މިހާރު އުމުރުން ފަންސާސް ފުރި، ފަހު ފަނަރައިގެ ދުވަސްތައް ގުނަމުންދާ ބޭފުޅެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާށެވެ. އޭރުގެ އަމާންކަމާއި، މީހުންގެ ހުލްގުހެޔޮކަމާއި، ވެރިންނަށް ކިޔަމަންވުމާއި، މީހުންގެ ބަނިޔާދަންކަމުގެ ވާހަކަ ދައްކާއިރު، މިއީ މިދުނިޔެމަތީގެ ކަމެއްބާއޭ ހީވާހައި ވާނެ އެވެ. އަމާންކަމުގެ ވާހަކަ ދައްކާއިރު، ކުށްތަކަށް އަރައިގަތުމަކީ ދެހާހުގެ އަހަރުތަކަށް ފެށުނު ފަހުން މިރާއްޖެއަށް އަލަށް ތައާރަފުވީ ކަމެކޭ ހީވާ ވަރުކޮށްލާނެ އެވެ.
ހަގީގަތަކީ އެ ޒަމާނުގައިވެސް ރާއްޖޭގައި އެކިވަރުން ކުށްތައް ކުރެވެމުން ދިޔަ އެވެ. މިހާރު ހުރި ވަސީލަތްތައް ނެތީތީ އެ ޒަމާނުގައި މިހާރަށްވުރެ ކުށް މަދުކަން އެއީ ދެބަސްވެވޭނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އޭރުވެސް ވައްްކަންކުރުމާއި، މަކަރާ ހީލަތްހެދުމާއި، މާރާމާރީއާއި ޒިނޭކުރުންވެސް އިންތިހާ އެވެ. މީހުން މެރުމުގެ ކުށްތައްވެސް ހިނގާފައި އެބަހުއްޓެވެ. ތާރީހު ލިޔާ އަތްތަކުން އެ ޒަމާނުގެ އަނދިރި ފަރާތަށް ކުޑަވިޔަސް އަލިކަމެއް އެޅުނަ ނުދިނުމަށް ކޮށްފައި އޮތީއާދަޔާ ހިލާފު ހިތްމަތެކެވެ.
އެ ހުރިހާ ކަމެއް އެހެން ހުރިނަމަވެސް، އެ ޖީލުގެ އަދަބުވެރިކަމާއި، ކިޔަމަންތެރިކަމާއި އަހުލާގުވެސް މި ޖީލަށްވުރެ ރަނގަޅުކަމަށް ދަންނަވަން ޖެހެ އެވެ. ތާރީހަށް ތެދުވެރިވާނަމަ ބުނާންޖެހޭނީ މިހެންނެވެ. އެކަމަކު އެއީ ކުށުން ބަރީއަވެގެންވީ މައުސޫމުން އުޅުނު ޒަމާނެއްކަމަށް ސިފަކުރުމަކީ ރޯމަރު ދޮގެކެވެ.
އަޅުގަނޑުގެ ގަސްތަކީ އެ ޒަމާނޭ ކިޔައި މުޅީން ރަނގަޅުނޫން ތަސްވީރެއް ދެއްކެވި ލިޔުންތެރިންނަށާއި، ޝާއިރުންނަށް ވަށިވަށިން ދިނުމެއް ނޫނެވެ. ވީގޮތަކީ އަޅުގަނޑުމެން އުފަންވުމުގެ ކުރިން ހިނގާފައި އޮތް މަރުގެ މައްސަލައެއްގެ ތަހުގީގާއި ޝަރީއަތުގެ ލިޔުންތައް ކިޔާލަން ލިބުމުން، އަޅުގަނޑުމެންގެ ހިތްތަކުގެ ލޮލަށް ދައްކާފައި އޮތް އެޒަމާނުގެ ތަސްވީރަށް އައި ކިލަނބުކަމާއެކު ހިތުގައި އުފެދުނު ޝުއޫރުތައް ބަންޑުންކޮށްލެވުނީ އެވެ. މައާފަށް އެދެމުން އަޅުގަނޑުގެ މައުލޫއާއިގެން ކުރިޔަށް ދާނަމެވެ.
