ތަރުބިއްޔަތުގެ އެ ފިލާވަޅާއި މި ފިލާވަޅު

ތަރުބިއްޔަތުގެ އެ ފިލާވަޅާއި މި ފިލާވަޅު

ސްކޫލެއްގެ ޓީޗަރަކު ކައިވެނި ޕާޓީއަކަށް ލިބުނު ދައުވަތަކާ ގުޅިގެން އެޕާޓީއަށް ދިޔަ އެވެ. ކައިވެނިކުރާ ފިރިހެން ކުއްޖާ ސަލާންކޮށްލުމަށް ފަހު އަހަރެންމަތިން ހަނދާން އެބަހުރިތޯ ސުވާލުކޮށްލި އެވެ. ޓީޗަރު ބުންޏެވެ. ކޮންމެވެސް އިރެއްގައި ކިޔަވައިދެވުުނު ކުއްޖެއްކަން ޔަގީނެވެ. އެކުއްޖާ ބުންޏެވެ. ތިޔަށްވުރެ ރަނގަޅަށް އަަހަރެން މަތީން ހަނދާން ހުންނާނެކަން އަހަރެންނަށް ގައިމެވެ. އެހެނީ އަހަރެންނާ ގުޅޭ ވަރަށް ހާއްސަ ހާދިސާއެއް ހިނގާފައިވާތީ އެވެ. ޝުކުރު އަދާކުރުމުގެ ގޮތުން އެ ވާހަކަ ކިޔައިދީ ހަނދާންކޮށްދޭން ވެސް ބޭނުމެވެ.

އެއީ މީގެ 30 އަހަރު ކުރި އެވެ. އަހަރެން އޭރު އުޅެނީ ޕްރައިމަރީގަ އެވެ. ކްލާހުގެ ކުއްޖެއްގެ ގަޑި އަހަރެން ވަގަށް ނެގީމެވެ. އެ ކުއްޖާގެ ގަޑި ގެއްލުނުކަން އެނގުމުން އެ ކުއްޖާ ރޯންފެށި އެވެ. އަދި ޓީޗަރަށް އެ ކުއްޖާގެ ޝަކުވާ ހުށަހެޅި އެވެ. ޓީޗަރު އެ ދުވަހު ކަންތައް ކުރި ގޮތަކީ، ހުރިހާ ކުދިންނަށް އަމުރުކުރީ ހުރިހާ ކުދިން އެއްސަފަކަށް ކޮޅަށް ތެދުވެ ދެލޯ މަރައިގެން ތިބުމަށެވެ. ދެން އެ ގޮތަށް ކުދިން ސަފު ހެދުމުން ޓީޗަރު ކޮންމެ ކުއްޖެއް ބަލާފާސްކުރަން ފެށި އެވެ. ގަޑި އޮތީ އަހަރެންގެ ޖީބުގަ އެވެ. އަހަރެން ހުރީ އަަހަރެން ފަލީހަތްވާނެކަމުގެ ޔަގީންކަމާއެކު އިންތިހާއަށް ބިރުންނެވެ.

ފަހަރަކު ކުއްޖަކު ބަލާފާސްކުރަމުން ގޮސް ޓީޗަރު އަަހަރެންގެ ޖީބަށް އަތްކޮށްޕާފައި ގަޑި ނެގި ހިސާބުން އަދި ވަކިން ބޮޑަށް ހާސްވެ ބިރުން ރޫރޫ އަޅަންފެށި އެވެ. އެކަމަކު ވެސް ޓީޗަރު އިތުރަށް ބަލާފާސްކުރުން ކުރިޔަށް ގެންގޮސް ހުރިހާ ކުދިން ބަލާފާސްކޮށްފައި ހުރިހާ ކުދިންނަށް އިށީންނަށް އެންގި އެވެ. އަހަރެން އިނީ ވަރަށް ބިރުންނެވެ. އަހަރެންގެ ނަން އިއްވާ ފަލީހަތްކޮށްލާނެތީ އެވެ. އެކަަަމަކު ޓީޗަރު އަމަލުކުރި ގޮތަކީ ގަޑީގެ ވެރި ކުއްޖާއަށް ގަޑި ހަވާލުކުރީ އެވެ. އެގަޑި ފެނުނީ ކޮން ކުއްޖެއްގެ ޖީބުން ކަމެއް ޓީޗަރު ނުބުނެ އެވެ. އެކަމަކު އެދުވަހު އަހަރެން ފަލީހަތްކޮށް ނުލީތީ، އަހަރެންނަށް ލިބުނު ފިލާވަޅު ވަރަށް ބޮޑެވެ. އަދި ދުވަހަކު ވެސް އެފަދަ ނުބައި ކަމެއް ދެން ނުކުރަން ނިންމީމެވެ. މިއަދު އަހަރެން ހަރުދަނާ މީހަކަށްވެ ޒަވާޖީ ހަޔާތެއް ފަށާއިރު، އެކަމަކީ އަހަރެން މިހާރު ހުރި ހިސާބަށް އާދެވުމާއި އަހަރެންގެ ތަރުބިއްޔަތުގައި އާދަޔާ ހިލާފު ހަރުދަނާ ބިންގަލެއް އެޅުނު ސަބަބެއް ކަމުގައި ވެފައިވެ އެވެ. އެކަމަށްޓަކައި އަހަރެން ޓީޗަރަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގެ އެވެ.

ޓީޗަރު ބުންޏެވެ. މިހާރު ހަނދާންވެއްޖެ އެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެއީ ކޮން ކުއްޖެއްކަން އަހަރެންނަށް ވެސް މި އެގުނީ މިހާރު އެވެ. ޒުވާނާ ތިޔަ ކިޔައިދިން މިންވަރަކީ އަހަރެންނަށްވެސް އެނގޭ މިންވަރެވެ. އެއްވެސް ކުއްޖަކަށް ނޭނގި އޮތް ކަމަކީ ބަލާފާސްކުރިއިރު އަހަރެންވެސް ހުރީ ދެލޯ މަރައިގެންކަމެވެ. އަަހަރެންނަކީ ތިޔަ ކުދިންގެ ޓީޗަރު ކަމަށްވުމާއެކު އަހަރެންނަށް ވެސް އެކަން ކުރީ ކޮން ކުއްޖެއްކަން އެނގުމަކީ އެއީ އެ ކުއްޖަކާމެދު އަހަރެން ދެކޭ ގޮތް ބަދަލުވުމުގެ ސަަބަބުން އެ ކުއްޖާގެ މަސްލަހަތަށް ނުރަނގަޅު އަސަރުތަކެއް އަހަރެންގެ ފުށުން ކޮށްފާނެ ކަމެއް ކަމުގައި އަހަރެން އެ ދުވަހު ބެލީމެވެ. އެހެންވެ އަހަރެން ބަލާފާސްކުރީ ދެލޯ މަރައިގެންނެވެ. އަދި ގަޑި ފެނުމުން ވެސް ބަލާފާސްކުރުން ކުރިޔަށް ގެންދިޔައީ އެހެންވެގެންނެވެ. އެޔަށްފަހު ތިޔަކުދިން އިށީންނަ ތަނެއްގައި އިށީނދެ މަޑުޖެހެންދެން އަހަރެން ހުރީ ދެލޯ މަރައިގެންނެވެ. މިއީ ތަރުބިއްޔަތުގެ އެއްފިލާވަޅެވެ. މިފިލާވަޅާ މެދަށް އިތުރަކަށް ލިޔާ މީހެއްގެ ހައިސިއްޔަތުން އަހަރެން ކުރަންޖެހޭ އިތުރު ކޮމެންޓެއް ދޭންޖެހޭ ބަޔާނެއް އޮތްކަމުގައި ނުދެކެމެވެ.

