ބާލިން (މާޗު 3) - ޖަރުމަން ލީގުގައި މިރޭ ކޮލޯން އަތުން 2-0 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް ބަޔާ ލޭވަކޫސަން އިން އެ ޓީމުގެ ލީޑު 10 ޕޮއިންޓަށް ފުޅާކޮށްފި އެވެ.
ތާވަލްގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ލީގުގައި ރޭ ކުޅުނު މެޗުގައި ފްރައިބާގް އަތުން 2-2 އިން އެއްވަރުވެފައެވެ. އެހެންކަމުން، މިރޭގެ މެޗުން މޮޅުވެ، ލީޑު ފުޅާކުރުމުގެ ފުރުސަތު ލޭވަކޫސަން އަށް އޮތީ ލިބިފައެވެ.
ކޮލޯންގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 14 ވަނަ މިނިޓުގައި އެ ޓީމުގެ ޔާން ތިއެލްމަން އަށް ރަތް ކާޑު ދެއްކުމާއެކު، މެޗުގެ ބޮޑުބައި އެ ޓީމު ކުޅެންޖެހުނީ 10 މީހުންނާ އެކު އެވެ. އެކަމަކު، 10 މީހުންނާ އެކު ވެސް ކޮލޯން އިން ހިތްވަރު ގަދަ ކުޅުމެއް ދެއްކި ނަމަވެސް، މުޅި މެޗަށް ބަލާއިރު ލޭވަކޫސަން އިން ހޯދީ ހައްގު މޮޅެކެވެ.
މެޗުގެ 38 ވަނަ މިނިޓުގައި ލޭވަކޫސަން އިން ލީޑު ނެގީ ޖެރްމީ ފްރިމްޕޮންގް ޖެހި ލަނޑުންނެވެ. މިއީ މި ސީޒަންގެ ޖަރުމަން ލީގުގައި އޭނާ ޖެހި އަށް ވަނަ ލަނޑެވެ.
މެޗުގެ 73 ވަނަ މިނިޓުގައި ލޭވަކޫސަންގެ ދެ ވަނަ ލަނޑު ޖެހީ އަލަހަންދުރޯ ގްރިމަލްޑޯ އެވެ.
ލޭވަކޫސަން އިން ވަނީ މި ސީޒަންގައި މިހާތަނަށް ބަލިނުވެ 34 މެޗު ހަމަކޮށްފައެވެ. މިއީ ޖަރުމަންގެ ރެކޯޑެކެވެ.
މިއީ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ އުންމީދުގައި އޮތް ލޭވަކޫސަން އަށް ލިބުނު މުހިންމު މޮޅެކެވެ. ލީގުގައި ބާކީ ކުޅެން އޮތީ 10 މެޗެވެ.
މެޗަށްފަހު ލޭވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނީ 10 މީހުންނާއެކު ކޮލޯން މެޗުގެ ގިނަ ވަގުތު ކުޅުނު ނަމަވެސް، މި މެޗުން ލޭވަކޫސަން މޮޅުވީ "ކެތްތެރިވުމުން" ކަމަށެވެ.
"ކައުންޓާ އެޓޭކްގައި ގިނަ ފުރުސަތުތަކެއް ލިބުނު، އެކަމަކު ނަސީބު ދެރަކަމުން ގިނަ ފުރުސަތުތައް ބޭކާރުވީ. އެކަމަކު އަހަރަމެން ކެތްތެރިވިން. އެހެންވެ އަހަރަމެންނަށް ގޯލު ކާމިޔާބުކުރެވުނީ،" އަލޮންސޯ ބުންޏެވެ.












