ޓޫރިޒަމް ދާއިރާގައި ސަރުކާރުގެ އަމާޒަކީ އާ 20 ރިސޯޓު މި އަހަރުގެ ތެރޭގައި ހުޅުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ސަރުކާރުން ޓޫރިޒަމް ފުޅާކުރުމަށް ކުރުމަށް ނިންމާފައިވާ ކަންކަން ހާމަކުރައްވާފަ އެވެ. އެގޮތުން, އަމާޒަކީ އެ 20 ރިސޯޓުން 2,857 އެނދު އުފެެއްދުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައް ބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި," މިއަދު ރައީސް ވިދާޅުވި އެވެ.
އެގޮތުން, އޭގެ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި، ފައިނޭންސް މިނިސްޓްރީ އާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް އެކުލަވާލަމުންދާ ކަމަށް ރައީސް ހާމަކުރެއްވި އެވެ. އަދި, ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިފަދަ ތަންތަން ތަރައްގީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗަރކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި އިރާދަކުރެއްވިއްޔާ ތަންފީޒުކުރެވިގެންދާނެ," ރައީސް ވިދާޅުވި އެވެ.
އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އިފްތިތާހު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ ބޮޑެތި މަހާސިންތާތަކާ ހަފްލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހަދަން މައިސް ޓޫރިޒަމް ތަޢާރަފްކުރަން. ތައުލީމީ ދާއިރާއާ ސަގާފަތާއި ތަރިކައިގެ ދާއިރާއާ ސިއްހީ ދާއިރާ އާއި ތިމާވެށީގެ ދާއިރާގެ ތެރެއިންވެސް ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރަން," އެމަނިކުފާނުގެ ވިޝަން ހާމަކުރައްވަމުން މިއަދު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން ރާއްޖޭގެ ޖުމުލަ 256 ރަށެއް ވަނީ ފަތުރުވެރިކަމަށް ދޫކޮށްފަ އެވެ. އޭގެ ތެރެއިން އޮޕަރޭޓް ކުރަމުން ދަނީ 168 ރަށެެކެވެ. ބާކީ 88 ރަށް ތަރައްގީކުރުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތައް ކުރިއަށް ނުދާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ އަދަދު އެންމެ ގިނައީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 29 ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށް، އޮޕަރޭޝަނަށް ނުގެނެވި އެބަ އޮތެވެ.