މައްސަލައިގެ ފެށުން
މައްސަލައިގެ ހާދިސާ ހިނގީ މ.މަޑިފުށީގަ އެވެ. ނޮވެންބަރު 5، 1977 ދުވަހު، މަޑުއްވަރީ އަސުރުމާގޭ ޒައިނަބު އިބްރާހީމްއާއި، މ.ދިއްގަރު ތުވަރުގޭ ޒަރީނާ އިބުރާހީމް ތިބީ މަޑިފުށީގައި އަންހެންވެރިން ބޮނބިތަޅާ ތަނުގައި އެ މަސައްކަތުގައި މަޝްއޫލުވެގެންނެވެ. އެކަހަލަ މަސައްކަތްތަކުގެ މައިދާންތަކަކީ އެކި ހަބަރުތަކާއި، އިލްމީ ބަހުސްތަކުގެ ގުންޒަރެވެ. ލުއި މައުލޫތަކުން ފެށުނު ވާހަކަތައް ހޫނުވެގެންދިޔައީ ކާކަށް ކީކޭ ބުނެވިގެންތޯ ސާފެއް ނުވެ އެވެ. އެހެންނަމަވެސް ވީގޮތެއް ވެގެން ޒައިނަބު އިބުރާހީމްއާއި ޒަރީނާ އިބުރާހީމްގެ ދެމެދުގައި ޒުވާބެއް ފެށިއްޖެ އެވެ. އެކަހަލަ ޒުވާބުތަކަކީ އައު ކަމަކަށް ނުވާތީ އެކަން ހުއްޓުވާކަށްވެސް މީހަކު ނޫޅެ އެވެ.
މި ޒުވާބެއް ހޫނުވެ، އެންމެފަހުން ގަޔަށް އަތްލާ ހިސާބަށް ގޮސްފި އެވެ. އެކަކު ޖަހާވަރަށްވުރެ ބާރަށް އަނެކަކު ވީއްލާލަ އެވެ. މިކަމެއް ހިނގަމުން ދަނިކޮށް އެރަށު މުދިމު މުހައްމަދު ގާސިމްއާއެކު، އެރަށު އެރަށު އިސްމާއީލް ގާސިމްވެސް އެތަނަށް ދިޔަ އެވެ. އިސްމާއީލް ގާސިމްއަކީ މަޑުއްވަރީ އަސުރުމާގޭ ޒައިނަބު އިބްރާހީމް ކުރިން އިނދެގެން އުޅުނު ހުސައިން އިސްމާއީލްގެ ބައްޕަ އެވެ. ޒައިނަބުގެ ކުރީގެ ބަފައިބެ އެވެ. އަދި ޒައިނަބުގެ ދަރިންގެ ކާފަ އެވެ.
އިސްމާއީލް ގާސިމްއާ ޒައިނަބުއާ ދެމެދު އޮތީ ރުޅިވެރިކަމެއް އުފެދި، ކުރިން މައްސަލަތަކެއްވެސް ޖެހިފަ އެވެ. އެ ދުވަހުގެ ހާދިސާ ހިނގަމުން ދަނިކޮށް އެ ދެ އަންހެނުން ހުއްޓުވަން އެދެމެދަށް ވަނީ އިސްމާއީލް ގާސިމް އެވެ. އޭރު ޒައިނަބު ހުރީ އައިސްފައި ހުރި ގަދަ ރުޅީގައި، އޭނާ ބޮނބިތަޅަން ގެންގުޅުނު މުގުރު ނަގައި ޒަރީނާއާ ދިމާއަށް މަޅައިގެންނެވެ. އިސްމާއީލް ގާސިމް އެ ދެމެދަށް ވަދެ އޭނާގެ އަތުން ގަދަކަމުން މުގުރު އަތުލި އެވެ. މުގުރު އަތުލަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ޒައިނަބުގެ ގައިގައި އެކި ފަހަރުމަތިން ޖެހި މަންޒަރު އެތަނުގައި ތިބި މީހުންނަށް ފެނުނެވެ. ވަރަށް މަސައްކަތުން ދެމީހުން ދުރުކުރެވުނު ވަގުތު ޒައިނަބު ބިންމައްޗަށް ވެއްޓުނެވެ. ވަގުތުން ނަގައިގެން ގެންގޮސް ފަރުވާ ދޭން ފެށުނެވެ. އެ ހާދިސާގެ 21 ދުވަސް ފަހުން ހާލުބޮޑުވެގެން ޒައިނަބު ގަވަމަންޓް ހޮސްޕިޓަލަށް ގެނެވުނެވެ. އެ ހޮސްޕިޓަލުން ބުނާގޮތުގައި އޭނާ ގެނެވުނުއިރު މަރުވެފައި އޮންނަތާ 12 ގަޑިއިރަށްވުރެ ގިނަވެދާނެ އެވެ.
