ބާލިން (މާޗް 11) - ޖަރުމަނު ލީގުގައި 10 ކުޅުންތެރިންނާ އެކު މެޗުގެ ބޮޑުބައި ކުޅެމުން ދިޔަ ވުލްފްސްބާގް އަތުން 2-0 އިން މޮޅުވެ، ބަޔާ ލެވަކޫސަނުން އެއް ވަނައިގައި ލީޑު ދަަމަހައްޓައިފި އެވެ.
ލީގުގެ އެއް ވަނައިގައި ލެވަކޫސަން އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މި ސީޒަނުގައި މެޗަކުން ބަލިނުވެ އޮތް ލެވަކޫސަނަށް 25 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުން، 11 ފަހަރުގެ ލީގު ޗެމްޕިއަން، ބަޔާން މިއުނިކަށް ވަނީ 25 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލެވަކޫސަނަށް ރޭގެ މެޗުގައި ކުރިއަށްދާން އެންމެ ބޮޑު ފަސޭހަ އަކަށް ދިމާވީ މެޗުގެ 28 ވަަނަ މިނިޓްގައި ވުލްފްސްބާގުގެ މޮރިޓްޒް ޖެންސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
ވުލްފްސްބާގުގެ ކުޅުންތެރިއަކު މަދުވިތާ 10 މިނިޓް ތެރޭ ލެވަކޫސަނުން ފައިދާނެގި އެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ، އަލެކްސް ގްރިމާލްޑޯ ނަގައިދިން ހުރަހަކުން ނޭތަން ޓެލާ ބޮލުން ޖެހި ގޯލުންނެވެ. އެއް ގޯލުގެ ލީޑެއްގައި މެޗުގެ ބޮޑުބައި ލެވަކޫސަނުން ހިފެހެއްޓިއިރު، ވުލްފްސްބާގުން ދިޔައީ ކުޅުންތެރިއަކު މަދުކޮށް ވެސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މެޗުގައި ލެވަކޫސަނުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖަހައިިދިނީ އެޒެކީލް ޕަލާސިއޯސް ދިން ބޯޅައަކުން ފްލޯރިއަން ވާޓްޒް އެވެ.
މިއީ، ޖެހިޖެހިގެން ލެވަކޫސަނުން މޮޅުވި ހަ ވަނަ މެޗެެވެ. މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅުނު 36 މެޗުގައި ވެސް ލެވަކޫސަން ބަލިވެފައިނުވެ އެވެ.












