ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުތައް މާއެނބޫދޫ, ފީއަލި އަދި ބިލެއްދޫ ކާމިޔާބު ކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ތިން މެޗު ވަނީ ކުޅެފަ އެވެ. އެއީ ދ. އަތޮޅުގެ މެޗުތަކުގެ އިތުރުން ފ. އަތޮޅުގެ މެޗުތަކެވެ.
މިއަދު ހަވީރު ފ. ފީއަލިން އެ އަތޮޅު ނިލަންދޫގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފީއަލިއަށް ލީޑު ނަގާދިނީ ޒަޔާން އަބްދުالله ރަފީއު އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ނިލަންދޫގެ އިބްރާހީމް ޝަހީލު ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ފީއަލިން ވަނީ އަލުން ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ރަފްހާން އިބްރާހީމް އެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފީއަލީގެ ތިންވަނަ ލަނޑު އެޓީމަށް ޖަހާދިނީ ޒީދާން އަބްދުالله އެވެ.
ފ. ބިލެއްދޫ އިން އެ އަތޮޅު މަގޫދޫ ބަލިކުރީ 6-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބިލެއްދޫގެ މުހައްމަދު ޒީދާން ޒުހުރީ ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ކެޕްޓަން ނަދީފް އިބްރާހީމް ދެ ގޯލު ޖެހި އެވެ. އަދި ސާމިދް އަހުމަދު ގޯލެއް ޖެހި އެވެ.
ދ. މާއެނބޫދޫ އިން އެ އަތޮޅު މީދޫގެ މައްޗަށް ކުރިހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާއެނބޫދޫ އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ދެ ގޯލަކީ މީދޫގެ ޒީދާން ނާސިރު އަދި މުހައްމަދު ފާރިޝް އަތުން ބައިކޮޅަށް ވަން ދެ ގޯލެވެ. މާއެނބޫދޫގެ އަނެއް ގޯލުތައް އެ ޓީމަށް ޖަހާދިނީ ރީހާން ނިޒާރު, އާލިމް އަލީ އަދި އަބްދުالله ޒާން ޒަހީން ޖެހި ގޯލެވެ.













