މިއުނިކް (މާޗް 17) - އިނގިރޭސި ފޯވާޑް، ހެރީ ކޭން ޖެހި ރެކޯޑް ގޯލާ އެކު، ބަޔާން މިއުުނިކުން 5-2 އިން ޑަމްސްޓަޑް ބަލިކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލެވަކޫސަނަށް ވަނީ 25 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް، ބަޔާން އަށް 26 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސްޓުޓްގާޓަށް ވަނީ 26 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.
ބަޔާނަށް ރޭގެ މެޗުގައި ކޭންގެ އިތުރުން ގޯލުތައް ޖަހައިދިނީ، ޖަމާލް މުސިއާލާ ދެ ގޯލާއި، ސާޖް ގްނަބްރީ އަދި މަތީސް ޓެލް އެވެ. ޑަމްސްޓަޑްގެ ދެ ލަނޑު ޖެހީ، ޓިމް ސްކާކޭ އާއި އޮސްކާ ވިލްހެލްމްސަން އެވެ.
މި މެޗުގައި ކޭން ޖެހި ގޯލާ އެކު، އޭނާ މި ވަނީ ލީގުގައި ބަޔާނަށް 31 ގޯލު ހަމަކޮށްފަ އެވެ. މިއީ، ކޭންގެ އަމިއްލަ ރެކޯޑަށް ބަލާއިރު ވެސް ކުރިއެރުމެކެވެ. ޓޮޓެންހަމް ހޮޓްސްޕާސްއާ އެކު ކޭން ވަނީ ދެ ސީޒަނެއްގައި، 30 ގޯލު ޖަހައިފަ އެވެ. މިއީ، ކޭންގެ ކެރިއަރުގައި ލީގު ސީޒަނެއްގައި މި އަދަދަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ކޭންގެ ވަނީ ޖަރުމަނު ލީގުގައި ވެސް ރެކޯޑެއް ހަދައިފަ އެވެ. އޭނާ އަކީ ޖަރުމަނު ލީގުގައި ކުޅޭ ފުރަތަމަ ސީޒަނުގައި 31 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ޖަރުމަނު ލީގުގައި ކުޅުނު ފުރަަތަމަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ، އުވެ ސްވީލާ އަތުގަ އެވެ. އޭނާ ވަނީ 1963/1964 ވަނަ ސީޒަނުގައި 30 ގޯލު ޖަހައިފަ އެވެ.
ރޭގެ މެޗުގެ 82 ވަނަ މިނިޓްގައި ކޭންް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ. ކޭންގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއާ ބެހޭ ތަފްސީލު ދެނެގަންނަން ޓެސްޓްތަކެއް ހަދާނެ ކަމަށް ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފަ އެވެ.












