ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މެޑިކަލް އިންޝިއުރަންސް ހަމަޖައްސައިދޭން މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރާފިއު މި ގޮތަށް ވިދާޅުވެފައިވަނީ، މިދިޔަ ހޯމަ ދުވަހު، ނެޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑާސްގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ރަސްމީކޮށް ފެއްޓުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ކުރީގެ ކުޅުންތެރިންނަށް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖެހިގެންދާއިރު، ލިބޭ މަންފާތަކުގެ ތެރޭގައި މެޑިކަލް އިންޝިއުރަންސް ހިމެނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ރޭވިގެންދިޔައީ، މި ވަގުތު ގައުމީ ޓީމުތަކުގައި ތިބި ކުޅުންތެރިންނަށް މެޑިކަލް އިންޝިއުރަންސް ހަމަޖައްސައިދޭން ކުރަން ފެށި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން މަސައްކަތް ކުރީ އަޅުގަނޑުމެންގެ އެތުލީޓުންނަށް ނެޝަނަލް ސްކޮޑަށް، ހުރިހާ ނެޝަނަލް ސްކޮޑުތަކަށް، ސީނިއާ ޓީމުތަކަށް ވަކިން ހާއްސަކޮށް، އިންޝުއަރެންސް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް، އެ ހަމަޖަައްސައިދިނުމުގެ ތެރޭގައި އަޅުގަނޑުމެން ވާހަކަ ދެއްކިއިރު، އިންޝިއުރަންސް ފަރާތްތަކުން އެ ބޭފުޅުންނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމުގެ މަގުމަތި އޮތީ ވަރަށް ސާފުކޮށްފެނިފައި،" ރާފިއު ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓްރީން މި ކަމުގައި އިންޝިއުރަންސް ހިދުމަތް ފޯރުކޮށްދޭ އެކި ކުންފުނިތަކާ އެކު ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ވަކި ކުންފުންޏެއް ކަނޑަނާޅާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ވަނީ ގައުމީ ކުޅުންތެރިންނަށް އިންޝިއުރަންސް ދިނުމުގެ ވާހަކަ ދައްކައިފަ އެވެ. އެކަމަކު އަދި އޮތީ އަމަލީ ސިފައެއް ނުޖެހި އެވެ. ރާފިއު ވިދާޅުވީ، މަޝްވަރާތައް މިހާރު ދާ މިސްރާބަށް ބަލާއިރު، ކަންކަން ކުރެވޭނެ މަގު ހޯދިފައިވާ ކަމަށެވެ.
"ދެން މީގެ ކުރިން ވެސް މި ކަހަލަ ވާހަކަތަކެއް ވަރަށް ގިނަ ދުވަހު ދެކެވިފައި އޮތުމާ އެކީގައި، އޭރުގައި ނުކުރެވިފައި ހުރި ކަންކަން ވެސް ނުކުރެވިފައި ހުރީ ކިހިނެއް ކަން ވެސް އަޅުގަނޑުމެން ޑިސްކަސް ކޮށްފައި ހުންނާނީ އެކަން ހައްލުކުރާނެ ގޮތް ވެސް ވަނީ ފެނިފައި. އެހެންވީމަ، މިއީ އަޅުގަނޑުމެން ޑިސްކަސް ކޮށްފައި އޮތް ކަމެއް، މި ޕޫލުގެ ތެރެއަށް އެ ބޭފުޅުން (ސްޕޯޓްސް އެމްބަސަޑަރުން) ވެސް ހިމަނާ ގޮތަށް،" ސްޕޯޓްސް ރިހެބިލިޓޭޝަންގެ ކަންކަމުން މަތީ ތައުލީމު ހާސިލްކޮށްފައިވާ ރާފިއު ވިދާޅުވި އެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ، މި އިންޝިއުރަންސްގެ ކަންކަން އެހެން އިވެންޓެއްގައި ތަފްސީލްކޮށް ކިޔައިދޭނެ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރުގައި އެތުލީޓުންނަށް މެޑިކަލް އިންޝިއުރަންސް ނެތުމުގެ ޝަކުވާ ޒަމާނުއްސުރެ އެތުލީޓުން/ ކުޅުންތެރިން އަންނަނީ ކުރަމުންނެވެ. ގައުމީ ޓީމަށް ކުޅެނިކޮށް ލިބޭ އަނިޔާގެ ސަބަބުން، ރަނގަޅު ފަރުވާ ނުލިބިގެން، ކެރިއަރު ރަނގަޅަށް ކުރިއަށް ނުގެންދެވި، ކުޅިވަރުން ދުރަށް ގޮސްފައިވާ ކުޅުންތެރިން ވެސް އެބަތިބި އެވެ.