މައްސަލައިގެ ތަހުގީގާއި ޝަރީއަތް
ހާދިސާ ހިނގައިދިޔައިރު އެއީ އާދައިގެ މާރާމާރީއެކެވެ. އެހެންނަމަވެސް ޒައިނަބު މަރުވުމުން އެ މައްސަލަ ބަލަންފެށީ ގަސްތުގައި މީހަކު މަރައިލުމުގެ މައްސަލައެއްގެ ގޮތުގަ އެވެ.
މާރާމާރީގެ މައްސަލައާ ގުޅިގެން ކުރި ތަހުގީގަށް ފާހަގަވި ގޮތުގައި، ޒައިނަބުގެ ވައަތްފަރާތު ކަންކަށީގައި 1 އިންޗި ޑައިމީޓަރުގެ ފާރުގަނޑެއް ހުއްޓެވެ. ޒައިނަބުއާ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ބުނެފައިވަނީ އެއީ އޭނާގެ އަތުގައި އޮތް ބޮނބިތަޅާ މުގުރު ނަގައިގެން އިސްމާއީލް ގާސިމް އޭނާގެ ކަންކަށީގައި އެ މުގުރުން ޖެހުމުގެ ސަބަބުން ލިބިފައިވާ ޒަހަމެއް ކަމުގަ އެވެ.
އެ ހާދިސާ ހިނގިއިރު އެތަނުގައި ތިބި މީހުންގެ ބަޔާންތައް ނެގުނެވެ. ހާދިސާ ހިނގި މަންޒަރު ފެނުނު މީހުންގެ ތެރެއިން މުލަކު ބޮކަރުމާގޭ ޖާރިޔަތު މޫސާ (ކުޑަމަންޖެ) ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވަނީ އެ މާރާމާރީ ހިނގަމުން ދިޔަ ވަގުތު އިސްމާއީލް ގާސިމް އެތަނަށް ގޮސް ޒައިނަބުގެ ލިބާހުގައި ހިފައި ދަމައިގެންފައި، "ނގބޅ މަރާލަންވީޔޭ މިއެއްޗަކާހެދި ނޮހޮރޮއްޕާން ވެއްޖެޔޭ" ބުނެފައި ގޮށްމުށްކަވާފައި ޒައިނަބުގެ ގައިގައި ދެތިންފަހަރު ޖެހިތަން ދުށްކަމަށެވެ. ޖެހީ ކޮންތާކު ކަމެއް ކުޑަމަންޖެއަކަށް ނޭނގެ އެވެ. އޭރު އޭނާ ހުރީ އެމީހުންނާ ތިރީހަކަށް ފޫޓު ދުރުގަ އެވެ.
އިސްމާއީލް ގާސިމްގެ ދަރިފުޅު، ހުސައިން އިސްމާއީލް ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، މި މާރާމާރީ ހިނގިވަގުތު، އޭނާގެ ބައްޕަ ދުރުގައި ހުރެފައި ދުވެފައިި ގޮސް، ޒައިނަބުގެ އަތުގައި އޮތް މުގުރު ގަދަކަމުން އަތުލައި އޭނާގެ ވައަތްފަރާތު ކަންފަތުގެ ތަންކޮޅެއް ތިރިއަށްވާ ހިސާބުގައި އެ މުގުރުން ޖެހިތަން ދުށްކަމަށެވެ.
