ދިވެހި ފުޓްބޯޅަ ރަަނގަޅުވާނީ ނިއު، ވެލެންސިއާ އަދި ވިކްޓަރީ ވަރުގަދަވެގެން: ކިސް

Feb 14, 2024, 3:53 AM
ވިކްޓަރީގައި ކިސް މަސައްކަތްކުރިއިރު މެޗެއްގެ ތެރެއިން،---- ފޮޓޯ: މިހާރު

ވިކްޓަރީގައި ކިސް މަސައްކަތްކުރިއިރު މެޗެއްގެ ތެރެއިން،---- ފޮޓޯ: މިހާރު

ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަނެ، ރަނގަޅުވާން އޮތީ، ދިވެހި ފުޓްބޯޅައިގައި ޒަމާންވީ ގަދަބާރުތައް ކަމަށްވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބް ވަރުގަދަވެގެން ކަމަށް ރާއްޖޭގެ ފުޓްބޯޅަ އަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ކޯޗު، ހަންގޭރީގެ ލާސްލޯ ކިސް ބުނެފި އެވެ.

ކުރިން، ވީބީ ސްޕޯޓްސް ކްލަބާއި ވެލެންސިއާ އަދި ވިކްޓަރީ އަށް ކޯޗުކޮށްދިން ކިސް މި ގޮތަށް ބުނެފައިވަނީ، މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި، މަސް އޮޑި ސްޕޯޓްސް ކްލަބާއި ނިއު އާއި ވިކްޓަރީން ދެއްކި ކުޅުން ފާހަގަކޮށް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ފުޓްބޯޅައިގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެއްވި، އަހުމަދު މަރުޒޫގު (މަރޭ)، ފޭސްބުކްގައި ކުރި ޕޯސްޓަކަށް ކުރި ކޮމެންޓްގަ އެވެ.

"ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުވާން އޮތް ގޮތެއް ކަމަށް ގަބޫލުކުރެވޭނީ، ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ވިކްޓަރީ ވަރުގަދަ ޓީމުތަކަކަށް އަލުން ވެގެން، އެއީ (ދިވެހި ފުޓްބޯޅައިގެ) ވެލިއު އަކީ،" ކިސް ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ނަތީޖާތަށް ދަށްވެ ރެލިގޭޓްވި، ވެލެންސިއާ އިން މީގެ ތިން އަހަރު ކުރިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ނަމަވެސް އަދިވެސް އަޑިގަނޑުން އަރައިނުގަނެ އެވެ.

މި ވަގުތު، ފީފާގައި އޮތް މުސާރަ ނުދޭ މައްސަލަތަކަށް އަދިވެސް ހައްލެއްނުލިބޭތީ، ވެލެންސިއާ އަށް ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވެ އެވެ. އެ ޓީމުގެ ހާލަތު ތަންނުދޭތީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ވަކި ހިސާބުން ވަނީ މުބާރާތުން ވަކިވެފަ އެވެ.

ކިސް، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީގައި: އޭނާ އަކީ ދިވެހި ފުޓްބޯޅައިގައި ކާމިޔާބު ހޯދި މޮޅު ކޯޗެއް.

ކުޅުންތެރިންނަށް ފައިސާ ނުދޭ މައްސަލަތަކެއްގައި، އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރީ 2019 ވަނަ އަހަރު އެވެ. އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން ނިއު އިން އިސްނެގި އެ ފަހަރު، އެ ޓީމަށް އައި އެ ސަސްޕެންޝަނުން ސަލާމަތްވެ، މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ކުޅުނެވެ. އެ ފަހަރު، ސެމީގައި ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވިއިރު، މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ސެމީގައި މި ވަނީ ވިކްޓަރީ އަތުން ނިއު ބަލިވެފަ އެވެ.

މިހާރު މި ވީ ގޮތުން، އަނެއްކާ ވެސް، އިތުރު ސީޒަނެއް ނިއު އަށް މި ޖެހުނީ، ދެ ވަނަ ޑިވިޝަނުގައި ކުޅޭށެވެ.

