ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ލ. އަތޮޅު ފައިނަލުގައި އިސްދޫ ބަލިކޮށް ގަމުން އަތޮޅު ޗެމްޕިއަންކަން ދިފާއު ކުރިއިރު, ކ. އަތޮޅުގެ ފައިނަލަށް ގާފަރު އާއި ކާށިދޫ ދަތުރުކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ލ. އަތޮޅުގެ ފައިނަލުގެ އިތުރުން މ. އަތޮޅު ސެމީ ފައިނަލްގެ މެޗުތަކާއި ކ. އަތޮޅު ސެމީ ފައިނަލް މެޗުތައް ކުޅުނެވެ.
ލ. ޗެމްޕިއަންކަން ގަމުން ހޯދީ އިސްދޫގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި އިސްދޫގެ ކެޕްޓަން އަލީ ހުމޭޒު ގޯލު ޖަހާ އެޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ގޯލު ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިސްދޫ އިން ވަނީ އަލުން ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ހުސެއިން އަފްޚާން އެވެ. ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ގަމުން އަލުން ވަނީ ނަތީޖާ ހަމަހަމަ ކޯށްފަ އެވެ. އޭރިއާ ބޭރުން ޖެހި ބާރު ޝޮޓަކުން މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޝާމިސް (ތޮއްޕެ) އެވެ. އަދި ގަމަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑު ނަގާދިނީ މެޗުގެ ފަހު މިނެޓުގައި އޮންލީ ކާމިޔާބުކޮށްދިން ގޯލުންނެވެ.
ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އިސްދޫގެ ހުމޭޒު އެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

ލ. ގަން އާއި ލ. އިސްދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ކ. އަތޮޅު ފައިނަލުން ގާފަރު ޖާގަ ހޯދީ ސެމީގައި ގުރައިދޫ 5-0 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ގާފަރުގެ ޝަނާން ރަޝާދު ދެ ގޯލު ޖެހިއިރު, ސާމިން މުހައްމަދު ނަސީރު, އަލީ މާއިސް (މައްޓު) އަދި އިބްރާހީމް ރިމާހު, މިއިން ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެހި އެވެ.

ކ. ގާފަރާއި ކ. ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ކ. ކާށިދޫ އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ މާފުށި 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ 13 ވަނަ މިނެޓުގައި ޖެހީ އަހުމަދު މަޖީދު އެވެ.
ކ. އަތޮޅު ސެމީ ފައިނަލުގެ މެޗުތަކުގެ އިތުރުން ރޭ ވަނީ މ, އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ވެސް ކުޅެފަ އެވެ. މ. އަތޮޅު ފައިނަލުން މުލަކު ޖާގަ ހޯދީ ކޮޅުފުށީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި މުލަކަށް ކާމިޔާބު ކޮށްދިނީ އިމްޖާދު މުހައްމަދެވެ.
މ. އަތޮޅު ފައިނަލުގެ ދެވަނަ ޖާގަ ނާލާފުށިން ހޯދީ ޕެނަލްޓީގައި އެ އަތޮޅު މަޑުއްވަރި 3-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާއަކުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ދެން މެޗެއް ކުޅެވޭނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ކުލޭނީ ބ. އަތޮޅު ފައިނަލާއި ޅ. އަތޮޅު ފައިނަލުގެ އިތުރުން ވ. އަތޮޅުގެ ދެ ވަނަ ލެގުގެ މެޗެވެ.