މަޑިފުށީ ބީޗްހައުސް، މުދިމް މުހައްމަދު ގާސިމް ބުނާގޮތުން، މާރާމާރީ ހިނގިވަގުތު އިސްމާއީލް ގާސިމް އެދެމެދަށް ވަދެ ހަމަ މިހާރު ދޫކޮށްލާށޭ ބުނުމުން ދެމީހުންމެ ދޫކޮށްލި ކަމަށާއި، ހަމަ އެވަގުތު ޒައިނަބު ވެއްޓުނުތަން ފެނުނު ކަމަށެވެ. އޭރު އިސްމާއީލް ގާސިމް ހުރީ ޒައިނަބުގެ ފަހަތުގަ އެވެ. ލަފާކުރެވޭގޮތުގައި ޒައިނަބު ވެއްޓުނީ އިސްމާއީ ގާސިމް އޭނާގެ އަތުގައި ހިފައި ދަމައިގަތުމުން ކަމަށް މުދިމް މުހައްމަދު ގާސިމް ބުނެ އެވެ. ޒައިނަބު ގައިގައި ޖެހިތަނެއްވެސް ނުފެންނަކަމަށާއި، ޖެހި އަޑެއްވެސް ނީވޭކަމަށް މުހައްމަދު ގާސިމް ބުނެ އެވެ. އެހެންނަމަވެސް އިސްމާއީލް ގާސިމްއާއި ރަޒީނާއާ ދެމީހުން ވަރަށް ބޮޑަށް އަނިޔާކުރިކަމަށް ޒައިނަބު އެވަގުތު ބުނިއަޑު އެހިކަމަށް މުހައްމަދު ގާސިމުގެ ބަޔާނުގައި އޮވެ އެވެ.
ޒައިނަބަށް ބޭސްކުރީ މ.ވޭވަށު ފެހިފަރުދާގޭ އާދަމް އަލީ އެވެ. އޭނާ ބުނާގޮތުން، ޒައިނަބަށް ބޭސްކުރުމަށް ޒައިނަބު ގޮވައިގެން އޭނާގެ ގާތަށް އައީ ހުސައިން އިސްމާއީލް އެވެ. އޭނާ ގާތަށް އައިއިރު ޒައިނަބުގެ ކޯމަތިން ފަޅައިގެން ގޮސް އޭނާގެ މޫނާއި ކަންކަށްޓާއި ލޯ ދުޅަވެފައި ހުރިކަމަށާއި، ވައަތު ކޮލުން ފަޅައިގެން ގޮސްފައިވާތަނުން ލޭނުބައިވެ، ދޮސް އަންނަކަމަށް އޭނާގެ ބަޔާނުގައި އޮވެ އެވެ. ހާދިސާ ހިނގިގޮތުގެ މައުލޫމާތު ދެމުން އިސްމާއީލް ގާސިމު ބުނިކަމަށްވަނީ ޒައިނަބުގެ އަތުގައި އޮތް މުގުރު އަތުލަން އުޅެނިކޮށް ބައްޕަގެ އުޅަނބޮށިން ޖެހިގެން ވީގޮތެއް ކަމަށެވެ. ޒައިނަބު ބުނަނީ އެއީ އިސްމާއީލް ގާސިމް މުގުރުން ޖެހުމުން ވީގޮތެއް ކަމަށެވެ.
މައްސަލައިގެ ޝަރީއަތް ފުރަތަމަ ހިންގުނީ މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓު ނަންބަރު 2 ގަ އެވެ. 1977 ވަނަ އަހަރު ހިނގި އެ ހާދިސާގެ ތަހުގީގު ނިންމައި ދައުވާ ކުރެވުނީ 1980 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. އެ މައްސަލަ އެ ކޯޓުން ބަލައި ހުކުމް ކުރެވުނީ އޭގެ ގާތްގަނޑަކަށް ތިން އަހަރު ފަހުން 1983 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އެވެ.
މައްސަލައިގައި ދައުވާކުރެވުނު މީހުންގެ ތެރެއިން ކުށް ސާބިތުވީ އިސްމާއީލް ގާސިމްއާއި ޒަރީނާ އިބްރާހީމްގެ މައްޗަށެވެ. ހުކުމް ކުރެވުނީ، މިއީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ކުށުގެ އަމަލެއްކަން ސާބިތުވާތީ، މި ދެމީހުން ކުށްވެރިވާކަމަށް ކަނޑައަޅައި، މި ކުށުގެ އުގޫބާތެއްގެ ގޮތުން ކޮންމެ މީހަކު 5 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށާއި ވިދިވިދިގެން ހަނދުމަހުގެ ދެ މަސްދުވަހު ރޯދަހިފުމަށް އަމުރުކުރައްވައި، މަރުގެ ދިޔަ ހޯދުމަށް ވާރިސުން ދައުވާކުރާނަމަ މަރުގެ ދިޔަ ދޭންޖެހޭނޭ ކަމަށް ކަނޑައަޅުއްވަ އެވެ.
ހައިކޯޓުގައި ކުރެވުނު އިސްތިއުނާފު
މި މައްސަލައިގައި މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓު ނަންބަރު 2 އިން ކުޅަ ހުކުމާމެދު އިސްމާއީލް ގާސިމް ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ މި ހުކުމް އޭނާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވީ ދެ ފަނޑިޔާރަކު ތިއްބަވައިގެންނެވެ. އެއީ ފަނޑިޔާރު އިބްރާހީމް ނަސީރާއި ފަނޑިޔާރު އަހުމަދު ހަމީދު ފަހުމީ އެވެ.
ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރުމަށް އިސްމާއީލް ގާސިމް ފަސް ސަބަބެއް ހުށަހެޅި އެވެ.
ފުރަތަމަ ސަބަބަކީ، ހާދިސާ ހިނގި ދުވަހުގެ ފަހުން ތިން ދުވަސް ވަންދެން ޒައިނަބު މަޑިފުށީގައި އުޅެ، އެރަށު ބޭސްވެރިން ލައްވައި ބޭސްކުޅައިރު ކަންކަށީގައި ދުޅަކަމެއް ނެތްކަމާއި، ކަންކަށްޓަށް ގެއްލުމެއް ވެފައި ހުރިތަން ފެންނަނީ އޭގެ މާފަހުން ވޭވަށަށް ގޮސް ބޭސްވެރިއަކަށް ދެއްކުމުން ކަމަށްވުމެވެ. އިސްމާއީލް ގާސިމްގެ ނުކުތާއަކީ އެ އަނިޔާއަކީ އޭނާ ކުޅަކަމަކުން ލިބުނު އަނިޔާއެއްނަމަ އެތަން މަޑިފުށީގެ ބޭސްވެރިންނަށްވެސް ފާހަގަވެފައި އޮންނާންވާނެ ކަމެވެ. އެހެންކަމުން އެއީ އެހެން ހާދިސާއެއްގައި ލިބިފައިވާ ގެއްލުމަކަށް ވުމުގެ ފުރުސަތު އޮތްކަމެވެ.
ދެވަނަ ސަބަބަކީ މުދިމް މުހައްމަދު ގާސިމުގެ ހެކިބަހާ ބެހޭގޮތުން އުފެއްދި ސުވާލެވެ. އެއީ ޖެހިތަން ފެނުނުނަމަ ހަމަ އެދުވަހުވެސް ރަށު އޮފީހަށް އެކަން އެންގުމަކީ މުހައްމަދު ގާސިމުގެ މަސްއޫލިއްޔަތަކަށް ވާއިރު، އެކަން އެގޮތަށް ކޮށްފައި ނެތުމެވެ. އެކަމުން އުފައްދާ ސުވާލަކީ ޖެހިތަން ފެނުނު ކަމަށް ފަހުން އެ ބުނާ ބުނުމާމެދު ޝައްކު އުފެދޭ ކަމެވެ.
އަނެއް ސަބަބަކީ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތްއިރު، މިކަމުން ބަރީއަވުމަށް ހުވައަށް އެދުމުން ހުވާކުރަން ފުރުސަތު ނުދެއްވައި މައްސަލަ ނިންމެވުމެވެ.
ހަތަރުވަނަ ސަބަބަކީ ބޭސްކުރި މީހުން ކުރި ބޭހުގެ ސަބަބުން ޒައިނަބު މަރުވުމުން، އެކަން ރަނގަޅަށް ނުބައްލަވައި އަވަސް އަރުވާލައިގެން ވަޅުލުމަށްފަހު، މިމައްސަލަ ތަހުގީގުކުރުމާ ހަވާލުވެހުންނެވި އުއްސަކުރު އަބްދުﷲ ވަހީދު މިއިން ކަމަކަށް ނުބައްލަވައި، ތަހުގީގުކުރެއްވުމެއްވެސް ނެތި އިސްމާއީލް ގާސިމް އަދަގޮނޑި ޖަހާފައިވުމެވެ.
ފަސްވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ އިސްމާއީލް ގާސިމްގެ 'ގުޑް ކަރެކްޓަ' އެވެ. އިސްމާއީލް ގާސިމު ބުނެފައިވާ ގޮތުން "އެއް ދައުރު ހުސްވެ އަނެއް ދައުރު ހުސްވެ މިހެންގޮސް އުމުރުން ހަތްދިހަ އަހަރު ފުރިފައިވާއިރު މިހާތަނަށް އެއްވެސް އޮފީހަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައި ނެތްއިރު" މިވަރުގެ މައްސަލައެއް ރަނގަޅަށް ނުބައްލަވައި ނިންމެވިކަމެވެ.
ހައިކޯޓުގެ ފަނޑިޔާރުން މި ނުކުތާތަކަށް ވަރަށް ރަނގަޅަށް އަޑުއެއްސެވި އެވެ. އެންމެ ބޮޑު ބަހުސެއް ހިނގީ އިސްމާއީލް ގާސިމުގެ ދަރިފުޅު، ހުސައިން އިސްމާއީލް ތަހުގީގަށް ދީފައި އޮންނަ ބަޔާނެވެ. މި މައްސަލައިގެ ޝަރީއަތާ ހަމައަށް ދިޔައިރު، އޭނާގެ ބަޔާނުން ރުޖޫއަވެއްޖެ އެވެ. ޝަރީއަތުގެ މަޖިލީހުގައި ބުނަނީ އޭނާގެ ބައްޕަ، އޭނާގެ ކުރީގެ އަންހެނުންގެ ކަންކަށީގައި މުގުރަކުން ޖަހާފައި ނުވާކަމަށެވެ.
ތަހުގީގުގައި އެގޮތަށް ބަޔާންދިނީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ބުނަނީ ތަހުގީގަށް ބަޔާން ނަގައި ލިޔުނީ ލެޓިން އަކުރުން ކަމުގަ އެވެ. އޭނާއަކީ ލެޓިން އަކުރު ލިޔާން ކިޔާން ދަންނަ މީހަކަށް ނުވާތީ ބަޔާނުގައި ލިޔެފައި އޮތް އެއްޗެއް ނުކިޔާ ސޮއިކުރީކަމަށް އޭނާ ބުނެ އެވެ.
މި ވާހަކައާ ދައުލަތުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އެވެ. ދައުލަތުގެ ވަކީލު، އަލްއުސްތާޒު މުހައްމަދު އިބްރާހީމް މަނިކު ވިދާޅުވީ އެއީ ފަހަރެއްގައިވެސް އެކަން ހިނގާނޭ ގޮތެއް ނޫން ކަމުގަ އެވެ. އެހެނީ ތަހުގީގައި ނެގޭ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، ތަހުގީގު ކުރާ ބޭކަލުން އެ ބަޔާން އިއްވައިދޭތީ އެވެ. އޭނާގެ ބަޔާން ބަދަލުކުރީ ބައްޕަ ސަލާމަތްކުރުމުގެ ބޭނުމުގައިކަމަށްވެސް ވަކީލު ވިދާޅުވި އެވެ.
ޒައިނަބު އިބްރާހީމްގެ ހުރިހާ ވާރިސުން ޝަރީއަތުގައި ބަސްބުނެފައިވަނީ އިސްމާއީލް ގާސިމްގެ މައްޗަށް އެއްވެސް ދައުވާއެއް ނެތްކަމަށެވެ.
