ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ޗެމްޕިއަންކަން ދިއްދޫ ހޯދިއިރު, ހދ. އަތޮޅު ޗެމްޕިއަންކަން ވިދިވިދިގެން ފަސް ވަނަ ފަހަރަށް ނައިވާދޫން ހޯދައިފި އެވެ.
ރޭ ކުޅުނު އަނެއް ފައިނަލުގައި، ނ. އަތޮޅު ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ކެނދިކުޅުދޫ އިން ވަނީ ހޯދައިފަ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ވަނީ ހަތް މެޗު ކުޅެފަ އެވެ. އެއީ ހއ. އަތޮޅު ފައިނަލާއި, ހދ. އަތޮޅު ފައިނަލާއި, ނ. އަތޮޅު ފައިނަލްގެ އިތުރުން ގދ. އަތޮޅުުގެ މެޗުތަކާއި ތ. އަތޮޅު ސެމީ ފައިނަލް މެޗުތަކެވެ.
ހއ. އަތޮޅު ޗެމްޕިއަންކަން ދިއްދޫ އިން ހޯދީ އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން އުތީމު 5-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ދިއްދޫގެ ހައިޝަމް ރަޝީދު, މުހައްމަދު ޝަނާއު ނަސީރު ދެ ގޯލު ޖެހި އެވެ. އަދި ފާއިގު އަހުމަދު ގޯލެއް ޖެހި އެވެ. އުތީމުގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު ނަބީލް އަދި ތަހާ މުހައްމަދު އެވެ.

ހއ. އަތޮޅު ޗެމްޕިއަން ދިއްދޫ އިން ތައްޓާއެކު އުފާފާޅު ކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ހއ. އަތޮޅުގެ އެންމެ ގިނަ ލަނަޑު ޖެހި ކުޅުންތެރިއަކީ ދިއްދޫގެ ފާއިގް އަހުމަދެވެ. އަދި ހއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އުތީމުގެ މުހައްމަދު ނަބީލް އެވެ.
ނައިވާދޫން ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނޮޅިވަރަމުގެ މައްޗަށް ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ނައިވާދޫގެ މުހައްމަދު ޝާއިން ތިިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ހުސެއިން މައިޝާން އަދި އަބްދުالله ވިސާމް ގޯލެއް ޖެހި އެވެ. ނައިވާދޫގެ އަނެއް ގޯލަކީ ނޮޅިވަރަމުގެ އަމްދާން އަލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނޮޅިވަރަމުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު އިކްރާމް އެވެ.

ހދ. ނައިވާދޫ ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ނ. އަތޮޅު ޗެމްޕިއަންކަން ދެވަނަ ފަހަރަށް މާފަރުން ހޯދީ 3-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މީގެ ކުރިން 2017 ވަނަ އަހަރު ކެނދިކުޅުދޫ އިން ވަނީ ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި މެޗުގެ 10 ވަނަ މިނެޓުގައި ކެނދިކުޅުދޫ އަށް ލީޑު ނަގާދިނީ މުހައްމަދު އައްޒާމް އެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނދިކުޅުދޫ އިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ މުހައްމަދު އަރީހް އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި މާފަރުގެ އިބްރާހީމް ޒަކަރިއްޔާ އެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި މާފަރުގެ ފަސް ފައުލު ހަމަވުމުން ލިބުނު ދުރު ޕެނަލްޓީ އަކުން އައްޒާމް ވަނީ އިތުރު ގޯލެއް ޖަހާ ކެނދިކުޅުދޫ މެޗުން މޮޅު ކޮށްދީފަ އެވެ.

ނ. މާފަރު އާއި ނ. ކެނދިކުޅުދޫ ކުޅުނު ފައިނަލު މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށިން ތ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކިނބިދޫގެ މައްޗަށް ސެމީ ފައިނަލުގައި ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތިމަރަފުށިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އާދަމް ނާސިހް (އާދަންނަ) އެވެ.
ތ. އަތޮޅު ފައިނަލުގެ ދެވަނަ ޖާގަ އޮމަދޫ އިން ހޯދީ ހިރިލަންދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި އޮމަދޫ އަށް ލީޑު ނަގާދިނީ ހަސަން ކިއާން ސިނާން ޖެހި ގޯލުންނެވެ. އަދި މެޗުގެ ދެވަނަ ހާފުގެ 11 ވަނަ މިނެޓުަގއި ކިއާން އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ހިރިލަންދޫގެ މުހައްމަދު މިންވާލް ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.
ގދ. ވާދޫން އެ އަތޮޅު ގައްދޫގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވާދޫގެ ގޯލުތައް ޖަހާދިނީ ނަޝާހް އަހުމަދު, އަޔާޒް އަހުމަދު, މުހައްމަދު އިޔާދް އަލީ އަދި ހުސެއިން ރިފާއު ސައީދު އެވެ.
މި މުބާރާތުގައި މާދަމާ ރޭ ވެސް ދެ އަތޮޅެއްގެ ފައިނަލް ކުޅޭނެ އެވެ. އެއީ ދ. އަތޮޅުގެ ފައިނަލް މެޗުގެ އިތުރުން ފ. އަތޮޅުގެ ފައިނަލް މެޗެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
- ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި : 20:00 (ގްރައުންޑް 1)
- ޅ. ނައިފަރު - ޅ. ހިންނަވަރު : 20:00 (ގްރައުންޑް 2)
- ފ. ބިލެތްދޫ - ފ. ދަރަނބޫދޫ : 21:00 (ގްރައުންޑް 1) - ފައިނަލް
- ދ. ކުޑަހުވަދޫ - ދ. މާއެނބޫދޫ : 21:00 (ގްރައުންޑް 2) - ފައިނަލް
- ލ. ގަން - ލ. މާމެންދޫ : 22:00 (ގްރައުންޑް 1) - ސެމީ ފައިނަލް
- ލ. އިސްދޫ - ލ. މާވަށް : 22:00 (ގްރައުންޑް 2) - ސެމީ ފައިނަލް
- ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ : 23:00 (ގްރައުންޑް 1) - ސެމީ ފައިނަަލް
- ގއ. ދެއްވަދޫ - ގއ. ގެމަނަފުށި : 23:00 (ގްރައުންޑް 2) - ސެމީ ފައިނަލް













