މިއުނިކް (ފެބްރުއަރީ 18) - ޖަރުމަން ލީގުގައި ރޭ ހެއިޑަންހައިމް އަތުން 2-1 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް ބަޔާ ލޭވަކޫސަން އިން އަށް ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.
މިއީ ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ލޭވަކޫސަން ހޯދި 18 ވަނަ މޮޅެވެ. އަދި މި މެޗުން މޮޅުވެ، އެ ޓީމުން ވަނީ ދެ ވަނައިގައި އޮތް ބަޔާން މިއުނިކްގެ މައްޗަށް އަށް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. ޖަރުމަން ލީގުގައި މިރޭ ބޯކަމްއާ ދެކޮޅަށް ބަޔާން ނުކުންނާނެ އެވެ.
ސްޕެއިންގެ ޒަބީ އަލޮންސޯގެ ކޯޗުކަމުގެ ދަށުގައި ކުޅެމުންދާ ލޭވަކޫސަން އިން ވަނީ މި ސީޒަންގައި މިހާތަނަށް ބަލިނުވެ ޖުމްލަ 32 މެޗު ހަމަކޮށްފައެވެ. ލޭވަކޫސަން އިން ވަނީ މިހާރު ބަލިނުވެ ބަޔާން އިން 2019/2020 އަދި 2020/2021 ވަނަ އަހަރު ހެދި ރެކޯޑާ އެއްވަރުކޮށްފައެވެ.
ޖަރުމަންގެ ފުރަތަމަ ޑިވިޝަންގެ ކްލަބަކަށް އަދި ބަލިނުވެ ސީޒަނެއް ނިންމާމުލެވެއެވެ. މި ސީޒަންގެ ބުންޑަސްލީގާގައި ލޭވަކޫސަން އަށް ބާކީ އޮތީ 12 މެޗެވެ.
ލޭވަކޫސަން އަށް މިހާތަނަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަމެއް ނުލިބެއެވެ. އެ ކްލަބުން ވަނީ ފަސް ފަހަރު ލީގުގެ ރަނަރަޕްގެ މަގާމު ހޯދައިފައެވެ.
ރަށުން ބޭރުގައި ރޭ ހެއިޑަންހައިމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލޭވަކޫސަން އިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަވުތުގައި ޖެރެމީ ފްރިމްޕޮންގް ޖެހި ލަނޑުންނެވެ. އަދި މެޗުގެ 81 ވަނަ މިނިޓުގައި އެ ޓީމުގެ އަމީން އާދިލް ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. މެޗުގެ 86 ވަނަ މިނިޓުގައި ހެއިޑަންހައިމްއަށް ލަނޑު ޖަހައިދިނީ ޓިމް ކްލެއިންޑިއެންސްޓްއެވެ.
މެޗަށް ފަހު ބަޔާންގެ ކޯޗު އަލޮންސޯ ބުނީ ރެކޯޑްތަކަށް އޭނާ ނުވިސްނާ ކަމަށެވެ. އަދި އޭނާގެ ވިސްނުން ހުރީ މެޗަކަށް ފަހު މެޗަކަށް ތައްޔާރުވުމަށް ކަމަށެވެ.
"މެޗުގައި ޓީމުން ދެއްކި ކުޅުމާއި ނަތީޖާއާމެދު އަހަރެން ހިތްހަމަޖެހޭ،" އަލޮންސޯ ބުންޏެވެ. "އަހަރަމެން މި އޮތީ ރަނގަޅު ފޯމެއްގައި. އަހަރަމެން ވިސްނާނީ މެޗަކަށް ފަހު މެޗަކަށް. މި މެޗާމެދު ވަރަށް ހިތްހަމަޖެހޭ. އެކަމަކު އަހަރަމެން ކުރިއަށް އޮތް މެޗުތަކަށްވެސް ސަމާލުވާންޖެހޭނެ."
ލީގުގައި މިރޭ ބޯކަމްއާ ދެކޮޅަށް ކުޅޭ މެޗުން ބަޔާން މޮޅުވެއްޖެނަމަ، އެ ޓީމަށް ލޭވަކޫސަން ލީޑު ފަސް ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.












