މިއުނިކް (މާޗް 10) - ޖަރުމަނު ލީގުގައި މައިންޒް އަތުން 8-1 އިން ބަޔާން މިއުނިކް މޮޅުވި މެޗުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން ޖަރުމަނު ލީގުގައި ހެޓްރިކްގެ ރެކޯޑެއް ހަދައިފި އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް، ބަޔާނަށް ބަދަލުވި ކޭން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ވަނީ އެ ޓީމަށް 40 ގޯލު ހަމަކޮށްދީފަ އެވެ. އޭގެ ތެރެއިން 30 ގޯލަކީ، ލީގުގައި އޭނާ ކުޅުނު 25 މެޗުން ޖެހި ގޯލުގެ އަދަދެވެ. އޭގެ ތެރޭގައި، ލީގުގައި ހެދި ހަތަރު ހެޓްރިކް ވެސް ހިމެނެ އެވެ. ކޭން އަކީ ޖަރުމަނު ލީގުގައި ކުޅޭ ފުރަތަމަ ސީޒަނުގައި އެ އަދަދަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ރޭގެ މެޗުގައި ބަޔާންގެ ލެއޯން ގޮރެޓްޒްކާ ދެ ގޯލު ޖެހި އެވެ. އަނެއް ލަނޑުތައް ޖެހީ، ސާޖް ގްނަބްރީ އާއި ތޯމަސް މުލާ އަދި ޖަމާލް މުސިއާލާ އެވެ.
މައިންޒްގެ ހަމައެކަނި ގޯލު ޖެހީ ނަދެމް އަމީރީ އެވެ.
ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ބަޔާނަށް މި ފަހަރު ލީގު ހޯދުމުގައި ކުރަން ޖެހޭ މަސައްކަތް ބުރަ އެވެ. އެއީ، މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނުން އެއް މެޗު މަދުން ކުޅެގެން ވެސް ހަތް ޕޮއިންޓުގެ ލީޑެއްގައި އޮތުމެވެ.
އެއް ވަނައިގައި އޮތް ލެވަކޫސަނަށް ވަނީ 24 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުން، 11 ފަހަރު ވެސް ލީގު ކާމިޔާބުކުރި ބަޔާން، މި ވަގުތު ލީގުގެ ދެ ވަނައިގައި އޮތީ 25 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.












