މޯލްޑިވިއަންއިން ލަންކާއަށް ދަތުރުތައް ފެށުމަށް ނިންމައި، ދެކޮޅު ޓިކެޓު 222 ޑޮލަރަށް ހަމަޖައްސައިފި އެވެ.
މޯލްޑިވިއަންއިން ބުނީ އަންނަ އެޕްރީލް މަހުގެ 25 އިން ފެށިގެން ލަންކާއަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށާއި، ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓެއް ބާއްވާނެ ކަމަށެވެ.
ދަތުރުތައް ލަންކާއަށް ކުރުމަށް ހަމަޖެހިފައި ވަނީ އޭ-320 މަރުކާގެ ބޯޓަކުން ކަމަށާއި، ޓިކެޓަށް މިހާރު ބުކިން ހެއްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަންގެ އެމްޑީ އިބްރާހިމް އިލްޔާސް ވިދާޅުވީ ލަންކާއަށް ދަތުރުތައް ފެށުމަކީ ރާއްޖެ އާއި ދުނިޔޭގެ ގައުމުތައް ގުޅުވާލަން މޯލްޑިވިއަން އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވިއަންއިންގެ ދަތުރުތައް ކުރަމުން އަންނައިރު، މޯލްޑިވިއަންއިން އަންނަނީ ރާއްޖޭގެ 16 ސަރަހައްދަކަށްވެސް ދަތުރުތައް ކުރަމުންނެވެ.
ލަންކާއަށް ދަތުރު ކުރުމަށް މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕް އަދި ޓިކެޓިން އޮފީސްތައް މެދުވެރިކޮށް ޓިކެޓު ނެގޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.










