ބަޔާން ހިތްދަތިކޮށްލައި ރެއާލް އަނެއްކާ ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް

May 8, 2024, 9:18 PM
ބަޔާން ހިތްދަތިކޮށްލައި ރެއާލް އަނެއްކާ ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް

މެޑްރިޑް (މެއި 9) - ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ ފަހު ވަގުތު ދެ ލަނޑު ޖަހައި، 2-1 އިން ބަޔާން މިއުނިކް ހިތްދަތި ގޮތަކަށް ބަލިކުރުމަށް ފަހު، ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މެޗުގެ 88 ވަނަ މިނިޓާ ހަމައަށް ބަޔާން އޮތީ 1-0 އިން ކުރީގަ އެވެ. އެގްރިގޭޓަށް ބަލާއިރު، 3-2 އިން ލީޑުގަ އެވެ. އެކަމަކު، ބަދަލަކަށް ކުޅެން އެރި 35 އަހަރުގެ ފޯވާޑް ހޮސޭލޫ ޖެހި ދެ ގޯލާ އެކު، ރެއާލުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުން މޮޅުވެ، އެގްރިގޭޓަށް ބަލާއިރު، 4-3 އިން ކުރިހޯދީ ރެއާލް އެވެ.

މިއީ، 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން ފައިނަލުގައި ކުޅޭނެ 18 ވަނަ ފަހަރެވެ. މިދިޔަ 11 އަހަރު ތެރޭ ރެއާލުން ކުޅޭ ހަ ވަނަ ޗެމްޕިއަންސް ލީގު ފައިނަލުގައި، އަންނަ މަހު އެއް ވަނަ ދުވަހު، އެ ޓީމުން ކުޅޭނީ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. މިއީ، 11 އަހަރު ތެރޭ ޑޯޓްމަންޑުން ކުޅޭ ފުރަތަމަ ފައިނަލެވެ.

ރެެއާލް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ވިނީޝިއުސް ޖޫނިއާ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ރީބައުންސަކުން، ރޮޑްރީގޯ ޖެހި ބޯޅަ ބަޔާންގެ ކީޕަރު، މެނުއަލް ނޯޔާ މަތަކުރި އެވެ.

ބަޔާންގެ އަލްފަންސޯ ޑޭވިސް (ކ) ރެއާލްގެ ވިނީޝިއުސް ކައިރިން ބޯޅަ ހިފައިގެންދަނީ.

ބަޔާނުން ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓްގައި އަލްފަންސޯ ޑޭވިސް ޖެހި ލަނޑުންނެވެ. ބަޔާންގެ ފޯވާޑް ހެރީ ކޭން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަނުމަށް ފަހު، ޑޭވިސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އޭގެ އިރުކޮޅެއް ފަހުން ރެއާލުން ލަނޑެއް ޖަހައި އެއްވަރުކުރި އެވެ. ޑޭވިސް އަތުން ބައިކޮޅަށް ވަން ގޯލު ބަލައިނުގަންނަން ނިންމީ އެ ބޯޅަ އަށް އަރައި، ހުރި ރެއާލްގެ ޑިފެންޑަރު ނަޗޯ ފެނާންޑޭސް، ބަޔާނުގެ ޔޯސުއާ ކިމިކަށް ފައުލުކޮށްފައިވާތީ އެވެ. އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.

ބަޔާނަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ކޭން އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

ނަތީޖާ އަނބުރާލަން ރެއާލުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ލޫކަ މޮޑްރިޗް އާއި ހޮސޭލޫ، ބްރަހިމް ޑިއާޒް އަދި އެޑޮއާޑް ކަމަވިންގާ ކުޅެން ނެރުނެވެ. އެ ގޮތުން، މެޗުގެ 88 ވަނަ މިނިޓްގައި ހޮސޭލޫ ވަނީ ރެއާލަށް އެއްވަރުކޮށްދީފަ އެވެ. ރެއާލްގެ ވިނީޝިއުސް ޖެހި ބޯޅަ ބަޔާންގެ ކީޕަރު ނޯޔާ އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ރަނގަޅު ތަނަށް އަރައި ހޮސޭލޫ ގޯލަށް ބޯޅަ ފޮނުވާލި އެވެ. މިއީ މުޅި މެޗުގައި ނޯޔާ އަތުން ހެދުނު ހަމައެކަނި ގޯހެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓް ފެށިތަނާ ރެއާލުން މޮޅުވި ލަނޑު ޖެހި އެވެ. އެންޓޯނިއޯ ރޫޑިގާ ނެގި ހުރަހަކުން މި ލަނޑު ޖެހީ ވެސް ހޮސޭލޫ އެވެ. އެ ގޯލު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީއޭއާރް އިން ބަލާފައި ގޯލެއް ކަމަށް ނިންމީ އެވެ.

ރެއާލުގެ ހޮސޭލޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނުވަ މިނިޓަށް ވުރެ އިތުރަށް، އިތުރު ވަގުތުގައި ކުޅުނުއިރު، ބަޔާންގެ މަތައިސް ޑި ލިޓް ގޯލެއް ޖެހި އެވެ. އެކަމަކު، އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ރެފްރީ ކަށިގަނޑު ފުމުނީ އޮފްސައިޑް ކަމަށެވެ. އެއީ ގޯލެއްތޯ ވީއޭއާރް އިން ނުބަލަން ނިންމުމުން ބަޔާން ބެންޗުން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެެވެ.

ބަޔާން މި މެޗުން ބަލިވުމުގެ އެއް ސަބަބަކީ، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް، އެ ޓީމު ލީޑުގައި އޮއްވައި، މާ އަވަހަށް ކޭން އާއި ޖަމާލް މުސިއާލާ ބަދަލުކުރުން ކަމަށް ޖަރުމަނުގެ ފުޓްބޯޅަ އެނަލިސްޓުން ވަނީ މެޗަށް ފަހު ބުނެފަ އެވެ.

އަނެއްކޮޅުން މި ސީޒަނަށް ފަހު ބަޔާނުން ޓުޗެލް ދޫކޮށްލާއިރު، މިއީ އެ ކްލަބުން ގިނަ އަހަރުތަކަކަށް ފަހު ހުސްއަތާ ސީޒަނެއް ނިންމާލާނެ ފަހަރެވެ.

އެންމެ ފަހުން ބަޔާނުން ތަށްޓެއް ނުލިބި ސީޒަނެއް ނިންމާލީ 2012 ވަނަ އަހަރު އެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކޯޗު ކާލޯ އަންޗެލޮޓީ ރެއާލް ގޮވައިގެން އަނެއްކާ ވެސް ފައިނަލަކަށް މި ދަތުރުކުރީ ބަޔާން އަތުން ބަލިނުވެ، އޭނާ ދަމަހައްޓަމުން އަންނަ ރެކޯޑަށް މެޗެއް އިތުރުކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox