މިއުނިކް (ފެބްރުއަރީ 24) - ޖަރުމަނު ލީގުގައި މައިންޒް އަތުން 2-1 އިން މޮޅުވެ، ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ބަޔާ ލެވަކޫސަނުން، ޖަރުމަނު ފުޓްބޯޅަ ސީޒަނެއްގައި އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑް މުގުރާލައިފި އެވެ.
ރޭގެ މެޗާ އެކު މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް ލެވަކޫސަނުން ކުޅުނު 33 މެޗުން ވެސް ބަލިވެފައިނުވެ އެވެ. މި ރެކޯޑް އެންމެ ފަހުން އޮތީ, 2019-2020 ވަނަ އަހަރު ބަޔާން މިއުނިކް އަށް ކޯޗުކޮށްދިން ހަންސީ ފްލިކް އަތުގަ އެވެ. މިހާރު, އަލޮންސޯ މި ވަނީ ލެވަކޫސަނާ އެކު މި ރެކޯޑް މުގުރާލައިފަ އެވެ.
"އަހަންނަކީ ވަރަށް ދުރާލާ ރެކޯޑްތަކަށް ވިސްނައިގެން މަސައްކަތް ކުރާ މީހެއް ނޫން. އެ ކަހަލަ ޓާގެޓްތަކެއް ނުގެންގުޅެން، އެކަމަކު، ރެކޯޑެއް ގާއިމްކުރެވުމުން، އެކަމުގެ ބުރަދަން އިހުސާސްވާތީ ވަރަށް ފަހުރުވެރިވޭ،" އަލޮންސޯ ބުންޏެވެ.
މި މޮޅާ އެކު, ލެވަކޫސަނުން ވަނީ ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލެވަކޫސަން އެއް ވަނައިގައި އޮތީ 23 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާން އަށް 22 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލެވަކޫސަނުން ރޭ ލީޑުނެގީ ތިން ވަނަ މިނިޓްގައި ގްރޭނިޓް ޝަކާ ޖެހި ލަނޑުންނެވެ. މިއީ، 2015 ވަނަ އަހަރުގެ ފަހުން ޖަރުމަނު ލީގުގައި ޝަކާގެ ފުރަތަމަ ގޯލެވެެ. އޭނާ ލެވަކޫސަނަށް ބަދަލުވީ އާސެނަލް ދޫކޮށެވެ. ލެވަކޫސަނުން ލީޑުނެގިތާ، ހަތަރު މިނިޓް ފަހުން، މައިންޒްގެ ޑޮމިނިކް ކޯރް ވަނީ ބޮލުން ލަނޑެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.
ލެވަކޫސަން މޮޅުވި ގޯލު ޖެހީ މެޗުގެ 68 ވަަނަ މިނިޓްގައި ރޮބާޓް އަންޑްރިޗް އެވެ. އޭނާ އޭރިއާބޭރުން ޖެހި ބޯޅަ ގޯލަށް ވަނީ މައިންޒްގެ ކީޕަރު، ރޮބިން ޒެންޓްނާ އަތުގައި ޖެހިފަ އެވެ.
އަލުން ނަތީޖާ ހަމަހަމަކުރަން މައިންޒް އިން ކުރި މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށްވީ މެޗުގެ 80 ވަނަ މިނިޓްގައި އެ ޓީމުގެ ޖެސިކް އެންގަންކަމް އަށް ރަތް ކާޑެއް ދެއްކުމެވެ. އެންގަންކަމް އަށް ރަތެއް ދެއްކީ، ޝަކާ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.












