މިއުނިކް (ފެބްރުއަރީ 28) - ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމާއެކު ޖަރުމަން ބުންޑަސްލީގާ އަށް އިންވެސްޓްކުރުމަށް ހަމަޖެއްސި ޑީލު ކުރިއަށް ނުގެންދެވުމަކީ ޖަރުމަން ލީގަށް ލިބުނު ގެއްލުމެއް ކަމަށް ޖަރުމަން ލީގުގެ ޗެއާމަން ހާންސް ޔަކީމް ވަޓްޒްކޭ ބުނެފި އެވެ.
ބުންޑަސް ލީގާ ހިންގާ ޖާރމަން ފުޓްބޯލް ލީގްސް (ޑީއެފްއެލް) އިން ވަނީ ބުންޑަސްލީގާ އަށް އިންވެސްޓްކުރުމަށް އެއް ބިލިއަން ޑޮލަރުގެ ޑީލެއް ހަމަޖައްސައިފައެވެ. އަމިއްލަ ޕާޓީއަކާ ގުޅިގެން ހެދި މި އިންވެސްޓްމަންޓް ޑީލްގައި ޖަރުމަން ލީގުގެ މީޑިއާ ރައިޓްސް އިން 20 އަހަރު ދުވަހުގެ މުއްދަތަކަށް ލިބޭ އާމްދަނީގެ ބައެއް އިންވެސްޓްކުރި ފަރާތަށް ލިބޭގޮތަށް އެއްބަސްވެފައެވެ.
މި އިންވެސްޓްމަންޓް ޑީލަށް ޖަރުމަން ލީގުގެ ކްލަބުތަކުގެ ތިން ބައިކުޅަ ދެ ބައި ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު މި އިންވެސްޓްމަންޓް ޑީލުގެ މައުލޫމާތުތައް މީޑިއާގައި ތިލަވުމާއެކު، ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ދެކޮޅުވެރިކަމާއެކު ޑީއެފްއެލް އިން އެ ޑީލް ކުރިއަށް ނުގެންދަން ނިންމައިފައެވެ.
މިކަމާ ގުޅޭގޮތުން މީޑިއާއާ ވާހަކަދައްކަމުން ޑީއެފްއެލްގެ ޗެއާމަން ވަޓްޒްކޭ ބުނީ އިންވެސްޓަރާއެކު ހެދި އެއްބަސްވުމުގައި ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް ވިސްނައި، ސަޕޯޓަރުންގެ މަސްލަހަތު ހިމާުޔަތްކޮށްފައިވާނެ ކަމަށެވެ. އެކަމަކު މައްސަލައަކަށްވީ "އަހަރެން ދެއްކާ ވާހަކަ ސަޕޯޓަރުން ގަބޫލްނުކުރުމުން" ކަމަށެވެ.
"މިއީ އަސްލު ޖަރުމަންގައި ވަރަށް ގިނައިން ދިމާވަ މައްސަލައެއް. އާންމުންނާ ކޮންމެ ކަމެއް ހިއްސާކުރިޔަސް، އާންމުންނަށް އެއީ ކަމުދާ ކަމަކަށްނުވޭ،" ވަޓްޒްކޭ ބުންޏެވެ.
ވަޓްޒްކޭ ބުނީ އިންވެސްޓްމަންޓް ޑީލްއާ ދެކޮޅުވެރިކަން ފާޅުކޮށް، ހަރަކާތްތައް ހިންގީ ސަޕޯޓަރުންގެ "ފަސް ޕަސެންޓް" ކަމަށެވެ. އަދި އެއީ ގިނަ ސަޕޯޓަރުންގެ ވިސްނުން ކަމަށް އޭނާ ގަބޫލްނުކުރާ ކަމަށެވެ.
"އެކަަމަކު އެ ފަސް ޕަސެންޓަކީ ރޭވުންތެރިކަމާއެކު އުޅޭ ސަޕޯޓަރުންގެ ގުރޫޕްތައް. އާންމުކޮށް މި އުޅޭ ސަޕޯޓަރުންގެ މައްސަލައެއް ނެތް. އެކަމަކު އެމީހުން ޝުއޫރު ފާޅެއްނުކުރޭ،" ވަޓްޒްކޭ ބުންޏެވެ.
ޖަަރުމަން ލީގުގެ ކްލަބު ހިންގުމުގައި ގެންގުޅޭ އުސޫލުތަކުގައި ކްލަބުގެ މެމްބަރުންނަށް ކްލަބުގެ ވޯޓުގެ 50 ޕަސެންޓާއި އިތުރު އެއް ވޯޓު ލިބެއެވެ. އޭގެ މާނައަކީ ކްލަބުގެ ވޯޓިންގައި، ސަޕޯޓަރުންނަށް ކޮންޓުރޯލް އޮތުމެވެ. މިއީ ބޭރުގެ އިންވެސްޓްމަންޓްތަކާއި ނުފޫޒުން ޖަރުމަންގެ ކްލަބުތައް ހިމާޔަތްކުރުމަށް ހަދާފައިވާ ގަވައިދެކެވެ. އެހެންކަމުން ޖަރުމަންގެ ފުޓްބޯޅައިގައި ސަޕޯޓަރުން ނުރުހޭ ގޮތަކަށް ކަމެއް ނިންމުމަކީ ފަސޭހަކަމެއް ނޫނެވެ.
ވަޓްޒްކޭ ބުނީ އިންވެސްޓް ޑީލް ކުރިއަށް ނުގެންދެވުމަކީ ބުންޑަސްލީގާގެ "މެދު ފަންތީގެ ޓީމުތަކަށް" ލިބުނު ގެއްލުމެއް ކަމަށެވެ.
"ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑަށް މި އިންވެސްޓްމަންޓް ނުލިބުނަސް މާބޮޑު އަސަރެއް ނުކުރާނެ. އެކަމަކު ޓޭބަލްގެ މެދުތެރޭ އޮތް ޓީމުތަކަށް މި އިންވެސްޓްމަންޓް ޑީލް އިން ލިބޭ ފައިސާ އިން ކުރިއެރުންތަކެއް ހޯދުނީސް،" ވަޓްޒްކޭ ބުންޏެވެ.












