މާލޭ ބާޒާރުގައި ލެޓިއުސް މަދުވެ، ކިލޯއެއްގެ އަގު 100ރ. އަށްވުރެ މައްޗަށް ޖެހިއްޖެ އެވެ.
ލޯކަލް މާރުކޭޓުގެ ބައެއް ގޮޅިތަކުން ލެޓިއުސް އެއްކޮށް ހުސްވެފައި ވާއިރު، ލެޓިއުސް ލިބެން ހުރި ގޮޅުތިކަުން ކިލޯއެއް ވިއްކަނީ 100ރ. އާއި 120ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މާރުކޭޓުގެ ގޮޅިއެއްގެ ވެރިޔަކު މިއަދު ބުނީ ލެޓިއުސްގެ އަގު މަތިވެފައި ވަނީ ލެޓިއުސް މަދުވެގެން ލޯންޗުން ގެންނަންޖެހުމާއެކު ނާލުގެ އަގު ބޮޑުވުމުންނެވެ. ނަމަވެސް މާދަމާ ބައެއް ރަށްރަށުން ދޯނިފަހަރުން ލެޓިއުސް ލިބނެ ކަމަށާއި އެއާއެކު އަގު ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.
ރޯދަ މަސް ފެށުނުއިރުވެސް ލެޓިއުސްގެ އަގު ކިލޯއެއް 70ރ. އަށް ހުރި ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ ކިލޯއެއް 40ރ. އަށްވެސް ވެއްޓުނެވެ.
ދިވެހިންގެ ތެރޭގައި ބޮޑު ޑިމާންޑެއް އޮތް ލެޓިއުސްގެ އަގު އުފުލިފައިވާއިރު، ކޮޕީފަތް ބޮނޑިއެއް މިއަދު ވެސް ހުރީ 10ރ. އަށެވެ. ކުއްޅަފިލާފަތް ބޮނޑިއެއް ހުރީ 20ރ. އަށެވެ.
ތަރުކާރީއަށް ބަލާއިރު ބާޒާރުގައި ލީކްސް ކިލޯއެއްގެ އަގު ހުރީ 75ރ. އާއި 80ރ. އާ ދެމެދުގަ އެވެ. އަދި ކެރެޓް ކިލޯއެއްގެ އަގު 40ރ. އަށް އަރާފައި ވާއިރު، ކެބެޖު ކިލޯއެއް ލިބެން ހުރީ 30ރ. އަށެވެ.
މޭވާގެ އަގުތަކަށް ބަލާއިރު އޮރެންޖުގެ އަގު ވަނީ 7ރ. އަށް ވެއްޓިފަ އެވެ. އަދި ފެހި އާފަލާއި ރަތް އާފަލު 8ރ. އަށް ލިބެން ހުއްޓެވެ. ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު ހުރީ 130ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ.











