ކޮންމެ އަހަރަކު ކުލަގަދަ ބާއްވަމުން ގެންދާ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމްކޮށް ބާއްވާ މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ޖުލައި، 3 އިން ފެށިގެން ޖުލައި، 7 ގެ ނިޔަލަށެވެ.
ފަސް ދުވަހަށް ބާއްވާ ކާނިވަލުގައި ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ ޕްރޮޑަކްޓްތައް ދައްކާލުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކު އޮންނާނެ އެވެ. އަދި "ބިރުވެރި ހޮހަޅަ"، ފަންއެރީނާ، އަދި ތަފާތު ދިވެހި ފަންނާނުނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތަކެއް އޮންނާނެ އެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ ވިޔަފާރިތަކުގެ ޕްރޮޑަކްޓްތައް ދައްކާލާ ކާނިވަލުގެ ތެރެއިން ވިއްކަން ހަމަޖެހިފައިވެ އެވެ. އެގޮތުން ކާނިވަލް ތެރޭގައި އާޓިސަން މާކެޓް، ފުޑް ސްޓްރީޓް، ފުޑް އެކްސްޕޯ އަދި ސެންޓާ ކޯޓަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެ އެވެ.
މިދިޔަ އަހަރު ބޭއްވި ފުޑް ކާނިވަލްއަށް 14،000 މީހުން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރު ފުޑް ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރީ އަހަރަށް ވުރެ ވެސް ތަފާތުކޮށް ކުލަގަދަ އަދި ފޯރިގަދަ އިވެންޓެއް ގޮތުގަ އެވެ.











