ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ މިިހާ ހިސާބުން އެއްވެސް މެޗެއް ފަސޭހަކޮށްލައިގެން ކާމިޔާބު ނުލިބޭނެ ކަމަށް ސ. ހިތަދޫ ޓީމުގެ ކޯޗު އަހުމަދު ނަސީމް ބުނެފި އެވެ.
ހިތަދޫ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ އދ. މާމިގިލި 2-1 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.
އެ މެޗަށްފަހު "އަދަދާ" ވާަހަކަ ދައްކަމުން ހިތަދޫ ޓީމުގެ ކޯޗު ނަސީމް ބުނީ މާމިގިލި މެޗަކީ އެ ޓީމުން މި މުބާރާތުގައި ކުޅުނު އެންމެ އުނދަގޫ މެޗު ކަމަށެވެ. އަދި ވިއްސާރަވުމުން ކުޅެން އުނދަގޫވި ކަމަށް ނަސީމް ބުންޏެވެ.
ނަސީމް ބުނީ ހިތަދޫ ޓީމަށް މިހާރު މަދުވަނީ މެޗު ކާމިޔާބު ކުރަން ކުޅުންތެރިން މިއަށް ވުރެ ބޮޑަށް މަސައްކަތް ކުރުން ކަމަށެވެ.
"މެޗުގައި މާ ބޮޑަށް ފަސޭހަކޮށްލާތަން އެބަފެނޭ. ރަނގަޅު ކުރަން އެބަ ޖެހޭ ކުޅުންތެރިން މިއަށްވުރެ ބޮޑަށް ރެޑީވެގެން މި އަށްވުރެ ބޮޑަށް މެޗުނަގަން މަސައްކަތް ކުރާނަން" ނަސީމް ބުންޏެވެ.
ހިތަދޫ އިން ވަނީ މި ފަހަރުގެ މުބާރާތުގައި ސ. އަތޮޅުގެ ޗެމްޕިއަންކަމުގެ އިތުރަށް ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތާރީހުގައި ހިތަދޫ އިން މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން މި މުބާރާތުގައި މި ކުޅެނީ ވެސް ފުރަތަމަ ފަހަރު އެވެ.
ކުއާޓާ ފައިނަލުގައި ހިތަދޫ އިން ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް ކުއާޓާ ފައިނަލް
20:00 ލ. ގަން - އއ. މަތިވެރި (ގްރައުންޑް 1)
20:00 ވިލިމާލެ - ސ. ހިތަދޫ (ގްރައުންޑް 2)
21:30 ކ. ގާފަރު - ދ. ކުޑަހުވަދޫ (ގްރައުންޑް 1)
21:30 ބ. އޭދަފުށި - ތ. ތިމަރަފުށި (ގްރައުންޑް 2)













