ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކ. އަތޮޅު ސެމީ ފައިނަލުގެ ޖާގަ ނުލިބި އެންމެ ފަހުގެ އެ އަތޮޅު ޗެމްޕިއަން ދިއްފުށި މުބާރާތުން ކެޓިއިރު، މާފުށި، ގުރައިދޫ، ގާފަރު އަދި ކާށިދޫން ސެމީގެ ޖާގަ ކަށަވަރު ކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް އަށް މެޗު ކުޅެފައި ވެއެވެ. އެއީ ކ. އަތޮޅު އަދި މ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.
އެންމެ ފަހުގެ ޗެމްޕިއަން ދިއްފުށީގެ މައްޗަށް މާފުށިން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މާފުށީގެ ކެޕްޓަން އިސްމާއިލް ޒަރީރު ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު މެޗުގެ އަށްވަނަ މިނެޓުގައި ދިއްފުށީގެ އަހުމަދު ރިޒްވާން (ރިޒޭ) ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން މާފުށީގެ ހުސެއިން ރިފާން ގޯލު ޖަހާ އެ ޓީމަށް އަލުން ލީޑު ނަގާދިނެވެ.
ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި ރިޒޭ ގޯލު ޖަހާ އަލުން ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މާފުށީގެ އިބްރާހީމް މުބީން (މުއްކި) ގޯލު ޖަހާ އެ ޓީމަށް އަލުން ލީޑު ނަގައިދިނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ރިފާން ވަނީ މާފުށީގެ ލީޑު ފުޅާކޮށްދީފަ އެވެ. ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ދިއްފުށި އަށް ފަރަގު ކުޑަކޮށްދިނީ ކެޕްޓަން ޒައިން ޒަފަރު ކާމިޔާބު ކޮށްދިން ގޯލުންނެވެ.
ގުރައިދޫ އިން ސެމީގެ ޖާގަ ކަށަވަރުކުރީ 2-1 ގެ ނަތީޖާ އަކުން އެ އަތޮޅު ގުޅި ބަލިކޮށްގެންނެވެ. މި މެޗުގެ އަށް ވަނަ މިނެޓުގައި ގޯލު ޖަހާ ގުރައިދޫ އަށް ލީޑު ނަގާދިނީ އިސް އާފް މުހައްމަފު ފިރާގު އެވެ. އެކަމަކު މެޗުގެ 12 ވަނަ މިނެޓުގައި ގުޅީގެ މުހައްމަދު ނަވީން ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މި މެޗުން ގުރައިދޫ މޮޅުކޮށްދިން ގޯލު މެޗުގެ ފަހު މިނެޓުގައި އެ ޓީމަށް ޖަހާދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
މި ނަތީޖާތަކާއެކު ކ. އަތޮޅުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި މާފުށިން ސެމީގެ ޖާގަ ހޯދީ ކުޅުނު ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކުގައެވެ. އަދި ގުރައިދޫ އިން ސެމީގެ ޖާގަ ކަށަވަރު ކުރީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކ. ގާފަރުން ސެމީ ފައިނަލުގެ ޖާގަ ހޯދީ ކ. ހުރާގެ މައްޗަށް 6-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގައި ގާފަރުގެ ޝަނާން ރަޝީދު ދެ ގޯލު ޖެހިއިރު, ނާއިހް މުފީދް, އައްޒާމް ނިޔާޒް, އިބްރާހީމް ރިމާހް އަދި ސަނީމް ޝަމާއިލް, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ކ. ގާފަރާއި ކ. ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ކ. ކާށިދޫ އިން ސެމީ ފައިނަލުން ޖާގަ ހޯދީ ހިންމަފުށި 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފަސްވަނަ މިނެޓުގައި ކާށިދޫ އަށް ގޯލު ޖަހާ ލީޑު ނަގާދިނީ ކެޕްޓަން އަކުމަލް މުހައްމަދު އެވެ. އަދި މެޗުގެ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި ކާށިދޫގެ ލީޑު ފުޅާކޮށްދިނީ އިލްވާން މުހައްމަދެވެ. އޭގެ މިނެޓެއް ފަހުން ކާށިދޫގެ ކެޕްޓަން އަކުމަލް ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. މި މެޗުގައި ކާށިދޫ އިން ޖެހި ފަހު ގޯލަކީ ހިންމަފުށީގެ ކެޕްޓަން ހުސެއިން ނާފިޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ހިންމަފުށީގެ ދެ ގޯލު ފެނިގެންދިޔައީ މެޗުގެ ފަހު މިނެޓުގަ އެވެ. އެޓީމުގެ ގޯލުތައް ޖަހާދިނީ ނާފިޒް އާއި އަތުޝާން އިބްރާހީމް އެވެ.
ކ. އަތޮޅުގެ މެޗުތަކުގެ އިތުރުން ރޭ ވަނީ މ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ވެސް ކުޅެފަ އެވެ.
މ. އަތޮޅުގެ ގްރޫޕް އޭގެ އެއްވަނަ މުލަކުން ހޯދީ އެ އަތޮޅު ރަތްމަންދޫގެ މައްޗަށް 6-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި މުލަކުގެ އަހުމަދު ތޮލާލް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އާދަމް ޝަހީމް, އިމްޖާދް މުހައްމަދު އަދި ޒާހިދު އިބްރާހީމް, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. ރަތްމަންދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ ކެޕްޓަން އަހުމަދު ޝަކީބުގެ އިތުރުން މޫސާ ނައީމް އެވެ.

މ. ވޭވަށް އާއި މ. މަޑުއްވަރި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި މ. މަޑުއްވަރިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ 2-2 ގެ ނަތީޖާއަކުން ވޭވަށާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްގެންނެވެ. މި މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި މަޑުއްވަރީގެ އިސްމާއިލް ނާޝިދު ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ވޭވަށުގެ އަހުމަދު ޒަޔާން އިސްހާގް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ވޭވަށުގެ އިބްރާހީމް އިމާއު ޖެހި ގޯލުން އެ ޓީމުން ވަނީ ލީޑު ނަގާފަ އެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި އިމާއު އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މ. ކޮޅުފުށިން ސެމީ ފައިނަލުގެ ޖާގަ ހޯދީ އެ އަތޮޅު ނާލާފުށި 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ކޮޅުފުށިން ޖެހި ހަމައެކަނި ގޯލު މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ކެޕްޓަން ނިމާލް ޚާލިދެވެ.
މި މުބާރާތުގައި މިރޭ ތިން މެޗު ކުޅޭނެ އެވެ. އެއީ ސ. އަތޮޅު ފައިނަލުގެ އިތުރުން ވ. އަދި ބ. އަތޮޅުގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
- ސ. ހިތަދޫ - ސ. ފޭދޫ : 20:00 (ގްރައުންޑް 1) - ފައިނަލް
- ވ. ފެލިދޫ - ވ. ކެޔޮދޫ : 20:00 (ގްރައުންޑް 2)
- ބ. ތުޅާދޫ - ބ. އޭދަފުށި : 21:00 (ގްރައުންޑް 2)













