުރިއަށްގޮސްގެން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މިއީ ރާއްޖޭގެ ގިނަ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ކުރިއަށްގޮސް، އެ އެސޯސިއޭޝަންތައް، އާ ދައުރަކަށް ލީޑަޝިޕްތަކާ އެކު ކަންކަން ފަށައިގަންނާނެ އަހަރެކެވެ.
"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސްޕޯޓްސް މިނިސްޓަރު ރާފިއު، ވިދާޅުވީ، ރަނގަޅު ބިންގަލެއްގެ މަތީ ކަންކަން ފަށައިގަނެ، އެސޯސިއޭޝަން ހަރުދަނާކޮށް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު ވާޖިބެއް ކަމަށް ދެކެނީ. އެއީ އެސޯސިއޭޝަންތަކެއް ކުރިއަރައިގެން، ކުޅިވަރުތަކެއް ކުރިއަރައިގެން މި ދަނީ. އެތަނެއްގައި އޮންނަ ހަރުދަނާ އުސޫލެއްގެ މައްޗަށް، އެހެންވީމަ އަޅުގަނޑުމެން މިކުރާ ކަމަކީ، އެ އެސޯސިއޭޝަންތައް އެފިލިއޭޓްވެފައި ތިބި މައި އިދާރާގެ ގަވާއިދުތަކާއި އަޅުގަނޑުމެންގެ އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތަކާއި ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދުތަކާ ފުށުނާރާނެ ގޮތަށް ބައްޓަން ވެގެން ދާނެ ގޮތަށް މަސައްކަތް ކުރުން،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންތިހާބުތަކަށް ފަހު، އެސޯސިއޭޝަންތަކުގެ ދައުރު ފެށިގެން، ނޫނީ ދައުރު ނިމިގެން އެހެން ދައުރަކަށް ފެށޭއިރު އެ އަންނަ "ޓްރާންސިޝަން" ވީހާ ވެސް ހަމަހަމަ ކޮށް އަމާންއޮމާންކޮށް ދާނެ ގޮތަކަށް މަސަައްކަތް ކުރުން ވެސް މުހިންމު ކަމަށެވެ.
އެސޯސިއޭޝަންތަކުން ކަންކަން ރޭވުމުގައި މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކަންކަން ކުރުން މުހިންމެވެ. މިނިސްޓަރު ވިދާޅުވީ، މުޅި ރާއްޖޭގެ ބައިވެރިވުން އޮންނަ ގޮތަށް ކަންކަން ރޭވުމަށް، އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު ވެސް ރަނގަޅު އުސޫލެއްގެ ތެރެއިން އޮތުން މުހިންމު ކަމަށެވެ. އަދި އެ ކަމަކީ، ދުރުރާސްތާ އަށް ބަލާއިރު ކުޅިވަރަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ވެސް ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި މިނިސްޓަރު ހާމަކުރެއްވި އެވެ.
އެސޯސިއޭޝަންތަކުގައި ހުރި ކަންކަން ރަނގަޅުކުރަން ބަލާއިރު، އެންމެ ބޮޑު އެއް ޗެލެންޖަކީ، ކުޅިވަރު ގާނޫނު އިސްލާހުކުރުން ކަމަށް ވެސް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެސޯސިއޭޝަންތައް އަމިއްލަ ފައި މައްޗަށް ތެދުވެ، އާމްދަނީ ހޯދައިގެން ކަންކަން ކުރިއަށްގެންދެވޭނެ ގޮތަކަށް، ވިޔަފާރި މޮޑެލަކަށް ކަންކަން އިންތިޒާމް ކުރަން ބަލާއިރު، ގާނޫނީ ގޮތުން ކަންކަން ބަދަލުވާން ޖެހޭ ކަމަށެވެ. އަދި އެކަންކަމުގައި މިނިސްޓްރީ އަށް ކުރެވޭނެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރާފިއު ވިދާޅުވި އެވެ.
"ބައެއް އެސޯސިއޭޝަންތަކަކީ ސަރުކާރުން ދޭ ބަޖެޓަށް ބަރޯސާވެފައި އޮންނަ ތަންތަން. އެކަމަކު، އެސޯސިއޭޝަންގެ މަސައްކަތްތައް ވަރަށް ބުރަ، އެހެންވީމަ އެސޯސިއޭޝަންތަކަށް ދަތިކަން އެބަ އާދޭ ހިންގުމަށް، އެސޯސިއޭޝަންތަކަށް އާމްދަނީ ހޯދޭނެ ގޮތެއް ހޯދައިދޭން ޖެހޭ، އެކަން ކުރަން، ގާނޫނަށް ބަދަލު ގެންނަން ވެސް ޖެހޭ،" ރާފިއު ވިދާޅުވި އެވެ.
ކުޅިވަރު ގާނޫނުގަައި ބުނާ އާބިޓްރޭޝަނެއް ގެނައުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވައި، ރާފިއު ވިދާޅުވީ، މިހާރު ވެސް ކުޅިވަރު ތެރޭގައި ހައްލެއް ހޯދަން ޖެހޭ މައްސަލަތަކެއް އެބަހުރި ކަމަށެެވެ. އެ ކަންކަމަށް ބަލާއިރު، އެތުލީޓުންނާއި އެސޯސިއޭޝަނާ ޖެހޭ މައްސަލަތަކާއި އެތުލީޓުންނާއި އެތުލީޓުންގެ ދެމެދު އުފެދިފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށް ރާފިއު ވިދާޅުވި އެވެ.













