މިއުނިކް (މާޗް 2) - ޖަރުމަނު ލީގުގައި ރޭ ރަށުންބޭރުގައި ފްރެއިބާގްއާ 2-2 އިން އެއްވަރުވެ، ބަޔާން މިއުނިކް އަތުން ލީގުގެ ރޭހުގައި ކުރިއަށްދާން މުހިންމު ޕޮއިންޓްތަކެއް ގެއްލިއްޖެ އެވެ.
ލީގުގެ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ބަޔާން އަށް މި މެޗުން ގެއްލުނު ޕޮއިންޓްތަކުގެ ފައިދާނަގައި، އެއް ވަނައިގައި 10 ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ބަޔާ ލެވަކޫސަނަށް އެބައޮތެވެ. ލެވަކޫސަން މި ވަގުތު އެއް ވަނައިގައި އޮތީ 23 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް ވަނީ 24 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ފްރެއިބާގްގެ ކްރިސް ގަންޓާ އޭރިއާބޭރުން ޖެހި ބޯޅައެއް ގޯލަށް ވަދެ، ފްރެއިބާގުން ވަނީ ލީޑުނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނަށް އެއްވަރުކޮށްދިނީ މަތީސް ޓެލް އެވެ. މިއީ، އޭނާ ހަމަޖެހިލައިފައި ޖެހި މޮޅު ގޯލެކެވެ.
މެޗުގެ 75 ވަނަ މިނިޓްގައި ކިމް މިން ޖޭ ދިން ބޯޅައެއް ހިފައިގެން އަރައި، ޖަމާލް މުސިއާލާ ވަނީ ބަޔާނަށް މެޗުގައި ލީޑުނަގައިދީފަ އެވެ. އެ ނަތީޖާ އިން ބަޔާން މޮޅުވާނެ ކަމަށް ތިއްބައި، ފްރެއިބާގުން ވަނީ 87 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ ލޫކަސް ހޯލާ އެވެ.
ބަޔާންގެ ކޯޗުކަމުން މި ސީޒަނަށް ފަހު ވަކިވާން ނިންމާފައިވާ ތޯމަސް ޓުޗެލް އަށް މި ވަގުތު ވެސް މަގާމު ދިފާއުކުރަން މި ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ފަަހަކަށް އައިސް އެ ޓީމުގެ ފޯމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.
"އަހަރެމެން ކުޅުނީ އެއްވެސް ރޭވުމެއް ފެންނަން ނެތް ކަހަލަ ގޮތަކަށް. އެހެން ދާ ކަމަށްވަންޏާ ނަތީޖާ ނެރެން އުނދަގޫވާނެ،" ޓުޗެލް ބުންޏެވެ.
ލެވަކޫސަން ކުޅޭ މެޗުގައި މިރޭ ބައްދަލުކުރާނީ ކޮލޯންއާ އެވެ.












