ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް)ގެ ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކެއްގެ ކަންކަން ސާފުކުރަމުން އަންނަނިކޮށް، އެ އެސޯސިއޭޝަނުން މި މަހު 22 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމައި، މަގާމުތަކަށް ކުރިމަތިލުމަށް އިއުލާނުކޮށްފި އެވެ.
އިއްޔެ ގެޒެޓްގައި ޝާއިއުކުރި، ބެޑްމިންޓަން އެސޯސިއޭޝަންގެ އިއުލާނެއްގައި ބުނެފައިވަނީ، މި މަހު، 10 ގައި ބޭއްވުނު، މި އަހަރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ފުރަތަމަ ޖަލްސާގައި ނިންމާފައިވަނީ، މި މަހު 22 ވަނަ ދުވަހުގެރޭ އައްޑޫ އިކުއޭޓްރަލް ވިލެޖްގައި، އެ އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ހިންގާ ކޮމިޓީގެ އާ ދައުރަކަށް އިންތިހާބުކުރަން އިއުލާނުކުރިއިރު، ކުރިމަތިލާން ހުޅުވާލައިފައިވާ މަގާމުތަކަކީ، އެސޯސިއޭޝަންގެ ރައީސް، އެސޯސިއޭޝަންގެ ނާއިބު ރައީސް، އެސޯސިއޭޝަންގެ ހަޒާންދާރު، އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރު އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރެވެ.
މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް ބެޑްމިންޓަން އެސޯސިއޭޝަން ވަނީ އެދިފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވަން އިއުލާނުކުރި، އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ދީފައިވަނީ އަމިއްލަ މެމްބަރުންގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ 31 ޖެނުއަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ އަށް މެމްބާޝިޕް ފީ ދައްކާފައިވާ އަމިއްލަ މެމްބަރުންނަށް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފައިވެ އެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި ދެ އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރު ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ އަށް ފީ ދައްކައި ފާއިތުވި ދެ އަހަރުގެ މި އެސޯސިއޭޝަންގެ މެމްބަރު ކްލަބް ޖަމިއްޔާ ތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްގު ލިބިފައިވާ ކަމަށް ވެސް އެސޯސިއޭޝަނުން ވަނީ ގެޒެޓްކުރި އިއުލާނުގައި ހާމަކޮށްފަ އެވެ.
މީގެ އިތުރުން، މިދިޔަ އަހަރު އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓްތައް 31 ޖަނަވަރީ 2024 ގެ ނިޔަލަށް ފޮނުވާފައިވާ ބީޑީސީތަކަށް ވެސް ވޯޓު ލިބުމުގެ ހައްގު ދޭން އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.
ޝަރުތުތައް ހަމަވާ ކްލަބްތަކާއި ބީޑީސީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރުކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށަހަޅަން ވަނީ އަންގައިފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) މިހާރު ފުރުއްވަމުން އަންނަނީ އޭނާގެ ތިން ވަނަ ދައުރެވެ. މޫސައާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ އެކިއެކި ޕްލެޓްފޯމްތަކުގައި ދެކެވެމުން އަންނައިރު، ބައެއް މައްސަލަ ވަނީ ކަމާ ބެހޭ އެކި މުއައްސަސާތަކަށް ވެސް ހުށަހަޅައިފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުން
ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހިމެނޭ ގިނަ މައްސަަލަތަކެއް، ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލްގެ ސަމާލުމަކަށް ވެސް ގެނެސްފަ އެެވެ. އެއީ، އެ އެސޯސިއޭޝަނާ ގުޅޭ/ މަސްލަހަތު އޮންނަ އެތައް ބައެއް ގުޅިގެން، ތޮލާލް އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއަކުންނެވެ.
މި ސިޓީގައި ހުރި ކަންކަމަށް ހަވާލާދީ، ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވެސް ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެނގިފައިވާ ގޮތުގައި، ތޮލާލް ފޮނުއްވި، އެ ސިޓީގައި އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ ގޮތަށް އޮތް، ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމެއް ވެސް ނެތި، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ބޭނުންވާ ގޮތަކަށް ކަންކަން ނުފޫޒު ފޯރުވޭ ގޮތަށް އޮތް ބަޔަކަށް ވުމެވެ.
ބެޑްމިންޓަން ކްލަބްތަކަށް ނުލިބޭ ފަދަ ހައްގުތަކެއް، ބީޑީސީތަކަށް ދީފައި އޮންނަ އޮތުމުގައި ވެސް ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް ކަންކަން ފަހިވެފައި އޮތް ކަމަކީ ވެސް ކަންބޮޑުވުމެކެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ގަވާއިދު އޮންނަ ގޮތުން، އެސޯސިއޭޝަނުގައި ރަޖިސްޓްރީކުރާ ބީޑީސީތަކުން އިންތިހާބަށް ވޯޓުލާއިރު، ކޮންމެ 10 މެމްބަރަކަށް 15 ވޯޓު ލެވެ އެވެ. ބީޑީސީތަކަށް މެމްބަރުން ނެގުމުގައި ވަކި އަދަދެއް ބަޔާންކުރާ ވަކި އުސޫލެއް ނެތެވެ. ބީޑީސީ އަކީ ފުރިހަމަ މެމްބަރެއް ކަމަށްވާތީ، ވަކި ފީއެއް ދައްކަން ވެސް ލާޒިމެއް ނުކުރެ އެވެ. އެކަމަކު، 18000 ރުފިޔާ އަހަރަކު ދައްކަން ޖެހޭ، ބެޑްމިންޓަން ކްލަބްތަކަށް އެންމެ ގިނަ ވެގެން ވެސް ހިމެނެނީ، 15 މެމްބަރުންނެވެ. އެ އަށް ވުރެ އިތުރެއް ނުކުރެވެ އެވެ.
