މެންޗެސްޓާ (ފެބްރުއަރީ 22) - މެންޗެސްޓާ ޔުނައިޓެޑްގެ ޓީމާ ގުޅޭ ކަންކަމުގައި ބަސްބުނުމުގެ ބާރު، ދާދި ފަހުން ހޯދި އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފް، އެ ޓީމާ އެކު ކުރިއަށްދާއިރު އެންމެ ބޮޑު އަމާޒަކީ، ލިވަޕޫލާއި މެންޗެސްޓާ ސިޓީ ފަހަތަށް ޖައްސާލުން ކަމަށް ބުނެފި އެވެ.
ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަނެފައިވަނީ، ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިންނެވެ.
އެ ކުންފުނިން މިހާރު ވެސް އަންނަނީ އެ ކްލަބް ހިންގުމުގައި ގެންނަން ޖެހޭ ބަދަލުތަކަށް އަލިއަޅުވާލައި، ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެ ގޮތުން، އެޑްމިނިސްޓްރޭޝަނުގެ އެކި މަގާމުތަކަށް މީހުން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އިނިއޯސް އަށް ރަސްމީކޮށް ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ލިބިފައިވާއިރު، މިހާރު އަންނަނީ، ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގް ހިމެނޭ ގޮތަށް ހުރިހާ ބައެއްގެ މަސައްކަތް އިވެލުއޭޓްކުރަމުންނެވެ.
ޓީމުގެ ނަތީޖާ އާއި އެހެނިހެން ކަންކަމަށް ބަލައި، ޓެން ހާގަށް ހާލަތު ރަނގަޅު ކުރަން ފުރުސަތު ދީފައި އޮތީ މި ސީޒަނުގެ ނިޔަލަށެވެ.
ކުރިން ޗެލްސީ ގަންނަން ވެސް ޝައުގުވެރިކަން ފާޅުކުރި، ރެޓްކްލިފް، 71، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާއާ އެންމެ ބޮޑަށް އަމާޒުވީ މިހާރު އެ ކްލަބް އޮތް ހާލަތާ ގުޅުވައިގެންނެވެ. އެންމެ ގިނައިން ކުރިމަތިވި އެއް ސުވާލަކީ، ޔުނައިޓެޑްގެ ކޯޗުކަމުން މީގެ 11 އަހަރު ކުރިން އަލެކްސް ފާގަސަން ވަކިވި ފަހުން އެ ޓީމުގެ ފެންވަރު ދަށްވެ، އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުރިއަރައިގެން ދިޔަ ގޮތްގޮތުގެ ވާހަކަތަކެވެ.
"އަހަރެމެން ވަރަށް ގިނަ ކަންކަން ދަސްކުރަން އެބަޖެހޭ އަހަރެމެންގެ އަޑުގަދަ އަވަައްޓެރިން (މެންޗެސްޓާ ސިޓީ)ގެ ފަރާތުން ވެސް އަދި އަހަރެމެންގެ އަނެއް އަވައްޓެރިން (ލިވަޕޫލް)ގެ ފަރާތުން ވެސް،" ފްރާންސްގެ ނީސްގައި ވެސް ހިއްސާއެއް އޮތް ކުންފުނި، އިނިއޯސްގެ އިސް ހިންގުންތެރިޔާ، ރެޓްކްލިފް ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް، ޔުނައިޓެޑަށް މި ކަމުގައި ވާދަވެރިންނަކީ ވެސް އެއީީ. އެ މީހުން (ސިޓީ އާއި ލިވަޕޫލް) މިހާރު އެ އޮތް ލެވަލުން ފަހަތައް ޖައްސާލުމަށް ވުރެ ވަކި އިތުރު ކަމެއް އަހަރެން ބޭނުމެއް ނުވޭ،"
މި ކަންކަމަށް ރެޓްކްލިފްގެ ސިކުނޑީގައި އޮތީ ތިން އަހަރުގެ ޕްލޭނެއް ކަމަށް އޭނާގެ ވާހަކައިގައި ވަނީ ހިއްސާކޮށްފަ އެވެ.
ސިޓީ އާއި ލިވަޕޫލްގެ ކިބައިން ޔުނައިޓެޑުން ދަސްކުރަން ޖެހޭ ކަންކަމަށް ބަލާއިރު، ޒަމާނީ ރަނގަޅު މޮޑަލެއްގެ ތެރެއިން ޓީމު ހިންގުމާއި ޓީމުގެ އެކި މަގާމުތަކަށް ފެންވަރު ސާބިތުކޮށްދީފައިވާ ފަރާތްތައް ނެގުން ހިމެނެ އެވެ. އަދި އަހަރުން އަހަރަށް ޓީމުގެ ކަންކަން ރަނގަޅުކޮށް ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށް ރެޓްކްލިފް ވަނީ ބުނެފަ އެވެ.












