ބާޒާރުގައި އާފަލާއި އޮރެންޖު އަދި ޕެއާސްގެ އަގު ދަށަށް ހިނގައްޖެ އެވެ.
މިއަދު މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ރަތް އާފަލެއް 7ރ. އަށް ލިބެން ހުއިރިު، ފެހި އާފަލެއް ވެސް ލިބެން ހުރީ 7ރ. އަށެވެ. މިދިޔަ ހަފްތާގައި ފެހި އާފަލުގެ އަގު 12ރ. އަށް ވެސް އަރައިގެންދިޔަ އެވެ.
އޮރެންޖެއްގެ އަގު ކުރިން 10ރ. އަށް އަރައިގެންދިޔަ ނަމަވެސް، މިހާރު ބާޒާރުން އޮރެންޖެއް 7ރ. އަށް ލިބެން އެބަ ހުއްޓެވެ. އަދި ކުރިން 120ރ. އަށް ލިބެން ހުރި ޕެއާސް ކިލޯއެއް މިހާރު ލިބެން ހުރީ 80ރ. އާއި 85ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ޖުމްހޫރީ މޭވާ ކިލޯއެއް މިއަދު އެވްރެޖުކޮށް ލިބެން ހުރީ 120ރ. އަށެވެ. ނަމަވެސް ޖުމްހޫރީ މޭވާ މިދިޔަ ހަފްތާގައި ލިބެން ހުރީ އެވްރެޖުކޮށް 140ރ. އަށެވެ. އަދި މެންޑެރިންގެ އަގުވެސް ވަނީ 70ރ. އިން 60ރ. އަށް މިއަދު ވެއްޓިފަ އެވެ.
ކަރާ ކިލޯއެއްގެ އަގު އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް މިއަދުވެސް ހުރީ 18ރ. އާއި 20ރ. އަށެވެ. އަލަނާސި ކަރާގެ އަގު ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ގްރޭޕްސްގެ ވައްތަރުތަކުގެ 100 ގްރާމު ލިބެން ހުރީ 18ރ. އަށެވެ.
ކަނޑޫދޫ މިރުހުގެ 100 ގްރާމު 25ރ. އާއި 30ރ. އާ ދެމެދުގައި އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް ހުރިއިރު، ލަންކާ މިރުހާއި ޔުގާންޑާ މިރުސް ލިބެން ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ފަތްޕިލާވެއްޔަށް ބަލާއިރު ލީކްސް ކިލޯއެއްގެ އަގު ހުރީ 60ރ. އާއި 65ރ. އަށެވެ. އަދި ކޮޕީފަތް ބޮނޑިއެއް 10ރ. އަށް ހުރިއިރު، ކުއްޅަފިލާފަތް ބޮނޑިއެއް ހުރީ 20ރ. އަށެވެ.
މާލޭ މަސް މާރުކޭޓުގައި ހުރި މަހުގެ އަގުތަކަށް ބަލާއިރު މިއަދު ކަންނެލި ކިލޯއެއް ލިބެން ހުރީ 40ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ކަނޑުމަސް ކިލޯއެއް ހުރީ 35ރ. އަށެވެ.
މާނިއާ މަހެއްގެ އަގު 40ރ. އަށް ހުރިއިރު، ތިން ގިނިމަސް ވިއްކާފައި ވަނީ 100ރ. އަށެވެ. އަދި ރަތް މަސް ކިލޯއެއް 80ރ. އަށް ވިއްކާފައިވާއިރު، ތޮޅިއެއް ވިއްކާފައި ވަނީ 20ރ. އަށެވެ.