ވިކްޓަރީ، ސަސްޕެންޑްކުރަން އެފްއޭއެމް އިން ނިންމީ 2020 ވަނަ އަހަރު އެވެ. އެއީ ވެސް މާލީ މައްސަލަތަކާއި އެޑްމިނިސްޓްރޭޓިވް ކަންކަން ފުރިހަމަ ނުވެ ހުރުމުން އައި ސަސްޕެންޝަނެކެވެ.

ވިކްޓަރީ، ސަސްޕެންޑް ކުރިއިރު، އެ ޓީމުން ވެސް އައީ އެފްއޭއެމްގައި އޮތް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް ބަދަލުކުރަން މަސައްކަތް ކުރަމުންނެވެ. އެއީ، ނިއު އާއި ވިކްޓަރީ ގުޅިގެން ކުރަން އުޅުނު ކަމަކަށްވާއިރު، ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ސަސްޕެންޝަން އައީ ވެސް އެ ސަބަބާ ހެދި އެވެ. އެއީ މުސާރައިގެ މައްސަލަ އުޅެނީ ހަމައެކަނި މި ދެ ކްލަބްގައި ނޫން ކަމަށްވާތީ އެވެ.

ވިކްޓަރީ، ސަސްޕެންޑްކުރަން އޮތް މައްސަލަތަކުގެ ތެރޭގައި ކިސް އަށް ނުދީ ހުރި މުސާރައިގެ މައްސަލަ ވެސް ހިމެނެ އެވެ. ކިސް ވަނީ ދެ ފަހަރެއްގެ މަތިން ވިކްޓަރީ އަށް ކޯޗުކޮށްދީފަ އެވެ.

ވިކްޓަރީން އެކި ފަރާތްތަކަށް ދަރާފައި ހުރި ފައިސާ ދައްކައި، ސަސްޕެންޝަނުން ސަލާމަތްވެ، ފުރަތަމަ ކުޅުނު ދެ ވަނަ ޑިވިޝަން މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެކަމަކު، އާ ރޫހެއްގައި ޓީމު ވަރުގަދަކޮށްގެން، މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދަތުރުކޮށް، މި ވަނީ އަލުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ވެސް ހޯދައިފަ އެވެ. ހަތަރު އަހަރަށް ފަހު، އަންނަ ސީޒަނުގައި، ވިކްޓަރީ ފުރަތަމަ ޑިވިޝަނުން ފެންނާނެ އެވެ.

ކިސް، ވިކްޓަރީ އަށް ކޯޗުކޮށްދިނީ، 2016 ވަނަ އަހަރުގެ މެދުތެރެއިން ޓީމު ހަވާލުވެގެން އެ އަހަރުގެ ނިޔަލަށާއި، 2018 ވަނަ އަހަރުގެ ސީޒަނުގަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމަށް ވުމަށް 2013 ވަނަ އަހަރު ނަން ހުށަހެޅި ކިސް، އެންމެ ފުރަތަމަ ރާއްޖެ އައީ 1996 ވަނަ އަހަރު އެވެ. އެއީ ވެލެންސިއާ އަށް ކޯޗުކޮށްދޭށެވެ. އޭގެ ފަހުން، ކިސް ދެ ފަހަރެއްގެ މަތިން ވެލެންސިއާ އަށް ކޯޗުކޮށްދިނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ކިސްގެ ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި 1999 ވަނަ އަހަރުގެ އެފްއޭ ކަޕް، ވެލެންސިއާ އަށް ކާމިޔާބުކޮށްދިނުމާއި 2004 ވަނަ އަހަރުގެ ދިވެހި ލީގު ވެލެންސިއާ އަށް ކާމިޔާބުކޮށްދިނުން ހިމެނެ އެވެ.

ކިސް، ވެލެންސިއާ އަށް އެންމެ ފަހުން ކޯޗުކޮށްދިނީ 2005 ގަ އެވެ.

ވެލެންސިއާ ދޫކޮށްލި ފަހުން، ދެން ކިސް، ރާއްޖެ އައީ ވީބީ ސްޕޯޓްސް އަށް ކޯޗުކޮށްދޭށެވެ. ކިސް ވަނީ އެ ޓީމަށް 2009 އަދި 2010 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ވެސް ކިސް ވަނީ ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox