ފެހި އާފަލުގެ އަގު އުފުލި، މިއަދު އާފަލެއްގެ އަގު 12ރ. އަށް މައްޗަށް ޖެހިލައިފި އެވެ.
މާލޭ ދަތުރުވެރިންގެ މާރުކޭޓުން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ 10ރ. އަށް ލިބެން ހުރި ފެހި އާފަލުގެ އަގު 12ރ. އަށް އުފުލިފައި ވަނީ ކޭސް ލިބޭ އަގަށް ބަދަލު އައުމާ ގުޅިގެން ކަމަށެވެ.
ހޯލްސޭލް ކުރާ ތަންތަނުގަައި ފެހި އާފަލު، 100 އާފަލުގެ ކޭހެއް 900ރ. އަށް އިއްޔެ ލިބެން ހުރިއިރު، މިއަދު ފެހި 120 އާފަލުގެ ކޭހެއް ލިބެން ހުރީ 1،250ރ. އަށް ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ބާޒާރުގައި ރަތް އާފަލު 6ރ. އާއި 8ރ. އާ ދެމެދުގެ އަގުގައި ލިބެން ހުރިއިރު، އޮރެންޖު ލިބެން ހުރީ 9ރ. އާއި 10ރ. އާ ދެމެދުގެ އަގެއްގަ އެވެ. މެންޑެރިން ކިލޯއެއް 65ރ. އާއި 70ރ. އާ ދެމެދު ހުރިއިރު، ލުނބޯ ކިލޯއެއްގެ އަގު ހުރީ 60ރ. އާއި 65ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ބާޒާރުގައި މިއަދު މަދުން ނަމަވެސް ދިވެހި ޖުމްހޫރީ މޭވާ ހުރިއިރު، ކިލޯއެއްގެ އަގު ހުރީ 150ރ. އަށެވެ. އަދި ލަންކާ، އިންޑިއާ އަދި ޔުގާންޑާގެ ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު ހުރީ 130ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ކަރާގެ އަގުތަކަށް ބަލާ އިރު ތޮއްޑޫ ކަރާ ކިލޯއެއްގެ އަގު 15ރ. އާއި 20ރ. އާ ދެމެދު ހުރިއިރު، އަލަނާސި ކަރާ ކިލޯއެއްގެ އަގު ހުރީ 25ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އަލަނާސި ގަނޑެއްގެ އަގު 50ރ. އަށް މިއަދު ހުރިއިރު، އަންނާރުގެ އަގު ވަނީ 100ރ. އަށް ވެއްޓިފަ އެވެ. އަދި ފަޅޯ ކިލޯއެއްގެ އަގު ހުރީ 50ރ. އަށެވެ.
މިރުހުގެ އަގުތަކަށް ބަލާއިރު ށ.އަތޮޅު މިރުސް ހުރީ 100 ގްރާމު 30ރ. އަށެވެ. އަދި ކަނޑޫދޫ މިރުހުގެ 100 ގްރާމު 35ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ލަންކާ މިރުހުގެ 100 ގްރާމު ލިބެން ހުރީ 25ރ. އަށެވެ.
މާލޭ މަސް މާރުކޭޓުގައި ކަޅުބިލަމަސް ކިލޯއެއް މިއަދު ލިބެން ހުރީ ކިލޯއެއް 40ރ. އަށެވެ. އަދި ކަންނެލި ކިޅޮއެއްގެ އަގު ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ކުދި ރިންމަހުގެ އަގަށް ބަލާއިރު، 20ރ. އަށް 30 މަސް ވަނީ ވިއްކާފަ އެވެ. އަދި ބޮޑު ތިން މުށިމަސް ލިބެން ހުރީ 20ރ. އަށެވެ.
މީގެއިތުރުން މާނިޔާ މަސް ކިލޯއެއް 35ރ. އަށް ހުރިއިރު، ރަތް މަސް ކިލޯއެއްގެ އަގު ހުރީ 120ރ. އަށެވެ. އަދި ހަނދީގެ އަގު ހުރީ 45ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ބޯވައެއް 300ރ. އަށް ވިއްކަމުން ގޮސްފައިވާއިރު، ބޮޑު ހަނދި ވިއްކަމުންދިޔައީ 280ރ. އަށެވެ.










