ބާލިން (ފެބްރުއަރީ 10) - ޖަރުމަނުގެ ފުޓްބޯޅަ ލީގުގެ ޓީވީ ރައިޓްސް އިންވެސްޓަރުންގެ ފަރާތުން މާލީ މަންފާ ލިބޭ ޑީލެއްގައި ވިއްކާލަން ނިންމި ނިންމުމާ ދެކޮޅަށް ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން 3-0 އިން ފްރައިބާގް ބަލިިކުރި މެޗުގައި ވެސް ހަޅުތާލުކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ޖަރުމަނުގެ މެޖޯރިޓީ ކްލަބްތަކުން ތާއީދުކޮށް، އެ ގައުމުގެ ލީގުތަކުގެ ބްރޯޑްކާސްޓިން ޓީވީ ރައިޓްސް ޑީލެއް ވަނީ ނިންމައިފަ އެވެ. އެ ޑީލްގެ ތެރެއިން އިންވެސްޓަރުން ބޭނުންނަމަ ޓިކެޓް އާމްދަނީން ބައެއް ލިބޭ ގޮތަށް މާއްދާއެއް އޮވެ އެވެ. އޭގެ ސަބަބުން ނަތީޖާ އަކަށްވަނީ، މެޗުތަކުގެ ޓިކެޓްގެ އަގު އުފުލުމެވެ.
ޑޯޓްމަންޑް ދަނޑުގައި ކުޅުނު ރޭގެ މެޗުގެ 36 ވަނަ މިނިޓްގައި މެޗު މެދުކަނޑާލަން ޖެހުނީ، ސަޕޯޓަރުން ދަނޑަށް ޗޮކޮލެޓް ގޯލްޑް ކޮއިންސް އާއި ޓެނިސް ބޯޅަ އުކަން ފެށުމާ އެކު، މެޗު މެދުކަނޑާލި އެވެ. އެ މެދުކެނޑުން 10 މިނިޓަށް ދިގުދެމިގެންދިޔައިރު، އަލުން ފެށުނީ، ޑޯޓްމަންޑްގެ ކެޕްޓަން، އެމްރޭ ޗާން ޓީމުގެ ސަޕޯޓަރުންނާ ވާހަކަ ދައްކައިގެންނެވެ.
މިއީ، މި ގޮތަށް ސަޕޯޓަރުންގެ ހަޅުތާލާ ހެދި މެޗެއް މި ގޮތަށް މެދުކަނޑާލަން ޖެހުނު، ހަތަރު ވަނަ މެޗެވެ. ކޮންމެ ފަހަރަކު ވެސް މި ގޮތަށް ދިމާވާ މެޗެއްގައި މަދުވެގެން، 10 ވަރަކަށް މިނިޓް ގެއްލެ އެވެ.
ޑޯޓްމަންޑުން ރޭގެ މެޗުގައި މޮޅުވިއިރު، ޑޮންޔެލް މާލެން ދެ ގޯލު ޖެހި އެވެ. އެ ޓީމުގެ އަނެއް ގޯލު ޖެހީ، ނިކްލަސް ފުލްކްރޫގް އެވެ.
ރޭގެ މޮޅާ އެކު، ޑޯޓްމަންޑް އޮތީ ލީގުގެ ހަތަރެއްގަ އެވެ. އެ ޓީމަށް 21 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ.