ދެން ތަރުބިއްޔަތުގެ އެހެން ފިލާވަޅަކަށް ޖެހިލަމާތޯ އެވެ. ދަރިއެއްގެ މަންމަ އޭނާގެ ގާތުގައި ބުނީ ހަވީރު ފަހެއް ޖެހުމުގެ ކުރިން ސައި ބޮއިފިނަމަ، ހިނގާލަން ގެންދާނެކަމުގަ އެވެ. އެ ކުއްޖާ އެގަޑީގެ ކުރިން ސައިބޮއި ނިންމި އެވެ. އެޔާއެކު މަންމަ ބުނީ ކުޑަކުދިން ކާ ފުރޭތައެއް މަގުމަތީގައި އެބައުޅޭ ކަމަށެވެ. މި ވަގުތު ބޭރަށް ނުކުމެއްޖެނަމަ ފުރޭތަ ކާލަފާނޭކަމަށެވެ. ޖެހިގެން އައި ދުވަހު އެކުއްޖާގެ ބައްޕަ ބުންޏެވެ. މިމަސް ނިމެންދެން ހުރިހާ ދުވަހެއްގެ ފަތިސްނަމާދު ޖަމާއަތުގައި ކޮށްފިނަމަ، ޕީއެސްއެއް ގަނެދޭނަމެވެ. އެކުއްޖާ ހުރިހާ ރެޔަކު ފަތިސް ނަމާދަށް ހޭލައި މިސްކިތަށް ގޮސް ނަމާދުކުރި އެވެ. މަސް ނިމުމުން ބައްްޕަ ބުނީ މިމަހު ބައްްޕައަށް ލިބުނު ލާރިކޮޅު ތަންކޮޅެއް މަދު ކަމަށާއި، ލާރިކޮޅެއް އެއްކޮށްލެވުނީމާ އެކަން ކޮށްދޭނެ ކަމަށެވެ.

ޖެހިގެން އައި ދުުވަހު ސްކޫލަށް ދިޔައީމާ ޓީޗަރު ބުނީ މިއަހަރު ބަރާބަރަށް ފާސްވާ ހުރިހާ ކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދިހަ ކުދިން ރިޒޯޓަކަށް ގެންދާނެ ކަމަށެވެ. ކުއްޖާ ވަރަށް ބުރަ މަސައްކަތުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދިހަ ކުދިންގެ ތެރޭގައި ހިމެނިއްޖެ އެވެ. ރިޒޯޓު ދަތުރަށް ވީ ގޮތެއް ކުއްޖާއަކަށް ނޭނގުނެވެ. ބައެއް ކުދިން ގޮވައިގެން ދިޔަ ކަމަށްވެސް ކިޔާއަޑު އިވުނެވެ. ވިދިގެން އައި އަހަރު ކިޔަވައިދޭން އައީ އެހެން ޓީޗަރުންތަކެކެެވެ. އެހެންވެ ދަތުރަށްވީ ގޮތް އޮޅުންފިލުވޭނެ ގޮތެއް ނުވި އެވެ.

ކުއްޖާ ބޮޑުވެގެންވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށެވެ. ކުއްޖާއަށް ދަސްވެފައި އޮތީ، ވަގުތީ ގޮތުން މީހުން ލޮއްސާނެ ގޮތާއި ރުއްސާނެ ގޮތެވެ. އެކަމުގައި ކިތަންމެ ބޮޑު ދޮގެއް ހަދަންޖެހުނަސް އެދޮގު ހެދުމަކީ އޭނާއަށް ފަރިތަވެ ދަސްވެފައިވާ ގޮތެވެ. ރައްޔިތުން ހިތްއެދޭހާ ވައުދެއް ރައްޔިތުންނަށް އިއްވައިދިނުމާއި އެކަމުގައި އެއީ ކުރެވިދާނެ ކަމެއްތޯވެސް ދުރާލައި ވިސްނާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާއަށް ގަބޫލުކުރެވިފައެއް ނެތެވެ. އޭނާ ބޭނުންވާ ގަޑީގައި ރައްޔިތުންގެ އާބަސް ހޯދެނީ ކިތަންމެ ބޮޑު ފާފައެއް ކޮށްގެންކަމަށްވާނަމަ، އެކަމަކީ ވެސް އޭނާ ޖެހިލުމަކާ ނުލައި ކުރަން ދާދި ފަރިތަކަމަކަށް ވަނީ ވެފަ އެވެ. އަދި އެކަމާމެދު ރައްޔިތުން ރުޅިއަންނާތީ އެކަމާވެސް އޭނާ ހައިރާންވެ އެވެ. އެހެނީ އޭނާ ދެކޭ ގޮތުގައި ވައުދެއް ނުފުއްދައިގެން އެހާ ވަރަށް މީހުން ރުޅިއަންނަންޖެހޭ ސަބަބެއް ނެތެވެ.