މައްސަލައިގެ މިހާ ހިސާބަށް ދިޔައިރު، ޒައިނަބު ގައިގައި އިސްމާއީލް ގާސިމް ޖެހިތަން ދުށްކަމަށް ބުނާ ތިބީ ތިން ހެއްކެވެ. އޭގެތެރެއިން، މުގުރަކުން ޖެހިކަމަށް ބުނަނީ ހުސައިން އިސްމާއީލް އެކަންޏެވެ. އޭނާ އެބަހުން ރުޖޫއަވެއްޖެ އެވެ. އަނެއް ދެ ހެކިން ބުނާގޮތުން ޖެހީ އަތުންނެވެ. އެހާ ގިނަ މީހުން ތިބި ތަނެއްގައި، ޒައިނަބުގެ އަތުގައި އޮތް މުގުރު ނަގައިގެން ކަންކަށީގައި ޖެހިނަމަ އެހެން މީހުންނަށްވެސް އެމަންޒަރު ނުފެނި ދިއުމަކީ ދުރުކަމެކެވެ.
ހައިކޯޓުގެ ފަނޑިޔާރުން ނިންމީ، ޒައިނަބުގެ ގައިގައި އިސްމާއީލް ގާސިމް މުގުރަކުން ޖެހިކަމާމެދު ސުވާލު އުފެދުނު ނަމަވެސް، އޭނާ އެ އަމަލު ހިންގާފައިވާކަމަށް 'ވަރަށް ބޮޑަށް ތުހުމަތުކުރެވޭ' ކަމަށެވެ. އެހެން ކަމުން، އޭނާއަށް އެ ތުހުމަތުން ބަރީއަވެވޭނީ ހުވާކޮށްގެން ކަމަށް ނިންމުނެވެ. އެއާއެކު އޭނާ އަންނަނިވި އިބާރާތުން ހުވާކުރި އެވެ.
"والله العظيم. ނޮވެމްބަރު 5، 1977 ދުވަހު މ. މަޑިފުށީގައި ދިއްގަރު ތުވަރުގޭ ޒަރީނާ އިބްރާހީމްއާއި، މަޑުއްވަރީ އަސުރުމާގޭ ޒައިނަބު އިބްރާހީމްއާ ދެމެދު ހިނގި މާރާމާރީގެ ހާދިސާގެ ތެރޭގައި ޒައިނަބު އިބްރާހީމްގެ ކަންކަށީގައި ބޮނބިތަޅާ މުގުރަކުން އަހުރެން ނުޖަހާކަމަށާއި، އެ ދުވަހު ޒައިނަބު އިބްރާހީމްއަށް އަހުރެން އެއްވެސް ހާނިއްކައެއް ނުކުރާކަމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."
ހައިކޯޓުން މައްސަލަ ނިންމެވީ، މަޑުއްވަރީ އަސުރުމާގޭ ޒައިނަބު އިބްރާހީމްގެ މަރާމެދު އިސްމާއީލް ގާސިމްއަށް ކުރެވޭ ދައުވާގައި ޒައިނަބުގެ ވާރިސުން މަރުގެ ދައުވާ ދޫކޮށްލާފައިވުމާއެކު، އެ ދައުވާ ސާބިތުކުރަން ކާފީހެކި ނެތްކަމަށްޓަކައި، ކުށުން ބަރީއަވުމަށްޓަކައި އިސްމާއީލް ގާސިމްއަށް ހުވާ ލާޒިމުކުރުމުން އިސްމާއީލް ގާސިމް ހުވާކޮށްފައިވާތީ އެކުށުގެ ދައުވާއިން އޭނާ ބަރީއަވެއްޖެކަމަށް ކަނޑައަޅުއްވަ އެވެ.
ހައިކޯޓަށް މިމައްސަލައިގެ އިސްތިއުނާފު ހުށަހެޅުނީ އޮގަސްޓް 1، 1983 ގަ އެވެ. އެކޯޓުން މިމައްސަލަ ބައްލަވައި ނިންމެވީ އޭގެ އެއް އަހަރު ފަހުން، އޮގަސްޓް 5، 1984 ގަ އެވެ. މިއީ އެ އަހަރު އެކޯޓުން ބެއްލެވި 8 ވަނަ ގަޒިއްޔާ އެވެ. އަދި މިއީ މީހެއްގެ މަރާ ގުޅިގެން އެކޯޓުން ބެއްލެވިކަމަށް ފެންނާން އޮތް ފުރަތަމަ ގަޒިއްޔާ އެވެ.








