ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވަން މިއަދު ބާއްވާ ޕްރަައިމަރީގައި ވޯޓުލާން ފަށައިފި އެވެ.
ޑިމޮކްރެޓްސްގެ ޕްރައިމަރީ ކުރިއަށް ގެންދަނީ އެންމެ ހަތަރު ދާއިރާއެއްގަ އެވެ. އެ ދާއިރާތަކަކީ ކެލާ ދާއިރާ، ކަނޑިތީމު ދާއިރާ، ހުޅުމާލެ ދެކުނު އަދި ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީ އެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 08:00 އިން ހަވީރު 04:00 އާ ހަމައަށެވެ.
ޑިމޮކްރެޓްސް އިން ހާމަ ކުރި ގޮތުގައި ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރަން ހުޅުވާލުމުން ކުރިމަތިލީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންނެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކޮށްފައިވެ އެވެ.
މީގެ އިތުރުން، ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން އަލުން ހުޅުވާލާފައިވެ އެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ހުޅުވައިލި އެ ފުރުސަތުގައި، ވާދަކުރުމުގެ ފުރުސަތު އެ ދުވަހުގެ އެ ގަޑިއާ ހަމައަށް ޕާޓީގެ ދަފުތަރުގައި ޖެހޭ ފަރާތްތަކަށް އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. ދެވަނަ ޝަރުތަކީ މަޖިލީހަށް ވާދަކުރަން ގާނޫނުގައި ބުނާ ޝަރުތުތައް ހަމަ ވުމެވެ.

މި ފަހަރުގެ ފުރުސަތުގައި އެއް ދާއިރާއަކަށް އެކަކަށް ވުރެ ގިނައިން ކުރިމަތިލައިފި ނަމަ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ކައުންސިލުން އެގޮތަށް ނިންމީ ޕްރައިމަރީއެއް ބާއްވާނެ ވަގުތު، އެހައިތަނަށް ދާއިރު ނޯންނާނެތީ އެވެ.












