މެންޗެސްޓާ (އޭޕްރީލް 1) - މިހާރު އޮތްގޮތަށް ބަލާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ފޭވަރިޓުންނަކީ ތާވަލުގެ އެއް ވަނަ މަގާމުގައި އޮތް ޓީމުގެ ހައިސިއްޔަތުން ލިވަޕޫލް ކަމަށް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގައި ސިޓީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ، 0-0 އިން އާސެނަލާ އެއްވަރުވެފަ އެެވެ. އެ ނަތީޖާއާ އެކު، ސިޓީ މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ.
އެ ގޮތުން، ލީގުގެ އެއް ވަނައިގައި އޮތް، ލިވަޕޫލަށް 29 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 29 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް 29 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ.
އާސެނަލާ އެއްވަރުވި މެޗަށް ފަހު، ގާޑިއޯލާ ބުނީ، އަބަދުވެސް އޭނާ ގަބޫލުކުރާ ގޮތަކީ ފޭވަރިޓުންނަކީ އެންމެ ކުރީގައި އޮންނަ ޓީމު ކަމަށެވެ.
"އަބަދުވެސް އެއް ވަަނައިގައި އޮންނަނީ ފޭވަރިޓުން. ވަރަށް ސާފުކޮށް ފޭވަރިޓުން ފެންނަން އެ އޮތީ، ދެ ވަނަ ފޭވަރިޓަކީ އާސެނަލް، އަހަރެމެންނަކީ ތިން ވަނަ (ފޭވަރިޓުން). އަހަރެމެން އަތްމަތީގައެއް ނޫން ކޮންޓްރޯލް އޮތީ. މިހާރު މި ވިސްނަނީ ކުރިއަށް އޮތް މެޗުން މޮޅުވާން އެކަނި،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އެ ޓީމު އެއް ވަނައިގައި އޮތްއިރު، އަމިއްލަ އަށް ދެކުނީ ވެސް ފޭވަރިޓުންގެ ގޮތުގައި ކަމަށާއި މި ވަގުތު އޮތީ އެ ހާލަތެއް ނޫން ކަމަށެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އެ ޓީމުން ނުކުތީ މޮޅެއް ހޯދުމަށް ކަމަށާއި އެއްވަރުވުމަކީ ވެސް މުޅި މެޗުގެ ކުޅުމަށް ބަލާއިރު އެ ޓީމުގެ ކުރިއެރުން ވަޒަންކުރެވޭނެ ނަތީޖާއެއް ކަމަށެެވެ. އަދި މިދިޔަ ސީޒަނުގެ ސިޓީ ޓީމު އޮތް ލެވަލާ މި ފަހަރު އެ ޓީމު ދައްކާ ކުޅުމުގައި ތަފާތުތަކެއް އެބަހުރި ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.












