ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން, ބ. އޭދަފުށި, ކ. ގާފަރު އަދި ވިލިމާލެ ޖާގަ ހޯދައިފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ރޭ ކުޅެފައިވާއިރު, މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ޕެނަލްޓީގައި 7-6 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ, 3-3 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު އޭދަފުށިން ވަނީ ދެ ގޯލު ޖަހާ ބޮޑު ލީޑެއް ނަގާފަ އެވެ. މި ދެ ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުށީގެ މުހައްމަދު އަފްލާޒް ގޯލު ޖަހާ އެ ޓީމަށް ފަރަގު ކުޑަކޮށްދިނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގެ ތެރޭގައި ނިސާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން އިސްމާއީލް މުނީޒް (ޓްރީ) ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އަދި ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ކެޕްޓަން އިބްރާހީމް ސިނާހް (ސިނާ) ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޕެނަލްޓީގައި ތިމަރަފުށީގެ އާދަމް ނާސިހް (އާދަންނަ) އާއި މުހައްމަދު ތޯހިރު ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އަދި އޭދަފުށިން ނާކާމިޔާބުވީ ފާއްޑެގެ ޕެނަލްޓީ އެވެ.

ތ. ތިމަރަފުށި އާއި ބ. އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން
ކ. ގާފަރުން ސެމީ ފައިނަލުގެ ޖާގަ ހޯދީ ދ. ކުޑަހުވަދޫ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި ގާފަރުގެ އިބްރާހީމް ރިމާހް ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު 16 ވަނަ މިނެޓުގައި ކުޑަހުވަދޫގެ މުހައްމަދު އަރީޝް ވަނީ ގޯލު ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޖުމައިލް ޖަމީލް (ޖުމްބެ) ވަނީ ކުޑަހުވަދޫ އަށް ލީޑު ނަގާދީފަ އެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ގާފަރުގެ އަލީ މާއިސް (މައްޓު) ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި ނަތީޖާތަކާއެކު ބ. އޭދަފުށިން ސެމީ ފައިނަލުގައި ނުކުންނަން ޖެހޭނީ ގާފަރާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ މި މުބާރާތުގެ ޒޯން ބުރުގައި ވެސް ބައްދަލުކޮށްފަ އެވެ.
ވިލިމާލެ އިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސ. ހިތަދޫ 1-0 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ. މިއީ ވިލިމާލެއިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޖަހާދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

ސ. ހިތަދޫ އާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން
ލ. ގަމުން ސެމީ ފައިނަލުގެ ޖާގަ ހޯދީ ޕެނަލްޓީގައި އއ. މަތިވެރި 7-6 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ލ. ގަމަށް ލީޑު ނަގާދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. މިއީ މަތިވެރީގެ ފަސް ފައުލު ހަމަވެގެން ލިބުނު ދުރު ޕެނަލްޓީ އަކުން އެނާ ކާމިޔާބުކުރި ގޯލެކެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި މަތިވެރީގެ ކީޕަރު މުހައްމަދު އިމްރާން ޖެހި ގޯލުން ނަތީޖާ ހަމަހަމަވި އެވެ.
މި ނަތީޖާއާއެކު ސެމީ ފައިނަލުގައި ގަމުން ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ.