އެހެންކަމުން، ފެންނަން އޮތް ހަގީގަތަކީ، ބީޑީސީތަކަކީ، އެސޯސިއޭޝަންގެ އިންތިހާބަށް ނުފޫޒު ފޯރުވައި، މަގާމު ދިފާއުކުރަން އެސޯސިއޭޝަން ރައީސަށް ކޮށިފައި އޮންނަ މަގެއް ކަމެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ސްޕޯޓްސް ކޮޮމިޝަނަރަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، މި ވަގުތު އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގެ ކަންކަން އިސްލާހު ކުރުމަކީ، ކުރެވޭނެ ކަމެއް ނޫން ކަމަށާއި ސަަބަބަކީ އިންތިހާބު ކުރިއަށް އޮތުމުން ކަމަށެވެ. އަދި އިންތިހާބު ކުރެވޭ އާ ހިންގާ ކޮމިޓީ އަކުން، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އެ ބަދަލުތައް ގެނައުމުގައި މަސައްކަތް ކުރެވިދާނެ ކަމަށް އެސޯސިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ކޮރަޕްޝަނަކަށް މަގުފަހިވާ ގޮތަށް ގިނަ ކަންކަން ކުރަމުން އަންނާތީ، އެ އެސޯސިއޭޝަންގެ ރައީސް މޫސަ އަށް ގިނަ ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ.
އެ ގޮތުން، އެސޯސިއޭޝަންގައި މަސައްކަތްކޮށްފައިވާ ފަރާތަކުން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، ސްޕޯޓްސް ކޮމިޝަނަރު ތޮލާލް، ސްޕޯޓްސް ކައުންސިލް އަދި އޮލިމްޕިކް ކޮޮމިޓީ އަށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް ވަނީ، "އަދަދު" އަށް ލިބިފަ އެވެ.
އެ ސިޓީގައި ބަޔާންކޮށްފައި ހުރި ކަންކަމަށް ބަލާއިރު، މޫސަ އަށް ގިނަ ތުހުމަތުތަކެއް އަމާޒުވެ އެވެ.
ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތައް:
- ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސް އަށް ފައިދާވާ ގޮތަށް ބޯޅަ ގަތުން (މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވޭ)، މީގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެ އަކުން އެޕާޓްމަންޓް ކުއްޔަން ނަގައި، ކުލި މޫސަ އަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފައި.
- ގާނޫނާއި ގަވާއިދާ އެއްގޮތަށް ލިޔެކިޔުން ބަލަހައްޓާފައި ނުވުން (އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރަނގަޅަށް ތައްޔާރުނުކުރޭ)
- ބަޖެޓް ނެތް ކަމަށް ބުނެ، މިދިޔަ އަހަރުގެ އަތޮޅު ލީގާއި އޮފީސްތަކުގެ މުބާރާތް ކެންސަލް ކުރިއިރު، އެސޯސިއޭޝަނުގައި ބަޖެޓް ހުރެ، ފަހުން އެ ފައިސާ އެކި ކަންކަމަށް ބޭނުންކޮށް، ކުއްލިއަކަށް 5000 ޓީޝާޓް ގަތުމަށް ބީލަމަށް ލުން.
- އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން
- އެސޯސިއޭޝަންގެ ސާވާ/އާކައިވް އަށް ކުއްލިއަކަށް މައްސަލަ ދިމާވުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ސާވާ/އާކައިވް އަށް ނުވަދެވޭއިރު، މިއީ މެމްބަޝިޕް ފީ އާއި އެހެނިހެން ފައިސާގެ މުއާމަލާތުގެ ރެކޯޑްސް ވެސް ބަލަހައްޓަމުން އަންނަ ސާވާ/އާކައިވް ސްޓޯރޭޖެއް.
- ޓޫރިސްޓް ވިސާގައި ރާއްޖޭގެ މުބާރާތްތަކަށް ބޭރުން އޮފިޝަލުން ގެނައުން.
- އިންވެންޓަރީ އާއި ސްޓޮކް ރަނގަޅަށް ނުބެލެހެއްޓުން.
- ސްޕޮންސަރުން އަތުން ލިބޭ ފައިސާގެ މައުލޫމާތު ފެންނަން ނުހުުރުމާއި ބެޑްމިންޓަން ކުޅުންތެރިންނަށް އެކި ސްކޮލަޝިޕްތަކުން ލިބޭ ފައިސާތައް ހަރަދުކުރާ ގޮތް ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ނުދާ މައްސަލަ ވަނީ ފެންމަތިވެފައި.
- އެކުވެނި ބެޑްމިންޓަން އިންޑޯ ކޯޓުތައް ވަކި ފަރާތްތަކަށް ފައިދާ ކުރާ ގޮތަށް ޝެޑިއުލްކުރުމުގެ މައްސަލަ ވެސް ފާހަގަކޮށްފައިވޭ.
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މިހާ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އެ އެސޯސިއޭޝަނުން މިހާރު އެ ވަނީ އިންތިހާބަކަށް ގޮވާލައިފަ އެވެ. މި ފަހުން، ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ ތެރޭގައި މައްސަލަ އޮއްވައި، އާ ދައުރަކަށް ހިންގާ ކޮމިޓީ ނަގަން ވަނީ އިންތިހާބަށް އިއުލާނުކޮށްފަ އެވެ.
ބެޑްމިންޓަނުން އާ އިންތިހާބަށް، އެންމެ ފަހުން، އިއުލާނުކުރިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައި ވެސް މައްސަލަތަކެއް ހުއްޓައި، ވަނީ އިންތިހާބަށް އިއުލާނުކޮށްފަ އެވެ.













