މެންޗެސްޓާ (އޭޕްރީލް 13) - މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ ލައްވައި ގަދަކަމުން މެޗުތަކުގައި ނުުކުޅުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ 3-3 އިން އެއްވަރުވި މެޗަށް ފަހު، ދިން އިންޓަވިއުއެއްގައި ރޮޑްރީ ބުނެފައިވަނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ވަރުބަލިކަން އިހުސާސްވެފައިވާ ކަމަށާއި ކޮންމެ ވެސް ވަރަކަށް އަރާމްކުރަން ވަގުތުކޮޅެއް ނަމަވެސް ބޭނުންވާ ކަމަށެވެ. އެކަމަކު، ހާލަތުގެ ގޮތުން، އަރާމްކުރަން ނުލިބުނަސް މެޗުތަކުގައި ކުޅެން ޖެހޭ ކަމަށް ރޮޑްރީ ވަނީ ބުނެފަ އެވެ.
އެ ވާހަކަތަކަށް އިޝާރާތްކޮށް ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި ގާޑިއޯލާ ބުނީ އެއްވެސް ކުޅުންތެރިއަކު ލައްވައި ގަދަކަމުން ނުކުޅުވާނެ ކަމަށެވެ.
"ކުޅުންތެރިއަކު ކުޅެން ބޭނުންނުވާ ކަމަށްވާނަމަ އެ ކުޅުންތެރިއަކު ނުކުޅޭނެ. އެއީ ވަރަށް ސިމްޕަލްކޮށް އޮތް ކަމެއް،" ގާޑިއޯލާ ބުންޏެވެ.
މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ސިޓީން 3-3 އިން ރެއާލް މެޑްރިޑާ އެއްވަރުވި މެޗާ އެކު، ރޮޑްރީ، ސީޒަނުގައި އެ ކުޅެފައިވަނީ 41 މެޗެވެ. އެ މެޗުގެ ނަތީޖާާއާ އެކު، ރޮޑްރީ ކުޅެން ހުއްޓައި، ސިޓީ ބަލިނުވެ 66 މެޗު ވަނީ ހަމަކޮށްފަ އެވެ. އެއީ، 429 ދުވަހުގެ ރެކޯޑެކެވެ. ރޮޑްރީ ވަނީ މި ސީޒަނުގެ މިހާތަނަށް 3497 މިނިޓް ކުޅެފަ އެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، ރޮޑްރީ އަށް ވުރެ ގިނަ ވަގުތު ކުޅުނީ ތިން ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި ދެ ގޯލްކީޕަރުން ވެސް ހިމެނެ އެވެ.
މި ސީޒަނުގައި ރޮޑްރީ އަށް ވަނީ ސަސްޕެންޝަންގެ ސަބަބުން ހަތަރު މެޗު ގެއްލިފަ އެވެ. ސިޓީ އެ ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެހެންވެ، މި ސަބަބަށްޓަކައި ވެސް ގާޑިއޯލާ އަންނަނީ ގިނަ މެޗުތަކުގައި ރޮޑްރީ އަށް ފުރުސަތު ދެމުންނެވެ.
"ރޮޑްރީ ވިޔަސް އެހެން ކުޅުންތެރިއަކު ވިޔަސް އަހަރެމެން ވަރަށް ބޮޑަށް ބަލާފައި މި ބޭނުންކުރަނީ،" ގާޑިއޯލާ ބުންޏެވެ.
ލީގުގައި މިރޭ ސިޓީން ކުޅޭނީ ލޫޓަން ޓައުންއާ އެވެ.












