މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގެ ޒޯން ހަތެއްގެ ފައިނަލާ ގާތައް ދަނޑިމަގުން ޖެހިލިއިރު, ޒޯން ދޭއްގައި އަލިފުށި އަދި ކަނޑިތީމު ކުޅުނު މެޗުތައް ކާމިޔާބު ކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވަނީ ޒޯން ބުރުގެ ހަތަރު މެޗު ކުޅެފަ އެވެ. އެއީ ޒޯން ހަތެއް އަދި ޒޯން ދޭއްގެ މެޗުތަކެވެ.
ޒޯން ދޭއްގައި ރޭ އަލިފުށިން ކުޅުނު ފުރަތަމަ މެޗުގައި ށ. ފޭދޫގެ މައްޗަށް އެ ޓީމުން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަލިފުށިން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އަބްދުލް ސަމީއު ހަސަން އެވެ.
ރޭ ޒޯން ދޭއްގައި ށ. ކަނޑިތީމުން, ނ. ކެނދިކުޅުދޫގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކެނދިކުޅުދޫއިންނެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް އަލީމް އެވެ. އެކަމަކު ފަހަތުން އަރައި ކަނޑިތީމުން ދެ ގޯލު ޖަހާ މެޗު ކާމިޔާބު ކުރިއެވެ. ކަނޑިތީމުގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ ހަސަން ނިހާލް އަދި މުހައްމަދު ޝާން އެވެ.
މިދިޔަ އަހަރު މުބާރާތުގެ ރަނަރަޕް ގދ. ވާދޫގެ މައްޗަށް ދަނޑިމަގުން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 12 ވަނަ މިނެޓުގައި ދަނޑިމަގަށް ލީޑު ނަގާދިނީ އަލީ ޝަމާލް އަބްދުالله އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ވާދޫގެ މުސައްނިފް މުހައްމަދު ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ދަނޑިމަގުން އަލުން ލީޑު ނެގި އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިނާން އަހުމަދެވެ. އަދި އޭގެ މިނެޓެއް ފަހުން އިނާން ވަނީ އިތުރު ގޯލެއް ޖަހާ ދަނޑިމަގުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ޒޯން ހަތެއްގައި ރޭ އިތުރު މެޗެއް ވެސް ކުޅުނެވެ. ގއ. ކަނޑުހުޅުދޫއިން އެ އަތޮޅު ގެމަނަފުށީގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 15 ވަނަ މިނެޓުގައި ކަނޑުހުޅުދޫ އަށް ލީޑު ނަގާދިނީ ކެޕްޓަން މުހައްމަދު ޒައިން ނިޔާޒް ޖަހާދިން ގޯލުންނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ގެމަނަފުށީގެ ކެޕްޓަން އަލީ ޝާޒް ހަބީބް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި އިސްމާއިލް އަންވަރު ޖެހި ގޯލުން ކަނޑުހުޅުދޫއިން އަލުން ލީޑު ނެގި އެވެ. އަދި އޭގެ މިނެޓެއް ފަހުން އަހުނަފް ޒާހިރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކުރި އެވެ.
މި މުބާރާތުގައި މިރޭ އަށް މެޗު ކުޅޭނެ އެވެ. އެއީ ޒޯން ތިނެއް, ހަތަރެއް އަދި ޒޯން އަށެއްގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
- ޅ. ކުރެންދޫ - ކ. ގާފަރު : 20:00 (ގްރައުންޑް 1) - ޒޯން 3
- ކ. ކާށިދޫ - ބ. އޭދަފުށި : 20:00 (ގްރައުންޑް 2) - ޒޯން 3
- އދ. މާމިގިލި - ވ. ކެޔޮދޫ : 21:00 (ގްރައުންޑް 1) - ޒޯން 4
- އދ. މަހިބަދޫ - އއ. މަތިވެރި : 21:00 (ގްރައުންޑް 2) - ޒޯން 4
- ފ. ބިލެތްދޫ - މ. ނާލާފުށި : 22:00 (ގްރައުންޑް 1) - ޒޯން 5
- މ. މުލަކު - ދ. ކުޑަހުވަދޫ : 22:00 (ގްރައުންޑް 2) - ޒޯން 5
- ހުޅުމާލެ - މައްޗަންގޯޅި : 23:00 (ގްރައުންޑް 1) - ޒޯން 8
- މާފަންނު - ވިލިމާލެ : 23:00 (ގްރައުންޑް 2) - ޒޯން 8













