މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގައި މިރޭ ތިން ފައިނަލް ކުޅޭނެ އެވެ. އެއީ, ހއ. ހދ. އަދި ނ. އަތޮޅު ފައިނަލެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި އެންމެ ގިނަ ޓީމު ބައިވެރިވި އަތޮޅަކީ ހއ. އަތޮޅެވެ. އެ އަތޮޅުގެ ފައިނަލުން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ހއ. އުތީމު އާއި ހއ. ދިއްދޫ އިންނެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލުން އުތީމު ޖާގަ ހޯދީ ސެމީގައި މާރަންދޫގެ މައްޗަށް 5-4 އިން ކުރި ހޯދައިގެންނެވެ. އަނެއްކޮޅުން ދިއްދޫ އިން މިއަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި އެ އަތޮޅު ބާރަށް ބަލިކޮށްގެންނެވެ. މި ދެ ޓީމަށް ބަލާއިރު, އުތީމު ޓީމުން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެމުން އަންނަ އަހުމަދު އައިހަމް (ފަތޯ) އެވެ. ދިއްދޫ ޓީމުގެ ތަރިއަކީ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅޭ ހައިޝަމް އެވެ.
ހއ. އަތޮޅު ފައިނަލް މެޗު ކުޅޭނީ މިރޭ 20:00 ގައި ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގަ އެވެ.
ހދ. އަތޮޅު ފައިނަލުން ޖާގަ ހޯދީ ނައިވާދޫ އާއި ނޮޅިވަރަމެވެ. ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ނައިވާދޫން ފައިނަލުން ޖާގަ ހޯދީ ސެމީގައި އެ އަތޮޅު ނޭކުރެންދޫ 4-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަނެއްކޮޅުން ނޮޅިވަރަމުން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ސެމީގައި ނޮޅިވަރަންފަރު 4-1 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.
ނައިވާދޫން ވަނީ މި މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފަ އެވެ. އެއީ 2016, 2018, 2019, 2022 އަދި 2023 އެވެ.
ނައިވާދޫ އާއި ނޮޅިވަރަން ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މިރޭ 20:00 ގައި ރެހެންދި ދެ ނަމްބަރު ފުޓްސަލް ދަނޑުގަ އެވެ.
ނ. އަތޮޅު ފައިނަލް މެޗު ވެސް ކުޅޭނީ މިރޭ އެވެ. މިދިޔަ އަހަރު ނ. އަތޮޅުގެ އެއްވެސް ޓީމަކުން މުބާރާތުގައި ބައިވެރިނުވި ނަމަވެސް މި އަހަރު އެ އަތޮޅުގެ ފަސް ޓީމުން މުބާރާތުގައި ބައިވެރިވި އެވެ. އެހެންވެ ނ. އަތޮޅުގެ މެޗުތައް ކުރިއަށް ދިޔައީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ނ. އަތޮޅު ފައިނަލުން ޖާގަ ހޯދީ މާފަރު އާއި ކެނދިކުޅުދޫ އެވެ. މާފަރުން ވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. ކެނދިކުޅުދޫ އިން ވެސް ވަނީ އެ ޓީމުން ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާފަ އެވެ. ލީގު ބުރުގެ އެއްވަނަ މާފަރަށް ލިބުނީ ފައިދާ ގޯލު ގިނަ ވުމުންނެވެ. ކޮންމެއަކަސް މިރޭ ކުޅޭ ފައިނަލް މެޗަކީ ނ. އަތޮޅަށް ހާއްސަ ފައިނަލެކެވެ. މި މެޗު ކުޅޭނީ މިރޭ 23:00 ގައި ރެހެންދި އެއް ނަމްބަރު ޓާފް ދަނޑުގަ އެވެ.
މީގެ އިތުރުން ގޯލްޑަން ފުޓްސަލް މުބާރާތުގައި މިރޭ ތ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކާއި ގދ. އަތޮޅުގެ މެޗުތައް ކުޅޭނެ އެވެ.













