މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ގއ. އަތޮޅު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުތައް ކާމިޔާބުކޮށް ގއ. ނިލަންދޫ, ކަނޑުހުޅުދޫ, ދެއްވަދޫ އަދި ގެމަނަފުށިން ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރު ކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް އަށް މެޗު ވަނީ ކުޅެފަ އެވެ. އެއީ މ. އަތޮޅުގެ މެޗުތަކުގެ އިތުރުން ގއ. އަތޮޅުގެ މެޗުތަކެވެ.
ގއ. އަތޮޅުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ގެމަނަފުށިން އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން މާމެންދޫ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގެމަނަފުށީގެ ހުސެއިން ތާއިމް ދެ ގޯލު ޖެހިއިރު, އަހުމަދު ޝާމް އަދި މުހައްމަދު އިރުޝާމް އަބްދުالله މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ގއ. ގެމަނަފުށި އާއި ގއ. މާމެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ސެމީ ފައިނަލުން ނިލަންދޫ ޖާގަ ހޯދީ އެ އަތޮޅު ކޮނޑޭ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗު އެއްވަރުކޮށްގެން ވެސް ކޮނޑޭއަށް ސެމީ އަށް ދިޔުމުގެ ފުރުސަތު އޮތެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކޮނޑޭ އިންނެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު އިންޝާއު އަހުމަދެވެ. އެކަމަކު ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ނިލަންދޫގެ މައުފޫޒް އާދަމް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި މެޗުން މޮޅުކޮށްދިން ލަނޑު މެޗުގެ ފަހު މިނެޓުގައި ނިލަންދޫ އަށް ޖަހާދިނީ މުހައްމަދު ޒާހިލް އަހުމަދެވެ.
ވިލިނގިލި މޮޅުވާން މަޖުބޫރު މެޗެއްގައި ނުކުންނަން ޖެހުނީ ދެއްވަދޫ އާއި ދެކޮޅަށެވެ. މި މެޗަށް ނުކުތްއިރު ވެސް ދެއްވަދޫ އަށް ވަނީ ސެމީގެ ޖާގަ ކަށަވަރު ވެފައެވެ. ދެއްވަދޫ އިން ވިލިނގިލީގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ގިނަ ފައުލުތަކެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެއްވަދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ރަޝްވާން ރަޝީދެވެ. އަދި ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ދެއްވަދޫގެ ލީޑު ފުޅާކޮށްދިނީ އަހުމަދު ރާހިލް ރަޝީދެވެ. މި މެޗުގައި ދެއްވަދޫ އިން ކާމިޔާބުކުރި ތިންވަނަ ގޯލަކީ ވިލިނގިލީގެ ފަސް ފައުލު ހަމަވެގެން ލިބުނު ދުރު ޕެނަލްޓީއަކުން ލުމާން ޒުހެއިރު ޖަހާދިން ގޯލެކެވެ.
ގއ. ކޮލަމާފުށީގެ މައްޗަށް ކަނޑުހުޅުދޫ އިން ކުރިހޯދީ 6-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކަނޑުހުޅުދޫގެ އަހުނަފު ޒާހިރު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އަލީ އަޒްވާން އަބްދުލް އަޒީޒް ވަނީ ދެ ގޯލު ޖަހާފަ އެވެ. ކަނޑުހޮޅުދޫ އިން ދެން ޖެހި ގޯލު އެ ޓީމަށް ޖަހާދިނީ އިސްމާއިލް އަންވަރެވެ. މި މެޗުގައި ކޮލަމާފުށިން ޖެހި ތިން ގޯލު ވެސް އެ ޓީމަށް ޖަހާދިނީ ކެޕްޓަން އާސިފް ހަނީފް އެވެ.
