މެންޗެސްޓާ (އޭޕްރީލް 6) - މެންޗެސްޓާ ސިޓީގެ ފޯވާޑް ފިލް ފޯޑެން އަކީ މި ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާނެ ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީ އިިން މިދިޔަ ހަފުތާ އެސްޓަން ވިލާއާ އަތުން 4-1 ގެ ނަތީޖާ އަކުން މޮޅުވި މެޗުގައި ފޯޑެން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި މި ސީޒަނުގައި ސިޓީ އިން ކުޅުނު މެޗުތަކުގައި ނަތީޖާ ނެރުމުުގައި ފޯޑެންގެ ދައުރު ބޮޑެވެ.
ގާޑިއޯލާ ބުނީ ސިޓީން ކުޅުނު މެޗުތަކަށް ބަލާއިރު، ފޯޑެން އަކީ މި ސީޒަނުގައި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާނެ ކުޅުންތެރިއެއް ކަމަށް ބެލެވޭނެ ކަމަށެވެ.
"ވަރަށް, ގިނަ ކުޅުންތެރިންތަކެއް މި ސީޒަނުގައި ތަފާތު ދައްކާ މަންޒަރު އެބަ ފެނޭ, އެކަމަކު، އަހަންނަށް ބުނަން ކެރޭ, ޕާފޯމަންސް އަށް ބަލާ ފޯޑެން އަކީ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާނެ ކުޅުންތެރިއެއް ކަން" ގާޑިއޯލާ ބުންޏެވެ.
މި ސީޒަނުގައި ސިޓީ އަށް ފޯޑެން ކުޅެދިން 30 މެޗުން ވަނީ 14 ގޯލު ޖަހައިފަ އެވެ. އަދި ހަތް ގޯލު ޖެހުމަށް އެހީތެރިވެފައިވެ އެވެ.
އިނގިރޭސި ގައުމީ ޓީމުގައި ވެސް ހިމެނޭ، ފޯޑެން އަކީ ޔޫރަޕްގެ ބޮޑެތި ކުލަބްތަކުން ހޯދަން ބޭނުންވާ ކުޅުންތެރިއެއްވެސް މެ އެވެ. އެކަމަކު، ސިޓީ އިން ކެރިއަރު ފެށި ފޯޑެން ބޭނުންވަނީ އެ ކުލަބުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް ކުލަބްގެ ލެޖެންޑަކަށް ވާން ކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފަ އެވެ.












