ޓޫރިޒަމް މިނިސްޓްރީ އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޓޫރިޒަމްގެ ޕީއެސްއަކަށް ހުންނެވި ފާތިމަތު ނިލްފާ އަދި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށް ހުންނެވި އަބްދުލްރަހުމާން ސަލާހު ރަޝީދު އެ މަގާމުން އިސްތިއުފާދެއްވިކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސް މުހައްމަދު ނާސިހު މިއަދު "އަދަދު" އަށް ކަށަވަރުކޮށްދެއްވި އެވެ.
ނާސިހު ވިދާޅުވީ އެ ދެ މަގާމު ހުސްވުމުން މިހާރު އެ ކޮމިޝަނުން ވަނީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައި ކަމަށެވެ.
ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން އަބްދުއްރަހްމާން އިސްތިއުފާދެއްވީ އެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު ވަރަކަށް އަހަރު ފަހުންނެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވީ އޭޕްރީލް 9، 2020 ގަ އެވެ.
ޓޫރިޒަމްގައި މިނިސްޓްރީގެ ޕީއެސްގެ މަގާމާ ނިލްފާ ހަވާލުވެވަޑައިގެންނެވީ މީގެ ތިން އަހަރުކުރިން މާޗު 10، 2021 ގަ އެވެ.

މި ދެ ބޭފުޅުންގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަހުމަދު އަލީއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސީއެސްސީ އިން އޭނާ ސަސްޕެންޑުކޮށްފައިވަނިކޮށް އޭނާވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ.