ތަރުބިއްޔަތުގެ މި ފިލާވަޅަށް ވެސް އިިތުރަށް އަހަރެން ދޭނެ ބަޔާނެއް ނެތެވެ.

ތިޔަ އެންމެ ބޭފުޅުންނަށް އަޅުގަނޑު މިދެނީ ހަމަ އެންމެ ދައުވަތެކެވެ. މާތް ނަބިއްޔާގެ މިދަންނަވާ ތިން ހަދީސް ބަސްފުޅަށް މިހާރަށްވުރެ ސަމާލުކަމާއެކު ވިސްނާ ވަޑައިގަތުމުގެ ދައުވަތެކެވެ. މާތް ނަބިއްޔާއާ މީހަކު ސުވާލުކުރި އެވެ. މުއުމިނަކު ފިނޑިއެއްކަމުގައި ވެދާނެ ހެއްޔެވެ؟ ހަދީސް ކުރެއްވި އެވެ. އާއެކެވެ. ދެންނެވުނެވެ. މުއުމިނަކު ދަހި މީހެއްކަމުގައި ވެދާނެ ހެއްޔެވެ؟ ހަދީސް ކުރެއްވި އެވެ. އާއެކެވެ. ދެންނެވުނެވެ. މުއުމިނަކު ދޮގުވެރިއެއްކަމުގައި ވެދާނެ ހެއްޔެވެ؟ ހަދީސް ކުރެއްވި އެވެ. ނޫނެކެވެ. އަދި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. ދޮގު މަގުފަހިކޮށްދެނީ ނުބައި ކަންކަމަށެވެ.

ދެން މި ހަދީސްއަށް ވިސްނާ ފިކުރު ހިންގަވާށެވެ. އިތުރު އެކަލޭގެފާނު ހަދީސް ކުރައްވާފައިވެ އެވެ. ކުޑަކުއްޖެއްގެ ގާތުގައި މިވެނި އެއްޗެއް ދޭނަމޭ އަންނާށޭ ބުނުމަށް ފަހު އެއެއްޗެއް ނުދީފިނަމަ އެއީ ވެސް ދޮގެެކެވެ.

އާދޭހެވެ! ދޮގު މަަގުފަހިކޮށްދެނީ ނުބައިކަންކަމަށެވެ. އެކަމަކު އެއީ ކިހާވަރެެއްގެ ނުބައި ކަމެއްކަން، އަދި އަމުދުން ކުޑަކުދިންނަށް ދޮގު ހެދުމުން ފަހި ވެގެންދާ ނުބައި އެއީ ކިހާވަރެއްގެ ނުބަޔެއްކަން، އަހަރެމެން މަގާމުތަކަށް އިންތިހާބު ކޮށްގެން މިއުޅޭ މީހުންނާ މެދު ކުރާ ޝަކުވާތަކުން ހާމަޔަށް މިއޮއްދަނީ ފެންނަމުންނެވެ. ދިވެހި ލޮބުވެތި ރައްޔިތުންނޭވެ! މިއަދު ރައްޔިތުންގެ މަޖިލީހާއި މިއަދުގެ އަހަރެމެންގެ ވެރިންގެ ބުނުންތަކުގައި ދޮގުގެ އަސަރު އެކުލެވޭ މިންވަރު އިންތިހާއަށް ގިނަ ނަމަ، އެކަމުގެ އަސްލު ސަބަބަކީ ކޮބައިތޯ ވިސްނާފިކުރުކުރާށެވެ!

ޖީލެއް ނުވަތަ ޖީލުތަކެއް ނުރަނގަޅު ތަރުބިއްޔަތެއްގައި ހަލާކުވެފައިވަނީތޯ އެވެ. ނުވަތަ ހަލާކުވެފައި ތިބި މަދު ބަޔަކު ނޫނީ އިންތިހާބުތަކުގައި ވާދަ ނުކުރަނީތޯ އެވެ؟ ނަމަވެސް އެނގި ޔަގީންވާ ކަމަކީ ތިމާއާ ހަމައިގައި އޮތް ތަރުބިއްޔަތުކުރުމުގެ ޒިންމާ އަދިވެސް ތިމާއަށް އަދާކުރެވި އިސްްލާހުކުރެވިއްޖެނަމަ މާދަމާގެ މުސްތަގުބަލު އުޖާލާވެގެންދާނެ ކަމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox