މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީގެ ހުރިހާ ވިޔަފާރިއަކުން ލިބުނު އާމްދަނީ އޭގެ ކުރީ ކުއާާޓަރަށް ވުރެ ދަށްވެ، ޓެކުހަށް ކެނޑުމަށް ފަހު ކުންފުންޏަށް ލިބުނު ސާފު ފައިދާ ފަސް މިލިއަން ރުފިޔާއަށް ވެއްޓިއްޖެ އެވެ.
އެމްޓީސީސީން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުއާޓަރުގެ ތެރޭގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީއަށް 822 މިލިއަން ރުފިޔާ ލިބުނެވެ. މި އާމްދަނީގެ ތެރެއިން އިންޓަ ސެގްމަންޓް އާމްދަނީ ކެނޑުމަށް ފަހު އާމްދަނީއަށް ލިބުނީ 664 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީގެ ހިއްސާކުރަނީ ބިން ހިއްކުމާއި ކޮންސްޓްރަކްޝަން މަސައްކަތުން އެ ކުންފުންޏަށް ލިބުނު އާމްދަނީ އެވެ. މި ސެގްމަންޓުން އެ ކުންފުންޏަށް 547 މިލިއަން ރުފިޔާ ލިބުނެވެ. އެހެނިހެން ސެގްމަންޓުތަކުން އެ ކުންފުންޏަށް ލިބުނީ 116 މިލިއަން ވަރަކަށް ރުފިޔާ އެވެ.
އެމްޓީސީސީގެ ފުރަތަމަ ކުއާޓަރު 2024 ގެ އުސްއަލިތައް
- އާމްދަނީ - 664,440,088ރ.
- ވިޔަފާރި ކުރުމުގެ ހަރަދު - 661,989,280ރ.
- ޖުމްލަ ފައިދާ - 2,450,808ރ.
- ހިންގުމުގެ ފައިދާ - 41,768,365ރ.
- ފައިނޭންސް ހަރަދުތައް - 35,602,614ރ.
- ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާ - 6,165,751ރ.
- އިންކަމް ޓެކްސް/ވިޔަފާރި ފައިދާ ޓެކްސް - 924,863ރ.
- ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާ - 5,240,888ރ.
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރާއި މިދިޔަ އަހަރުގެ ފަހު ކުއާޓަރު އަޅަައިބަލާއިރު، ހުރިހާ ދާއިރާއަކުން އާމްދަނީ ދަށެވެ. އަދި ނިސްބަތުން ބަލާއިރު ވިޔަފާރި ކުރަން ހިނގި ހަރަދު ވެސް ވަރަށް ބޮޑެވެ.
މިއާ ގުޅިގެން އެމްޓީސީސީގެ ކުއާޓަރުން ކުއާޓަރަށް ލިބުނު ފައިދާ ވަނީ ހަ ގުނަ ވެއްޓިފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ސާފު ފައިދާވި އެވެ.
ފައިދާ ދަށްވީ ސަބަބެއް ކަމަށް އެމްޓީސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، ކުންފުނީގެ ކޭޝް ފްލޯއަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ސާމާނު ލިބުމުގައި ދިމާވީ ހުރަސްތަކެވެ. އަދި، ކުންފުނީގެ ހިންގުމުގެ ހަރަދުތައް އެވަރެޖުކޮށް ތިރިކުރެވުނަސް، ރޯދަ މަހުގެ އެލަވަންސް ފަދަ ހަރަދުތައް ކުރަން ޖެހުމުން ފައިދާ ދަށްވީ ކަމަށް ރިޕޯޓުގައިވެ އެވެ.











