ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި މިރޭ އަތޮޅު ބުރުގެ ދެ ފައިނަލެއް ކުޅޭނެ އެވެ. އެއީ ދ. އަތޮޅު ފައިނަލްގެ އިތުރުން ފ. އަތޮޅު ފައިނަލް މެޗެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގެ ދ. އަތޮޅު ފައިނަލުން އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫ އިން ޖާގަ ހޯދީ ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކުގަ އެވެ. ފައިނަލުގައި ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނާނީ މާއެނބޫދޫ އިންނެވެ.
ދ. އަތޮޅުން މުބާރާތުގައި ބައިވެރިވީ ފަސް ޓީމެވެ. އެއާއެކު ދ. އަތޮޅުގެ މެޗުތައް ކުޅޭނީ ލީގު ފޯމެޓަށެވެ. މި އަތޮޅުގެ ޗެމްޕިއަން ޓީމަށް ޒޯން ބުރުން ޖާގަ ލިބޭނެ އެވެ.
ފ. އަތޮޅަށް ބަލާއިރު, ފ. އަތޮޅުން ވެސް ބައިވެރިވެފައިވަނީ ފަސް ޓީމެވެ. އެއާއެކު ފ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށްދިޔައީ ލީގު ފޯމެޓަށެވެ. ފ. އަތޮޅުން ޓޭބަލްގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ ބިލެތްދޫ އެވެ. އެ ޓީމަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދި އެވެ. ބިލެތްދޫ އާއި ދެކޮޅަށް ފައިނަލުގައި ނުކުންނަ ދަރަނބޫދޫ އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ފ. އަތޮޅު ޗެމްޕިއަނުންނަށް މުބާރާތުގެ ޒޯން ބުރުން ޖާގަ ލިބޭނެ އެވެ.
މީގެ އިތުރުން މިރޭ ސެމީ ފައިނަލްގެ މެޗުތަކެއް ވެސް ކުޅޭނެ އެވެ. އެއީ, ލ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކެވެ. މީގެ އިތުރުން މިރޭ ޅ. އަތޮޅުގެ މެޗުތައް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.