މީގެ އިތުރުން ރޭ ވަނީ މ. އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ. މި ކޮޅުފުށި އާއި މ. މުލި ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި ކޮޅުފުށީގެ މޫމިން ރަޝީދު ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުހައި މުލީގެ މުހައްމަދު އިދާން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި އެގޭ ތިން މިނެޓު ފަހުން މުލީގެ ކެޕްޓަން އަބްދުالله ނާފިއު ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު ދެވަނަ ހާފުގެ ފަހު މިނެޓުގައި މޫސާ ޒާހިރު ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.

މ. މުލި އާއި މ. ކޮޅުފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
މ. އަތޮޅުގެ ގަދަ ބާރެއް ކަމަށްވާ ދިއްގަރު އެ އަތޮޅު ނާލާފުށި އަތް ދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 11 ވަނަ މިނެޓުގައި ދިއްގަރުގެ އަލީ މާޖިދު ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ނާލާފުށީގެ އަހުމަދު ރަފާހު ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި އޭގެ މިނެޓެއް ފަހުން މޫސާ ނައިޝާން ވަނީ ނާލާފުއްޓަށް ލީޑު ނަގާދީފަ އެވެ.
މ. ރަތްމަންދޫގެ މައްޗަށް އެ އަތޮޅު ވޭވަށުން ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވޭވަށުގެ އަހުމަދު ޒަޔާން އިސްހާގް އާއި އިބްރާހީމް އީމައު ދެ ގޯލު ޖެހިއިރު, ޔާމީން އަބްދުالله ގޯލެއް ޖެހި އެވެ. މި މެޗުގައި ރަތްމަންދޫން ޖެހި ގޯލުތައް އެ ޓީމަށް ޖަހާދިނީ ކެޕްޓަން އަހުމަދު ޝަކީބް އާއި އިބްރާހީމް ކާމިލް އެވެ.
މ. މުލަކުން އެ އަތޮޅު މަޑުއްވަރީގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 14 ވަނަ މިނެޓުގައި މުލަކުގެ އާދަމް ނިޒާމް ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދިންއިރު, ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ވިޝާހް ޝަރީފް އެވެ. މި މެޗުގައި މަޑުއްވަރިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ ފަހު މިނެޓުގައި އެ ޓީމަށް ޖަހާދިނީ ތޮލާލް ނަސީރެވެ.
މި މުބާރާތުގައި މިއަދު ހަވީރު ތިން މެޗު ކުޅޭނެ އެވެ. އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު ކުލޭނީ ފ. އަތޮޅު އަދި ދ. އަތޮޅު މެޗުތަކެވެ. އަދި މިރޭ ކުޅޭނީ ތ. އަދި ލ. އަތޮޅުގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅޭ މެޗުތައް:
- ފ. ބިލެތްދޫ - ފ. މަގޫދޫ : 16:00 (ގްރައުންޑް 1)
- ފ. ނިލަންދޫ - ފ. ފީއަލި : 16:00 (ގްރައުންޑް 2)
- ދ. މީދޫ - ދ. މާއެނބޫދޫ : 17:00 (ގްރައުންޑް 1)
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
- ތ. ވިލިފުށި - ތ. ގާދިއްފުށި : 20:00 (ގްރައުންޑް 1)
- ތ. އޮމަދޫ - ތ. ކިނބިދޫ : 20:00 (ގްރައުންޑް 2)
- ތ. ތިމަރަފުށި - ތ. ގުރައިދޫ : 21:00 (ގްރައުންޑް 1)
- ތ. މަޑިފުށި - ތ. ވޭމަންޑޫ : 21:00 (ގްރައުންޑް 2)
- ލ. މާވަށް - ލ. މާބައިދޫ : 22:00 (ގްރައުންޑް 1)
- ލ. ދަނބިދޫ - ލ. ގަން : 22:00 (ގްރައުންޑް 2)
- ލ. މާމެންދޫ - ލ. ހިތަދޫ : 23:00 (ގްރައުންޑް 1)
- ލ. އިސްދޫ - ލ. މުންޑޫ :23:00 (ގްރައުންޑް 2)













